ހަބަރު

މުހުތާޒްގެ ފަރުވާއަށް އިހުމާލުވާ މައްސަލަ ހުށަހަޅައިފި

May 4, 2018

ސަތާރަ އަހަރުގެ ހުކުމެއް ތަންފީޒު ކުރަން ޖަލުގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބޭސްފަރުވާ އަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިހުމާލުވަމުންދާ މައްސަލަ މުހުތާޒްގެ އާއިލާއިން ކަމާބެހޭ އެކި މުއައްސަސާތަކަށް ސިޓީއަކުން ހުށަހަޅައިފި އެވެ.

މުހުތާޒްގެ ބޭސްފަރުވާގެ ކަންކަން ކަރެކްޝަނަލް ސާވިސްއިން ރަނގަޅަށް ނުބަލަހައްޓާކަމަށް ތުހުމަތުކޮށްފައިވާ އެސިޓީ އާއިލާއިން ވަނީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ފޮނުވާފަ އެވެ. އަދި އެޗްއާރްސީއެމަށް ވެސް އެ ސިޓީ ވަނީ ފޮނުވާފަ އެވެ.

އާއިލާއިން އެންއައިސީއަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، މުހުތާޒަކީ މާފުށީ ޖަލަށް ބަދަލު ކުރިއިރުވެސް މާބަދައިގެ މައްސަލަތަކަކަށް ފަރުވާކުރަމުންދާ ފަރާތެއް ކަމަށާއި ޖަލަށް ބަދަލު ކުރުމަށްފަހު ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބުމުގެ ސަބަބުން މައިބަދައަށް ލިބިފައިވާ ގެއްލުން އިތުރަށް ބޮޑުވެގެން ގޮސްފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ދެ ފަހަރެއްގެ މަތިން އޭޑީކޭ ހޮސްޕިޓަލްގައި އެޑްމިޓްކޮށް މުހުތާޒްގެ މައި ބަދައަށް ދެ އިންޖެކްޝަން ޖަހާފައިވާ ކަމަށާއި އެ އިންޖެކްޝަންގެ އަސަރު ހަށިގަނޑަށް ކުރުމަށް ހާއްސަ ފިޒިއޮތެރަޕީއެއް ބޭނުންވާ ކަމަށާއި ނަމަވެސް ކަރެކްޝަނުން އަމަލު ކޮށްފައިވަނީ ޑޮކްޓަރުގެ އިރުޝާދާ ހިލާފަށް ކަމަށެވެ.

އާއިލާއިން ބުނީ މާބަދައިގެމައްސަލަތަކުގައި ކުރިން މުހުތާޒް ބެއްލެވި ޑޮކްޓަރު، ޑރ އަލީ ނިޔާފް ފަރުވާއަށް ބޭރަށް ދިއުމަށް ލަފާ ދެއްވާފައި ވަނިކޮށް ބޭރުން އެމަޖެންސީކޮށް ކުރަންޖެހޭ ފަރުވާއެއް ނެތް ކަމަށް އޭނާ ފަހުން ބެއްލެވި ޑރ ޔޫސުފް ޝާން ނިންމި ނިންމުމަކީ ނުފޫޒުން ނުވަތަ މީހެއްގެ އޯޑަރެއް ނުވަތަ މަޖްބޫރީ ހާލަތެއްގައި ހުރެ ނިންމި ނިންމުމެއް ކަމާއިމެދު އާއިލާއިން ޝައްކުކުރާ ކަމަށެވެ.

މީގެ އިތުރުން ވެސް ކަރެކްޝަނަލް ސާވިސްއިން މުހުތާޒްގެ ބައްޔަށް ގަވާއިދުން ކުރަންޖެހޭ ފަރުވާތައް ކުރުމުގައި ފަރުވާކުޑަކޮށް، ހަމަޔަށް ބޭސް ފޯރުކޮށް ނުދީ ޑޮކްޓަރު ދޭ އެހެން ލަފާތަކަށް ފާޅުގައި އިހުމާލުވާކަމަށް އާއިލާއިން ގަބޫލުކުރާތީ އެ މައްސަލަ ވީހާވެސް އަހަވަށް ބަލައިދިނުމަށް އެންއައިސީގައި އާއިލާއިން ވަނީ އެދިފަ އެވެ.