ވިޔަފާރި

މަހުގެ އެކްސްޕޯޓް ފަސް އަހަރު ތެރޭ 19 ޕަސެންޓް އިތުރު

May 6, 2018
2

ރާއްޖޭން މަހުގެ ބާވަތްތައް ބޭރުކުރި މިންވަރު ފަސް އަހަރު ތެރޭގައި 19 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2013 ވަނަ އަހަރު ރާއްޖޭން އެކްސްޕޯޓް (ބޭރުކުރީ) 166 މިލިއަން ޑޮލަރުގެ މަހެވެ. ނަމަވެސް 2017 ވަނަ (މިދިޔަ) އަހަރު މި އަދަދު އުޅެނީ 199 މިލިއަން ޑޮލަރުގަ އެވެ. މިއީ ގާތްގަނޑަކަށް 19 ޕަސެންޓް އިތުރު އަދަދެކެވެ. މިގޮތުން 2013 ވަނަ އަހަރު ތާޒާ، ފިނިކުރި ނުވަތަ ގަނޑުކުރި ކަނޑުމަހުގެ ގޮތުގައި އެކްސްޕޯޓް ކޮށްފައިވަނީ 133 މިލިއަން ޑޮލަރުގެ މަހެވެ. 2017 ވަނަ އަހަރު 158 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓް ކުރި އެވެ. މިއީ 18 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި 2013 ވަނަ އަހަރު 46 މިލިއަން ޑޮލަރުގެ ކަޅުބިލަ މަސް ބޭރުކުރި އެވެ. މިއީ 2017 ވަނަ އަހަރު އެކްސްޕޯޓް ކުރި 76 މިލިއަން ޑޮލަރުގެ ކަޅުބިލަ މަހާ އަޅާ ބަލާއިރު 65 ޕަސެންޓް އިތުރު އަދަދެކެވެ. ނަމަވެސް މިދިޔަ 2013 ވަނަ އަހަރު 85 މިލިއަން ޑޮލަރުގެ ކަންނެލި ބޭރު ކުރިއިރު 2017 ވަނަ އަހަރު ބޭރުކޮށްފައިވަނީ 79 މިލިއަން ޑޮލަރުގެ ކަންނެއްޔެވެ. މި އަދަދަކީ ހަތް ޕަސެންޓް ދަށް އަދަދެކެވެ. އަދި 2013 ވަނަ އަހަރު ދަޅުގައި ނުވަތަ ޕެކެޓުގައި ބަންދުކުރި މަހުގެ ގޮތުގައި 16 މިލިއަން ޑޮލަރުގެ ތަކެތި ބޭރު ކުރި އެވެ. އަދި 2017 ވަނަ އަހަރު މި އަދަދު އުޅެނީ 23 މިލިއަން ޑޮލަރުގަ އެވެ. މި އަދަދަކީ 43 ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު 97 މިލިއަން ޑޮލަރުގެ މުދާ ރާއްޖޭން އެކްސްޕޯޓު ކުރި އެވެ. ނަމަވެސް މީގެ ފަސް އަހަރު ކުރި 2013 ވަނަ އަހަރުގެ އެކްސްޕޯޓު އުޅެނީ 61 މިލިއަން ޑޮލަރުގަ އެވެ.