ރިޕޯޓް

ބޮޑު ލީކުގައި ކިލަނބު ނުވާ މީހެއް ނެތް!

ކޮންމެ ގައުމެއްގައި ވެސް އެންމެ ހުރުމަތްތެރި އެންމެ އިހްތުރާމް ކުރާ ތަނެއްގެ ގޮތުގައި އޮންނަނީ އެ ގައުމެއްގެ ފަނޑިޔާރުގެ އެވެ. އެއީ އިންސާފުގެ ދޮރޯއްޓެވެ. އިންސާފަށް ޓަކި ދޭ ގެ އެވެ. ރާއްޖޭގައި ވެސް ބޮޑެތި މުސާރަ އާއި ބޮޑެތި އިނާޔަތްތައް ދީ ފަނޑިޔާރުން އުމުރު ދުވަހަށް އައްޔަން ކޮށްފައިވަނީ ރައްޔިތުން އިންސާފު ހޯދުމަށެވެ. އަދުލުވެރި ހުކުމްތައް ކުރުމަށެވެ. އެކަމަކު އަބަދުވެސް ރައްޔިތުންގެ ހިތުގައި އޮންނަ ޝައްކަކީ ފަނޑިޔާރު ގެތަކަށް އެކި ނުފޫޒުތައް ވަދެފައި އޮތުމެވެ.

ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި ބުނެ ކިޔައިގެން ހުކުމްތައް ނެރޭ ކަމީ ރައްޔިތުން އަބަދުމެ ދައްކާ ވާހަކައެކެވެ. އެކަމުގައި ހެއްކެއް ނެތް ނަމަވެސް ރައްޔިތުން ދައްކަމުން ދިޔަ ވާހަކައެކެވެ. ކޯޓުގެ ހުރުމަތް ކަނޑާ ކަމަށް ބުނެ އަދަބު ދެމުން ދިޔައިރު ބައެއް ގާނޫނީ ވަކީލުން ވެސް ދައްކަމުން ދިޔަ ވާހަކައެކެވެ. ރިޝްވަތު ނުބައި ފޭރާމުން ފަނޑިޔާރު ގެތައް ޖަރީކުރަމުންދާ ވާހަކަ ތުންތުން މަތީ އޮތްވައި އައީ އެކެއް ފެބުރުއަރީ އެވެ. ފަނޑިޔާރުގެތަކުގެ ވަންހަނާ ސިއްރު ފާޅުވާން މެދުވެރި ފާލަމަކަށް އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ވެގެން ދިޔަ އެވެ.

މިހާތަނަށް ކުށް ސާބިތު ނުވި ނަމަވެސް ފުލުހުންނަށް ވަނީ ޝަރުއީ ދާއިރާގެ އެންމެ އިސް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތު ހިއްޕަވާ ކަމުގެ ހެކި ލިބިފަ އެވެ. ނުފޫޒު ފޯރުވާ ކަމުގެ ހެކި ލިބިފަ އެވެ. ކަން ހިނގައިދިޔަ ގޮތުން އެއީ ހަގީގަތެއް ނޫން ކަމަށް ދެކުނު ރައްޔިތުންނަށް ވެސް މިހާރު ވަނީ އެއީ ހަމަ ހަގީގަތަށް ވެދާނެ ކަމަށް ކަށަވަރުވާ މިންވަރަށް ކަންކަން ގޮސްފަ އެވެ. "ބޮޑު ލީކް" ގެ ގޮތުގައި ވައިގައި ހިފާފައިވާ ސިއްރު ބަޔާންތަކުގެ ލީކުން ހާމަވެގެން ދިޔަ ބޮޑު ސިއްރުން ހިތްތަކުގައި ހުރި ވަހުމްތައް ވީ މުޅިން ހަގީގަތަށެވެ. މަތީ ކޯޓުން ދަށު ކޯޓަށް ނުފޫޒު ފޯރުވާ އެނގި ހާމަވީ އެވެ. ނުފޫޒުގައި ހުކުމްތަކާއި އަމުރުތައް ނެރުނުކަން ހާމަވީ އެވެ. މަތީ ފަނޑިޔާރުން ހުކުމް ލިޔެދޭ ހިސާބަށް ވެސް ދިޔައީ އެވެ. ސަހަރޯ އެވެ.

ސިއްސަ ސިއްސައިގެން ދިޔަ ބަޔާންތައް!

އެންމެ ބޮޑެތި ޝަރީއަތްތައް ކުރިއަށްދާ ފާޑުކިޔުން އެހާމެ އަމާޒުވާ ކުރިމިނަލް ކޯޓު މިހާރު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އަރީފު ފުލުހުންނަށް ދެއްވާފައިވާ ބަޔާނުން އެ ބޭފުޅާ ހުންނެވީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ ނުފޫޒުގެ ދަށުގައި އެނގެ އެވެ. އެ ދެ ބޭފުޅުންގެ އެންގުމަށް ގާޒީ އަރީފު ގަބޫލު ކުރައްވާ ގޮތަށް ހިލާފަށް ތިން އަމުރެއް ބާތިލުކޮށްފައިވެ އެވެ. އެއީ މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އިލްހާމް އަހުމަދާއި މުހައްމަދު ނަދީމް ހައްޔަރުކުރަން އެ ކޯޓުން ނެރުނު އަމުރެވެ. އެ އަމުރުތައް ބާތިލުކުރުމަށް އުއްތަމަ ފަނޑިޔާރު ގާޒީ އާރިފަށް އެންގެވިއިރު އެއީ ނިޒާމްގައި އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ދަށު ކޯޓެއްގެ އަމުރަކީ ސުޕްރީމް ކޯޓަށް ކޮންމެ ވަގުތެއްގައި ވެސް ބާތިލު ކުރެވޭނެ އެއްޗެކެވެ. ދަށު ކޯޓުގެ ގާޒީއަށް ނުވަތަ އަމުރު ނެރުނު ގާޒީއަށް އެއްވެސް ބިރެއް ދައްކާކަށް ނުޖެހެ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް އެކަމުގައި ގޮތް ނިންމޭނެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމްގެ ބަޔާނަކީ ސިއްސަ ސިއްސައިގެން ދިޔަ ބަޔާނެކެވެ. ބޮޑެތި ގިނަ މައްސަލަތަކެއް ހުކުމްތައް ނެރުއްވާފައިވާ ގާޒީ ހަލީމަށް ފާޑުކިޔުން އަމާޒުވާން ފެށީ އެންމެ ދުވަސްވީ ނޫސް، ހަވީރު ނޫހު މައްސަލާގައި ނެރުނު ހުކުމާ ހިސާބުންނެވެ. ރާއްޖޭގެ ތާރީހުގެ މުހިންމު ހިއްސާއެއް ކަމަށްވާ އެ ނޫސް ބަންދުކުރަން ޖެހުނީ އެ ހުކުމަކާ ހުރެ އެވެ. އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލި އެ މުވައްޒަފުންގެ ހައްގުތައް އެ ހުކުމަކުން ހިފެހެއްޓި އެވެ. ގާޒީ ހަލީމްގެ ބަޔާނުން އެނގިގެން ދިޔައީ އެއީ ހުދު އެ ބޭފުޅާ ލިޔުއްވި ހުކުމެއް ވެސް ނޫން ކަމެވެ. އެންމެ ދެރަވެގެން ސިވިލް ކޯޓުގެ ތެރޭގައި ލިޔުނު ހުކުމެއް ވެސް ނޫން ކަމެވެ. ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީއާއެކު ގާޒީ ހަލީމް ސުޕްރީމް ކޯޓަށް އެ ހުކުމް ލިޔުއްވަން ވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވަނީ ހުދު ގާޒީ ހަލީމެވެ. އެ ހުކުމް ބޭނުންވާ ގޮތަށް ފަރުމާކޮށް ހުކުމް އިއްވޭ ވަރު ކޮށްލަ ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދެވެ. ހަމަ ސަހަރޯ އެވެ.

އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ތެރޭގައި އުފުދެނު ކޯޅުންގަނޑުގައި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަތްޕުޅުން އެ ޕާޓީ "ޖަހައިގަތް" ހުކުމަކީ ވެސް މައްސަލަ ބެއްލެވި ގާޒީ ހަލީމް ގަބޫލު ކުރައްވާ ގޮތަށް ނެރުއްވާފައި ހުކުމެއް ނޫން ކަމާއި އެއީ ވެސް މަތީ ކޯޓުގެ ފަނޑިޔާރުންގެ ނުފޫޒުން އައި ހުކުމެއްކަން ބަޔާނުން ސާފުވެ އެވެ. ގާޒީންގެ އިއުތިރާފު ބަޔާންތަކުން މިއީ ކުޑަ މިންވަރެކެވެ. މިވަރުން ވެސް އެނގި ހާމަވަނީ ޝަރުއީ ނިޒާމް އޮތީ ވެއްޔާއި މޮޑެވިފަ ކަމެވެ. ކޯޓުތަކުގެ ހުރުމަތާއި ކަރާމަތް ރައްކާތެރިކުރުމަށް ކޯޓުތަކުގެ ފަނޑިޔާރުން ރައްޔިތުންނަށާއި ވަކީލުންނަށާއި ނޫސްވެރިންނަށް އިންޒާރުދީ އަންގަމުން ދިޔައިރު އިތުބާރު އަލުން ނުކުރެވޭވަރަށް ހާލަތު ދަށަށް ވައްޓާލީ ހަމަ ކޯޓުތަކުގެ ފަނޑިޔާރުން އިސްވެ ކުރީގައި ތިއްބަވައިގެންނެވެ. އެ ބޭފުޅުން ހިންގަވާފައިވާ ސަހަރޯއޭ ހީވާ އަމަލުތަކުންނެވެ.

ދެން ދައްކާ އޮތީ މި ހުރިހާ ކަމެއް ބަލައި ފާރަވެރިވާން އޮތް މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ވާހަކަ އެވެ. އެ ކޮމިޝަންގެ އެންމެ އިސްވެރިޔާ ހަސަން ލުތުފީގެ ބަޔާނުނާއި އެ ބަޔާނުން ހާމަވި ކަންކަމުގެ ވާހަކަ އެވެ.

"ސަރުކާރާ ދެކޮޅު ކަމެއް ނުކުރަން އިންޒާރު ކުރިން، ރައީސް ޔާމީނަކީ ކާކުކަން ދަންނަންޖެހޭ،"

މިއީ އޭސީސީގެ ރައީސްގެ ބަހެވެ. އޭސީސީއަކީ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ. ސަރުކާރަކަސް އިދިކޮޅަކަސް ފަނޑިޔާރަކަސް މެންބަރަކަސް އޭސީސީއަށް ވާނީ ހަމަހަމަ އެވެ. މައްސަލައެއް ފެންމަތިކޮށްފިނަމަ އެކަމެއް ބަލަންޖެހޭނެ އެވެ. ނަމަވެސް ލުތުފީގެ އަމިއްލަ ބަޔާނުން އެނގިގެން ދަނީ ސަރުކާރާއި ރައީސް ޔާމީން ދެކެ އޭނާ ޖެހިލުންވާ ކަމެވެ. ރައީސްއާ ދެކޮޅަށް ކަމެއް ކުރައްވަން ނުކުރޭނެ ކަމެވެ. މައްސަލަ ތަހުގީގުކޮށް ސަރުކާރަށް ގެއްލުންވާ ގޮތަށް ކަމެއް ކުރައްވަން ނުކުރޭނެ ކަމެވެ. އެމްއެެމްޕީއާރްސީގެ ހިޔާނާތް ފަދަ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް މި ސަރުކާރުގެ ތެރެއިން ހިނގާ އެ މައްސަލަތައް އޭސީސީގައި އޮތްވައި މިފަދަ ގޮތަކަށް ލުތުފީ ވާހަކަ ދެއްކެވުމަކީ އޭނާގެ ނަޒާހަތްތެރިކަމާމެދު ސުވާލުތައް އުތިރި އަރަން ވަރަށް މުޖައްރިބު ކަމެކެވެ. މައްސަލަތައް ފައިލްކޮށް މައްސަލަތައް ނުނިމި ދިގުލައިގެންދާ ސަބަބު ލުތުފީ އަމިއްލައަށް އެވަނީ ވިދާޅުވެފަ އެވެ. ރައީސް ޔާމީނަކީ ކޮން ބޭފުޅެއްކަން ލުތުފީއަށް އެނގުމެވެ. ޖެހިލުންވުމެވެ.

މިނިވަން މުއައްސަސާއަކަށް އިތުބާރު ކުރާނަންތޯ ސުވާލުކުރުމުން މިހާރު ހަމަ ބުނެވޭނީ ސަހަރޯއޭ ތި އިތުބާރެއް ކުރާނީ ކިހިނެއްހޭ ހެއްޔެވެ އެވެ.

ރައީސްގެ ދިފާއުގައި އިސް ފަނޑިޔާރު!

ލުތުފީ ވަނީ ފަނޑިޔާރުންނާއެކު ނުރަސްމީ ބައްދަލުވުންތައް ބާއްވައި ތަފާތު މުއާމަލާތްތައް ވެސް ކޮށްފަ އެވެ. މެލޭޝިއާއިން ފުލެޓްތަކެއް ފަނޑިޔާރުން ގަންނަން އުޅުނު ކަމާއި އެކަމަށް ފައިސާ ދައްކާ ގޮތާއި ފައިސާ ދެނީ ކޮން ވިޔަފާރިވެރިޔެއްކަން ވެސް ލުތުފީއަށް އެނގެ އެވެ. އެއީ ކޮރަޕްޝަން ހުއްޓުވަން ހުންނެވި ބޭފުޅާ އެވެ. ހުރިހާ ކަމެއް އެނގިހުރެ ބޮޑު ވިލާގަނޑު އައިސް ރާއްޖެ ބަނަކޮށްލަން ދެން ހުންނެވީ ބައްލަވާށެވެ. އިންނެވީ "ޕަދްމާވަތް" ބައްލަވާށެވެ.

"ރައީސް ދިފާއުކުރަން ކަނޑި އުރައިގެން ދަމައިގެން، މިއީ ތިމަންނަމެން ގެނައި ސަރުކާރެއް، ސަރުކާރު ދިފާއު ކުރާނީ ވެސް ތިމަންނަމެން،"

މިއީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް ވިދާޅުވި އެއްޗެއް ކަމަށް ހީނުކުރާށެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވިދާޅުވެފައިވާ ކަމަށް ލުތުފީ ވިދާޅުވާ ވިދާޅުވުމެކެވެ. ސަރުކާރަކީ ސުޕްރީމް ކޯޓުގެ އެހީގައި އައި ސަރުކާރެއް ކަމަށް އެމްޑީޕީއިން ތަކުރާރުކޮށް ބުނާއިރު އެކަމުގައި މޯހަރު ޖަހައިދީފައިމިވަނީ ފަނޑިޔާރު އަލީ ހަމީދެވެ. ސުޕްރީމް ކޯޓުން ސަރުކާރުގެ ދިފާއުގެ ބޮޑެތި ހުކުމްތައް ނެރޭ ކަމުގެ ތުހުމަތު ކުރެވޭއިރު އެކަން ވެސް ޔަގީންކޮށް ދެއްވާފައިމިވަނީ ހަމަ އެ ފަނޑިޔާރެވެ. އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ؟

މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިސް މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި އަދި ފަހުން އެމްއާރުޑީސީގެ އެމްޑީކަން ވެސް މަދު ދުވަސްކޮޅެއްގައި ކުރެއްވި، މުހައްމަދު ޝަފާއުގެ ބަޔާނަށް އަލި އަޅުވާއިރު ވެސް ހާމަވަނީ ޝަރުއީ ނިޒާމްގެ ހަޑި ފުށެވެ. ސަރުކާރުން ރައްޔިތުންނަށް ވިއްކާ ކަމަށް ބުނި ގާކޮށީގެ ފްލެޓްތަކެއް ގަންނަން ސުޕްރީމް ކޯޓުގެ އެންމެ އިސް ދެ ފަނޑިޔާރުން ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި އެކަން ކޮށްފައިވަނީ މުލިއާގެ ޗީފް އޮފް ސްޓާފްއާ ގުޅިގެންނެވެ. ހުރިހާ އަޕްޑޭޓެއް އޭނާއަށް ދެމުންނެވެ.

ފަނޑިޔާރުންނަށް ފްލެޓް ލިބޭނެ ކަމުގެ ޔަގީންކަމުގެ ލިޔުންތަކާއި ފްލެޓް ފޯމްތަކާ މަސްހުނިވެފައިވަނީ ބޮޑު މައްސަލައެއް ކަމަށް ޕީޕީއެމްގެ ކޯޅުމުގެ މައްސަލައިގެ ލިޔުންތައްކަން އެ ބަޔާނުން ހާމަވެ އެވެ. އެ ހުކުމް ދަށު ކޯޓުން އިއްވި ގޮތާއި އެ ހުކުމް ފަރުމާވީ ކާކުގެ މަސްލަހަތަށް ކަމާއި އޭގެން ފައިދާވީ ކޮން ބަޔަކަށްކަން އެއީ އެންމެންނަށް ވެސް އެނގެން އޮތް ހަގީގަތްތަކެވެ.

ބަޔާންތަކުން ހާމަވި ބޮޑު ސިއްރުތައް ވަށަ ޖެއްސުމުން މުޅި ދައުލަތް ވަނީ ހަރާބުވެ ބޮއްސުންލާފައިކަން އެނގެ އެވެ. ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމަލުތައް ހުރީ ރައްޔިތުންނާ ދުރަށްކަން އެނގެ އެވެ. އެންމެ ފުރަތަމަ އަމިއްލަ މަސްލަހަތު ކުރިއަށް ނެރެ ގައުމު ވަނީ އަޑި ނޭނގޭ ފުން ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލާފަ އެވެ.

ހާމަވި ބޮޑު ސިއްރަކީ ފަސް ބައިގައި ލަތް ނުޖެހޭ ބޭފުޅެއް ނެތް ކަމެވެ. އެކެއް ފެބުރުއަރީގައި އަމުރަށްފަހު ރައީސް އަބްދުﷲ ޔާމީން ގެންދެވީ ފަނޑިޔާރުގެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. މީގެކުރިން އެ ފާޑުކިޔުންތައް ރައްޔިތުން އަމާޒުކުރި އެވެ. ނަމަވެސް އޭރު ރައީސް ވެސް ވިދާޅުވަމުން ގެންދެވީ ފަނޑިޔާރުގެތައް ވަރަށް އިންސާފުވެރި ކަމެވެ. ގޯސްވީ ދެކޮޅަށް އަމުރެއް ނެރުނު ހިސާބުންނެވެ. ހަމަ އެހެން އިދިކޮޅު ލީޑަރުންނަށް ފަނޑިޔާރުގެތައް އެކެއް ފެބުރުއަރީގެ ކުރިން ވަރަށް ގޯހެވެ. އޭގެ ފަހުން އެ އަމުރު ނެރުއްވި ފަނޑިޔާރުން ވަރަށް މުސްތަގިއްލެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަނޑިޔާރުންނަށް ހަރަދުކުރެއްވި ކަމަށް ލުތުފީ ތުހުމަތުކޮށްފައިވާއިރު ލީކްކުވި ބަޔާންތަކާ ގުޅިގެން އެއްވެސް ފާޑުކިޔުމެއް ނުވަތަ އޭގައިވާ ކަންކަމާ ގުޅޭ ގޮތުން މިހާތަށް ގާސިމް އެއްޗެއް ވިދާޅުވެއް ނުވެ އެވެ. ހަމަ އެހެން ރައީސް ޔާމީން ވެސް ހުންނެވީ ހަނެވެ.

ޝަރުއީ ނިޒާމް ކިލަނބުކުރުމުގައި ސަރުކާރުގެ ވެސް ވަރަށް ބޮޑަށް ހިއްސާއެއްވާކަން ބަޔާންތަކުން ބުނެދެ އެވެ. ހުކުމްތައް ސަރުކާރު ބޭނުންވާ ގޮތަށް ނެރެފައިވާކަން ވެސް އެނގެ އެވެ. އޭގެ މުގާބިލްގައި ފަނޑިޔާރުންނަށް ފައިދާތައް ލިބިފައިވާކަން ވެސް އެނގެ އެވެ. ހަމަ އެހެން އިދިކޮޅު ލީޑަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިން ވެސް މި ކިލަނބުގައި ޝާމިލުވާކަން ހާމަވެ އެވެ. ޒިންމާ މުޅި ދައުލަތާއި އިދިކޮޅު ފުރިހަމަށް ނަގަންޖެހެ އެވެ. ރައްޔިތުންނަށް ލިބުނު ބޮޑު ގެއްލުން ފޫބައްދައި އާ ފަނޑިޔާރުގެތަކެއް ހޯދައިދިނުމަކީ އެ ކިލަނބު ކުރި ބޭފުޅުންގެ ކައްފާރާ އެވެ.