މިދިޔަ މަހު ރާއްޖޭން 50 މިލިއަން ރުފިޔާގެ މަސް އެކްސްޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން ބުނެފި އެވެ.
ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭން 50 މިލިއަން ރުފިޔާގެ ރޯމަސް އެކްސްޕޯޓް ކުރިއިރު، މިދިޔަ ރާއްޖޭން 149 މިލިއަން ރުފިޔާގެ މުދާ ވަނީ ބޭރުކޮށްފަ އެވެ. ނަމަވެސް ބޭރުކުރި މުދަލުގެ އަދަދު ވަނީ 73 ޕަސެންޓް ވަނީ ދަަށްވެފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ އެކްސްޕޯޓުގެ ބޮޑުބައި ފޮނުވާފައިވަނީ ރާއްޖޭގެ ރޯމަހުގެ މައި މާކެޓު ކަމަށް ތައިލެންޑް އަށެވެ. އެ ގައުމަށް 51 މިލިއަން ރުފިޔާގެ (46 ޕަސެންޓް) މަސް އެކްސްޕޯޓްކުރި އެވެ. އަދި ދެވަނައަށް އެންމެ ގިނަ ބާވަތްތައް އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނު ވިލާތަށެވެ. އެ ގައުމަށް 20 މިލިއަން ރުފިޔާގެ މަހުގެ ބާވަތްތައް އެކްސްޕޯޓް ކުރި އެވެ.
މަހުގެ އެކްސްޕޯޓްގެ އަދަދުތައް:
- ފިނިކުރި މަސް 50 މިލިއަން ރުފިޔާ
- ކަޅުބިލަމަސް 11 މިލިއަން ރުފިޔާ
- ބޮޑު ކަންނެލި 13 މިލިއަން ރުފިޔާ
- ކަންނެލި މަސް 8 މިލިއަން ރުފިޔާ
- މަހުގެ އެހެން ބާވަތްތައް 18 މިލިއަން ރުފިޔާ
މިދިޔަ މަހު ރާއްޖެ އަށް ތެޔޮ ހިމަނައިގެން 1.5 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓް ކޮށްފަ އެވެ. އަދި އިމްޕޯޓް/ އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި 117 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު މި ދާއިރާ އިން ލިބުނު އާމްދަނީ ވަނީ 59 ޕަސެންޓް ދަށްވެފަ އެވެ.
ރާއްޖެ އަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކޮށްފައިވަނީ އިންޑިއާ އިންނެވެ. އެ ގައުމުން 262 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ. އަދި ދެވަނަ އަށް އެންމެ ގިނައިން މުދާ އެތެރެ ކުރި ޗައިނާ އިން 245 މިލިއަން ރުފިޔާގެ މުދާ އެތެރެކުރި އެވެ. އަދި ތިން ވަނަ އަށް އެންމެ ގިނައިން މުދާ އެތެރެކުރި ސިންގަޕޫރުން 117 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.
އެތެރެކުރި މުދަލުގެ އަދަދު
- ކެއުން ބުއިމަށް ބޭނުންވާ ސާމާނު 373 މިލިއަން ރުފިޔާ
- މެޝިނަރީ އާއި މެކޭނިކަލް އިކްއިޕްމަންޓް 295 މިލިއަން ރުފިޔާ
- ކެމިކަލްގެ ބާވަތްތައް 179 މިލިއަން ރުފިޔާ
- ތެލުގެ ބާވަތްތައް 95 މިލިއަން ރުފިޔާ
މިދިޔަ އަހަރުގެ މެއި މަހު 76 އުޅަނދެއް މުދާ ހިފައިގެން ރާއްޖެ އައިސްފައިވެ އެވެ. ނަމަވެސް މި އަހަރުގެ މެއި މަހު މުދާ ހިފައިގެން އައިސްފައިވަނީ 38 އުޅަނދެވެ.