ހަބަރު

ދުންޔާ ނަޝީދަށް: ބޭރުގެ އަސްކަރީ އެހީއަކަށް ނޭދެން

May 4, 2018
6

ބޭރު އަސްކަރިއްޔާއެއްގެ އެހީތެރިކަމަށް އެދިވަޑައިގެންފައި ނުވާކަމަށް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ޑިމޮކްރަސީ ދެމެހެއްޓުމުގައި ސަރަހައްދުގެ އެންމެ ބާރުވެރި ގައުމުގެ ހައިސިއްޔަތުން އިންޑިއާގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް އެގައުމު ނުކުޅެދިފައިވާ ކަމަށް ބުނެ އެކަމަނާ ކުރެއްވި ޓުވީޓަކާ ގުޅިގެން، އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް ރާއްޖެ ބޭނުންވާކަމަށް ދުންޔާ ވިސްނަވާތީ އުފާކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ދުންޔާގެ އެ ޓުވީޓާ ގުޅިގެން ނަޝީދު ވިދާޅުވީ، އިންޑިއާގެ އަސްކަރީ އެހީތެރިކަމަށް ރާއްޖެ ބޭނުންވާކަން ކުރީގެ ހާރިޖީ ވަޒީރަށް ވިސްނިވަޑައިގަންނަވާތީ އުފާފުޅުކުރައްވާ ކަމަށެވެ. އެއީ އެމަނިކުފާނުގެ ވެސް ވިސްނުންފުޅެއް ކަމަށެވެ.

ދުންޔާގެ ޓުވީޓަކާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓް --

ނަޝީދުގެ އެ ވާހަކަފުޅަށް ރއްދު ދެއްވައި ދުންޔާ މިއަދު ވިދާޅުވީ، ރައީސް ނަޝީދަށް ވަރަށް އިހުތިރާމްކުރައްވާ ކަމަށެވެ. ނަމަވެސް އަސްކަރީ އެހީތެރިކަމަކަށް އެކަމަނާ އެއްވެސް ވަރަކަށް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ބޭނުންފުޅުވެ ލައްވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ނުގެއްލޭފަދަ ގޮތެއްގެ މަތިން ކަންކަން ހައްލުވެގެން ދިއުމަށް ކަމަށާއި ރައީސް ނަޝީދުވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ސަރުކާރުގެ ސްޓޭޓް ހެލްތު މިނިސްޓަރެއްގެ މަގާމުގައި ހުންނެވުމަށްފަހު ދާދިފަހުން ދުންޔާ ސަރުކާރާ ވަކިވެވަޑައިގެންފަވަނީ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން އެކަމަނާގެ ބައްޕާފުޅު ޖަލުގައި ބަންދުކުރި ފަހުންނެވެ. އޭގެ ފަހުން އެކަމަނާ ގެންދަވަނީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންދުކޮށްފައިވާ ބައްޕާފުޅު މައުމޫން އަބްދުލް ގައްޔޫމް މިނިވަންކުރެއްވުމަށް ގޮވާލައްވަމުންނެވެ. އަދި ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތައް ހައްލުކުރުމުގައި އެހީތެރިވުމަށް ބޭރުގެ އެކި ފަރާތްތަކަށް ވެސް ގޮވާލަމުންނެވެ.