ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން ގެއްލުން ނުވާ ގޮތަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދޫދެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެ މިއަދު ހެނދުނު ޓްވީޓް ކުރެއްވީ ދޫނިދޫ ޖަލުގައި ހުންނެވި ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅު ނޫން ކަމަށް އެމަނިކުފާނުގެ އާއިލާއިން ތަކުރާރުކޮށް ބުނަމުންދާތީ އެވެ. އެމަނިކުފާނުގެ ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫން ގެންދަވަނީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ރައީސް ޔާމީނަށް ވަރަށް އިހްލާސްތެރިކަމާއެކު ދަންނަވާ ކަމަށް ވިދާޅުވެ ނަޝީދު ޓްވީޓް ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވަނީ، ރައީސް މައުމޫނާ ގުޅޭ ގޮތުން އަމަލު ކުރައްވަނީ ޒަމާނުއްސުރެ ރާއްޖޭގެ ވެރިން ކަން ކުރައްވާފައިވާ ގޮތާ ވަރަށް ދުރުން ކަމަށެވެ.
"މަނިކުފާނަށް ސިޔާސީ ގެއްލުން ނުވާ ގޮތަށް ރައީސް މައުމޫނަށް ދޫދެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ އުމުރުފުޅަށާއި ސިއްހީ ހާލަަތަށް ރިޔާއަތްކޮށް ގޭބަންދަށް ބަދަލު ކޮށްދިނުމަށް ތަކުރާރުކޮށް ގާޒީގެ އަރިހުގައި އެދިވަޑައިގެންފަ އެވެ. ނަމަވެސް އެންމެ ފަހުން އޮތް ޓެރަރިޒަމް މައްސަލާގެ ޝަރީއަތުގައި ގާޒީ ހައިލަމް ވަނީ ރައީސް މައުމޫންގެ ބަންދު ރިވިއު ކުރަންޖެހޭ ތަނެއް ނެތް ކަމަށް ނިންމަވާފަ އެވެ.
ރައީސް މައުމޫން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވާއިރު އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާގެ އިތުރުން އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާވެސް ވަނީ ރައީސް މައުމޫނަށް އުފުލާފަ އެވެ. އެ ދައުވާ ރައީސް މައުމޫންގެ މައްޗަށް ކޮށްފައިވަނީ އެ ބޭފުޅުން ފޯނު ފުލުހުންނަށް ދީފައިނުވާތީ އާއި ފޯނު އޮތް ތަނެއް ބުނެ ނުދިން ކަމަށް ބުނެ އެވެ.