ވިޔަފާރި

މަސްވެރިކަން ރަނގަޅުވެ، ރާއްޖޭގެ އެކްސްޕޯޓް އިތުރުވެއްޖެ

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެފައިވާތީ، ބޭރު ކުރި މަހުގެ އަދަދު އިތުރުވުމުން ރާއްޖޭގެ އެކްސްޕޯޓް ބޮޑުތަން އިތުރުވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ނެރެފައިވާ އިމްޕޯޓް / އެކްސްޕޯޓްގެ ހިސާބުތަކުގައިވާ ގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭން އެކްސްޕޯޓު ކުރި މުދަލުގެ އެފްއޯބީ އަގު (ބޭރުކުރި މުދަލުގެ އަގު) އުޅެނީ 136 މިލިއަން ރުފިޔާގަ އެވެ. ނަމަވެސް މި އަހަރުގެ ސެޕްޓެމްބަރު މަހު މި އަދަދު ވަނީ 166 މިލިއަން ރުފިޔާ އަށް އިތުރުވެ، 22 ޕަސެންޓުގެ ކުރިއެރުމެއް ލިބިފަ އެވެ. މައިގަނޑު ސަބަބަކީ ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް މި އަހަރުގެ ފުރަތަމަ ތިން މަހުން ފެށިގެން ރަނގަޅުވެފައިވުމެވެ. އެހެންވެ މި މުއްދަތުގައި އެންމެ ގިނައިން އެކްސްޕޯޓުކޮށްފައިވަނީ ވެސް މަހުގެ ބާވަތް ތަކެވެ.

ސެޕްޓެމްބަރު މަހު 77 މިލިއަން ރުފިޔާގެ ރޯމަސް ވަނީ ތައިލެންޑަށް އެކްސްޕޯޓުކޮށްފައިވެ އެވެ. މީގެތޭގައި ބޮޑު ކަންނެެއްޔާއި ކަޅު ބިލަ މަސް އަދި މަހުގެ އެކި ބައިތައް ވެސް ހިމެނެ އެވެ.

ރާއްޖޭގެ އެކްސްޕޯޓުގެ 47 ޕަސެންޓް ތައިލެންޑުން ހިއްސާކޮށްފައިވެ އެވެ. މީގެ އިތުރުން ފްރާންސުން އަށް ޕަސެންޓް (13 މިލިއަން ރުފިޔާ) ހިއްސާކޮށްފައިވާއިރު، އިނގިރޭސިވިލާތުން ހަ ޕަސެންޓް (10 މިލިއަން ރުފިޔާ) ހިއްސާކޮށްފައިވެ އެވެ. ދެން ހިމެނެނީ ޖަރުމަނުވިލާތް ހަ ޕަސެންޓް (10 މިލިއަން ރުފިޔާ) އަދި އެމެރިކާ (އަށް މިލިއަން ރުފިޔާ) ފަސް ޕަސެންޓް ހިއްސާކޮށްފައިވެ އެވެ.

އެކްސްޕޯޓާއި އާމްދަނީ

  • ތައިލެންޑް 77 މިލިއަން ރުފިޔާ
  • ފްރާންސް 10 މިލިއަން ރުފިޔާ
  • ޖަރުމަނު 10 މިލިއަން ރުފިޔާ
  • އެމެރިކާ އަށް މިލިއަން ރުފިޔާ

މިދިޔަ އަހަރު ރާއްޖެ އަށް އިމްޕޯޓް ކޮށްފައިވަނީ 3.7 ބިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރު މި އަދަދު ހުރި 3.8 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު ހަތަރު ޕަސެންޓުގެ އިތުރުވުމެކެވެ.

މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނަ އިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫއޭއީ އާއި ޗައިނާ އަދި އިންޑިއާ އެވެ. އެގޮތުން ޔޫއޭއީ އިން 720 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 703 މިލިއަން އަދި އިންޑިއާ އިން 370 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު އެތެރެކުރި އެވެ.

އާމްދަނީ ނުވަ ޕަސެންޓް އިތުރުވި

ކަސްޓަމުން ބުނި ގޮތުގައި ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު ވަނީ ނުވަ ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައުލަތަށް 262 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރު ލިބުނު އަދަދު ވަނީ 286 މިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ ނުވަ ޕަސެންޓުގެ އިތުރުވުމެކެވެ.