ހަބަރު

ފަނޑިޔާރުން ސިއްރު ހެކިބަސް ދިނުމަކީ ގާނޫނީ ގޯހެއް: ދިޔާނާ

ފަނޑިޔާރުން ސިއްރުން ހެކި ބަސް ދިނުމަކީ ގާނޫނީ ގޮތުން ބޮޑު ގޯހެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ ސައީދު މިހެން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ދަށު ކޯޓުގެ ދެ ގާޒީއަކު ބަޔާން ދެއްވައި އެ ދެ ގާޒީން ސިއްރު ހެކީގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާކަން ހާމަވެފައިވަނިކޮށެވެ.

"ފަނޑިޔާރުން އައިޑެންޓިޓީ ވަންހަނާ ކުރައްވާ ސިއްރު ހެކި ބަސް ދެއްވުމަކީ ގާނޫނީ ވަރަށް ބޮޑު ގޯހެއް، އެމީހަކާ ދެކޮޅަށް ހެކި ބަސް ދެއްވާ މީހާގެ މައްސަލައެއް ބައްލަވަން އެ ފަނޑިޔާރަކު އިންނެވިޔަސް ނޭނގޭނެ، ކްރޮސް އެގްޒަމިނޭޝަންގެ ޑިސްކްރެޑިޓް ވެއްޖެނަމަ ތައައްސަބު އުފެދުން ގާތް،" ދިޔާނާ ސައީދު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް ހެކި ބަސް ދެއްވާފައިވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް އާރިފާއި ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމެވެ. އެ ދެ ބޭފުޅުން ވެސް ވަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެންގެވި ގޮތަށް އަމުރުތަކާއި ހުކުމްތައް ނެރުއްވި ކަމަށް އިއުތިރާފުވެފަ އެވެ.

އެ ދެ ގާޒީންގެ އިސްތިއުފާއަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވެސް ވަނީ ގޮވާލައްވާފަ އެވެ. ގާޒީންގެ ބަޔާންތައްކާއި އެހެން ވެސް ގިނަ ބަޔާންތަކެއް ލީކްވި މައްސަލަ މިހާރު ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.