ހަބަރު

"އާސްކް އޭޑީކޭ" ރޮބޮޓް ވައިބާ އާއި ޓެލެގްރާމަށް!

އޭޑީކޭގެ ބައެއް އާންމު ހިދުމަތްތަކާބެހޭ މައުލޫމާތު ދިނުމަށް އެ ހޮސްޕިޓަލުން މިފަހަރު ނެރުނީ ރޮބޮޓެކެވެ. ވައިބާއާ ޓެލެގްރާމް މެސެންޖާ މެދުވެރިކޮށް އޭޑީކޭ ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޑިއުޓީ ބެލުމާއި ޓޯކަން ކިއު ނަންބަރު ބަލައިލުން ފަދަ ކަންކަމުގައި އާސްކް އޭޑީކޭ ރޮބޮޓްގެ ހިދުމަތް މީގެ ފަހުން ކަސްޓަމަރުންނަށް ލިބޭނެ އެވެ.

އާސްކް އޭޑީކޭ ރޮބޮޓް ތައާރަފް ކުރުމަށް އޭޑީކޭގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަ އަހުމަދު އައްފާލް ވިދާޅުވީ، ތަފާތު މެސެޖިން އެޕްތަކާ ދިވެހިން ރައްޓެހިވެފައިވާއިރު މިފަދަ ހިދުމަތެއް ތައާރަފް ކުރުމުން އާންމުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ހިދުމަތްތަކާގުޅޭ އެހެނިހެން މައުލޫމާތު ވެސް އޮޅުން ނާރާ ގޮތަށް މި އެއިން ހޯދޭނެ ކަމަށެވެ.

އާސްކް އޭޑީކޭ ރޮބޮޓް މަސައްކަތްކުރާނީ އައިޕޯންގެ ސިރީ އާ ދާދި އެއް ގޮތަށެވެ. ހިދުމަތަކާ ގުޅޭގޮތުން ބޭނުންވާ މެސެޖް ފޮނުވާލުމުން އެ މެސެޖަށް އެންމެ އެކަށޭނަ ޖަވާބު މި ރޮބޮޓް ވަގުތުން ފޮނުވާނެ އެވެ. އަދި އެޕުން ނުދޭ ހިދުމަތެއްނަމަ އެ ހިދުމަތެއް ހޯދާނެ ގޮތާއި ގުޅަންޖެހޭ ނަންބަރު ފަދަ މައުލޫމާތު ވެސް މި ސޮޕްޓްވެއާއިން ފޮނުވައިދޭނެ އެވެ.

ޓެލެގްރާމާއި ވައިބާއިން އާސްކް އޭޑީކޭ ބޮޓް ހޯދުމަށް، އޭޑީކޭ ވެބްސައިޓަށް ގޮސް ހޭޝްޓެގް އާސްކްއޭޑީކޭ ލިންކަށް ފިއްތާލުމުން ޑައިރެކްޓް ކޮށްދޭނެ އެވެ. ވެބްސައިޓަށް ނުގޮސް ޓެލެގްރާމުން އާސްކް އޭޑީކޭ ސާޗު ވެސް ކޮށްލެވޭނެ އެވެ.

އައްފާލް ވިދާޅުވީ އާސްކް އޭޑީކޭ ފަށައިގަންނައިރު މަދު ހިދުމަތްތަކެއް ހިމަނާފައިވީ ނަމަވެސް ކުރިއަށް އޮތްތަނުގައި ލެބް ޓެސްޓް ހަދާ ފަރާތްތަކަށް އެފަރާތްތަކުގެ ޓެސްޓް ނަތީޖާ ލިބުމުން އެކަން އެންގުމަށް އަމިއްލައަށް މެސެޖް ފޮނުވުން ފަދަ ފީޗާތައް ވެސް އާސްކް އޭޑީކޭ ބޮޓަށް އިތުރުކުރާނެ ކަމަށެވެ.