ހަބަރު

ލުތުފީގެ ބަޔާނުން ނަޒާހަތްތެރިކަމާ މެދު ސުވާލުތައް!

May 4, 2018
10

ސުޕްރީމް ކޯޓު ތެރެއިން ވެރިކަން ވައްޓާލުމަށް ރޭވުންތަކެއް ރޭވޭ ކަމުގެ މައުލޫމާތު އެކި މީހުންގެ ފަރާތުން އެނގިވަޑައިގެންނެވި ކަމަށާއި، އެ ވާހަކަތައް އިވި ވަޑައިގެންނެވުމުން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ، ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ހުސައިނަށް އިންޒާރު ދެއްވާފައިވާ ކަމަށް ބުނާ ބަޔާނެއް ލީކް ވެއްޖެ އެވެ.

ލީކްވެފައި ވަނީ އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުން ކުރި ތަހުގީގަށް ލުތުފީ ދެއްވާފައިވާ ބަޔާނެއް ކަމަށް ބުނާ ބަޔާނެކެވެ. އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައިވާ ގޮތުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ފަނޑިޔާރު އަލީ ހަމީދު މެލޭޝިއާ އިން ގެ ބައްލަވައިގަންނަން އުޅުއްވިކަން އެބޭފުޅުން ގެ ބެއްލެވުމުގެ ކުރިން ލުތުފީ ދެނެވަޑައިގަތެވެ. އަދި އެ ބޭފުޅުން ގެ ގަންނަން އުޅުއްވީ ގާސިމް އިބްރާހިމް ހަރަދުކުރައްވާ ގޮތަށް ކަމަށް ރައްޓެއްސެއްގެ ފަރާތުން މައުލޫމާތު ލިބިލެއްވި ކަމަށް ލުތުފީ ވަނީ ބަޔާނުގައި ވިދާޅުވެފަ އެވެ. އަދި ސަރުކާރު ވައްޓާލަން އެ ތިން ބޭފުޅުން ކަންތައްގަނޑެއް ރާވާކަމުގެ މައުލޫމާތެއްވެސް ރައްޓެއްސެއްގެ ފަރާތުން ހުންނެވީ އެނގިވަޑައިގެން ކަމަށް ލުތުފީ ދެއްވި ބަޔާނުގައިވެ އެވެ.

ލުތުފީގެ ބަޔާނުގައި އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އަމުރު ނެރުމާއެކު ފޯނަށް އެ މެސެޖްތައް އަންނަން ފެށީ ހުޅުމާލޭގައި ހުންނަ ޝުވެކް ސިނަމާގައި "ޕަދްމާވަތް" ފިލްމު ބައްލަވަން އިންނަވަނިކޮށެވެ. އަދި މެސެޖްތައް އަންނަން ފެށުމުން "މިީ ކޮންކަމެއް ހެއްޔޭ، އެހެންވީމަ އަޅުގަނޑު ދެއްކި ވާހަކަ މިއީ ހަމަ ތެދެއްތޯއޭ، އެކަމަކު ތިހާ މުނާފިގު ވާކަމަށް ނުވާނެއޭ،" ބުނަން ފަނޑިޔާރު އަލީ ހަމީދާއި ހަސަން ސައީދަށް ގުޅުއްވޭތޮ ބެއްލެވި އެވެ. އަދި ގުޅޭގޮތް ނުވުމުން އެ ދެ ބޭފުޅުންނަށް މެސެޖްވެސް ކުރެއްވި ކަމަށާއި ނަމަވެސް ދެ ބޭފުޅުންކުރެ ބޭފުޅަކު މެސެޖަކަށް ރިޕްލައި ނުކުރައްވާ ކަމަށް ވެސް ލުތުފީގެ ބަޔާނުގައިވެ ވިދާޅުވެފައިވެ އެވެ.

ލުތުފީ އެ ބަޔާނުގައި ވިދާޅުވި ގޮތުގައި އޭނާއާއި ހަސަން ސައީދަކީ ގިނައިން އެކުގައި ވަގުތު ހޭދަކުރައްވާ، އެކުގައި ކެއުމަށް ވެސް ވަޑައިގަންނަވާ ދެ ބޭފުޅުންނެވެ. އަދި ގާތް ރަހުމަތްތެރިކަމެއް ވެސް އޮންނަ ދެ ބޭފުޅުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓުން އަމުރު ނެރުމާއެކު އެ އަމުރު ނެރުމުގައި އޭނާގެ ވެސް އަތެއް އޮވެދާނެ ކަމަށް ބަޔަކު ތުހުމަތު ކޮށްފާނެތީ ކަންބޮޑުވެވަޑައިގެންނެވި ކަމަށް ވިދާޅުވި އެވެ.

"އެއީ ޑިނާ އަށާއި ތަންތަނަށް ވަރަށް ގިނައިން ހަސަން ސައީދް ހުސައިންއާ އެކީގައި ދެވިފައިވުމުން ފެންނަ މީހުން ވެސް އަޅުގަނޑުގެ ބައިވެރިވުމެއް އެކަމުގައި އޮވެދާނެ ކަމަށް ބުނެފާނެތީ އެވެ. އަދި ގާތްގަނޑަކަށް ފާއިތުވި ދެ މަސްދުވަހުގެ ތެރޭގައި އަޅުގަނޑު އެކަނި އުޅޭތީވެ ހަސަން ސައީދު ހުސައިންއާ އެކު ހަސަން ސައީދު ހުސައިން އާއެކު ލެމަންގްރާސް އަށް ކާން ދެވިފައި ހުންނާނެ އެވެ،" ލުތުފީ ވިދާޅުވެފައިވެ އެވެ.

ނަމަވެސް އެއިން އެއްވެސް ބައްދަލުވުމެއްގައި ދެއްކެވި ވާހަކަފުޅެއްގެ ތެރެއިންވެސް އަދި ހަސަން ސައީދު އެކަހަލަ ކަމެއް ކުރާ ކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ. އަދި ހަސަން ސައީދު އެފަދަ ކަމެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ތެރެއިން ވެރިކަން ވައްޓާލުމަށް ރޭވުންތަކެއް ރޭވޭ ކަމަށާއި އަދި އެކި ފަރާތްތަކުން މައުލޫމާތު ލިބި އެފަދަ ވާހަކަ އަޑުއިވިގެން ސަރުކާރާ ދެކޮޅަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރު އަލީހަމީދާއި ހަސަން ސައީދަށް އިންޒާރު ދީފައިވާނެ ކަމަށާއި، ރައީސް ޔާމީނަކީ "ކާކުކަން ދަންނަންޖެހޭނެ،" ކަމަށް އެ ބޭފުޅުން ކައިރީ ވިދާޅުވި ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

މި ބަޔާނާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ ލުތުފީ އަކީ މިނިވަން ކޮމިޝަނެއްގެ މެންބަރަކަށް ވާއިރު އަދި އެ ކޮމިޝަންގެ އިސްބޭފުޅާއަށް ވާއިރު ވަކި ކޮޅަކަށް ކަމެއް ނިންމަން ފަނޑިޔާރުންނަށް އިންޒާރު ކުރުމަކީ އޭނާގެ މަގާމާ އެއްގޮތަކަށް ވެސް ގުޅޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ލުތުފީގެ ނަޒާހަތްތެރިކަމާއި މިނިވަން ކަމާ މެދު ސުވާލުތައް ފެންމަތިވާ ކަމަށް ހިޔާލުފާޅު ކުރާ ފަރާތްތަކުން ބުނެ އެވެ.

"މީގެއިން ދޭހަވަނީ ލުތުފީ ވަކި ފަރާތަކަށް ޖެހިފައި ހުރި މިންވަރު. ސަރުކާރުގެ އިސްވެރިންނަށް ތުހުމަތުވާ ގިނަ ކޮރަޕްޝަން މައްސަލަތައް ހުރި އިރު ލުތުފީ ވަކި ކޮޅަކަށް ޖެހި ވަޑައިގެން ވާހަކަ ދެއްކެވުމަކީ މިނިވަންކަމާއި ނަޒާހަތްތެރިކަމާ މެދު ސުވާލުތައް އުފެދޭނެ ކަމެއް،" ސޯޝަލް މީޑިއާގައި މީހަކު ހިޔާލު ފާޅުކުރި އެވެ. އެކަމާ ގުޅިގެން ލުތުފީގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

އެ ބަޔާނުގައި ލުތުފީ ވިދާޅުވެފައިވާ ގޮތުން ފަނޑިޔާރު އަބްދުﷲ ސައީދު ފާހަގަ ކުރެވިފައިވަނީ ވަރަށް ވަތަނީ އަދި ދިނީ މައުލޫމާތު ވަރަށް ބޮޑަށް އެނގިވަޑައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގަ އެވެ. އެހެންކަމުން އުއްތަމަ ފަނޑިޔާރުގެ ފަރާތުން އެކަހަލަ ކަމެއް ފެނިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އުއްތަމަ ފަނޑިޔާރު، އެ އަމުރު ނެރުއްވީ ކޮންމެވެސް ކަހަލަ ފިއްތުންތަކެއް ކުރިމަތިވެވަޑައިގަތުމުން ކަމަށް ބެލެވޭ ކަމަށް ވެސް ލުތުފީ ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް ހުކުމް ނެރުނު ދުވަހު އަލީ ހަމީދު ކުރެއްވި ފޯން ކޯލެއްގައި ދެއްކެވި ވާހަކައަކުން އެފަދަ ކަމެއް ކުރައްވަފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"އެއީ އެ އަމުރު ނެރުނު ދުވަހުގެ ހެނދުނު 11:30 ގައި އަޅުގަނޑު އޮފީހުގައި ބައްދަލުވުމެއްގައި އިންދާ އަޅުގަނޑަށް (އަލީ ހަމީދު) ގުޅުއްވާފައި ވިދާޅުވި ކަލޯއޭ މީ ތިމަންނަމެން ގެނައި ސަރުކާރެކޭ، މި ސަރުކާރު މި ގެނައީ ތިމަންނަ މެންނޭ، ސަރުކާރު ދިފާއުކުރާނީ ވެސް ތިމަންނަމެންނޭ. ބަލާބަލާށޭ ތިއޮއް އެއާޕޯޓު އެހެދުނީއޭ، ބްރިޖު ތިއޮއް ނިންމަނީއޭ. 25 ބުރީގެ ހޮސްޕިޓަލެއް މި ހެދުނީއޭ، އަތޮޅު ތެރޭގެ 40 ހަކަށް ބަނދަރު އެބަހަދައޭ، އެއީ އެ ދުވަހުގެ 11:30 އާއި 12:00 އާ ދޭތެރެ، އެ ފޯންކޯލް އައުމުން އަޅުގަނޑު ވަރަށް ސަޕްރައިޒްވި، އެއީ އަޅުގަނޑު މީޓިންއެއްގަ އިންދާ ޓަސް ލާފަ ފޯންކޮށް އެކަހަލަ ވާހަކައެއް ދެއްކުމުންނެވެ. އަދި ހާސްނުވާށޭ ކިޔާފަ ފޯން ބޭއްވި އެވެ، ލުތުފީ ދެއްވި ބަޔާނުގައިވެ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އެކަމުގައި ގުޅިގެން މަސައްކަތް ކުރިކަމަށް ތުހުމަތުކޮށް ގިނަ ފަރާތަތަކެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދާއި ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަދު ނަދީމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ.

ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ މައްސަލަތަކުގައި އެބޭފުޅުންނާ ދެކޮޅަށް ދައުލަތުން ކުރާ ގިނަ ދައުވާތަކެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މި ބަޔާންތަކަކީ ސައްހަ ބަޔާންތަކެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި ބަޔާންތައް ލީކްކޮށްލި މީހުން ހޯދާ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.