ހަބަރު

އަމުރު ނެރުނު ސަބަބު ކީރިތި ކުރައްވަމުން އަލީ ހަމީދު ކިޔައިދެއްވައިފި

މައްސަލަ ބޮޑުވެފައިވާ އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު ނެރުއްވި ސަބަބު ފަނޑިޔާރު އަލީ ހަމީދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ކިޔައިދެއްވައިފި އެވެ. ފަނޑިޔާރު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ގެންދެވީ ކީރިތި ކުރައްވަމުންނެވެ.

އެކެއް ފެބުރުއަރީގެ އަމުރަކީ ރިޝްވަތުގެ ފައިސާގައި ފަނޑިޔާރު އަލީ ހަމީދު ނެރުއްވި އަމުރެއް ކަމަށާއި އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅުއްވާފައިވާ ކަމަށް ބުނެ އެ ބޭފުޅާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރާ ކަމަށް ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވުމާއެކު ފަނޑިޔާރު އަލީ ހަމީދަށް އަސަރުތައް ކުރަމުން ދިޔަ އެވެ.

ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އަތް ނެންގެވުމަށްފަހު ކޮޅަށް ތެދުވެވަޑައިގަތުމަށް ފަނޑިޔާރު އަލީ ހަމީދު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އުނަގަނޑު އައްސިވެފައިވާތީ ކޮޅަށް ތެދުވެވަޑައިގަތުމަށް އުނދަގޫވި އެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް އެންގެވީ އިށީނދެވަޑައިގެން އިންނަވާ ވާހަކަފުޅު ކުރިއަށް ގެންދިޔުމަށެވެ.

އެންމެ ފުރަތަމަ ވެސް އަލީ ހަމީދު ފާހަގަކުރެއްވީ އޭނާއަކީ ޝަރީއަތުގެ މަޖިލީހުގައި އިން އެންމެ ދުވަސްވީ މީހާ ކަމެވެ. އަދި އުމުރުން މިހާރު 54 އަހަރުވެފައިވާއިރު ދައުލަތަށް ހިދުމަތް ކުރައްވަން އޭނާ ފެއްޓެވީ 25 އަހަރުގައި ކަމެވެ. އެހާ ގިނަ ދުވަހު ދައުލަތަށް އެތައް ހިދުމަތެއް އިހްލާސްތެރިކަމާއެކު ކުރުމުން ދައުލަތަށް ގެއްލުންވާ އަމަލުތައް ކުރުމަށް ރިޝްވަތު ހިފައި ނުފޫޒު ފޯރުވި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވުމުން ވަރަށް ބޮޑަށް ހިތްދަތިވެފައިވާ ކަމަށެވެ.

ފަނޑިޔާރު އަލީ ހަމީދު ގިސްލަމުން ވިދާޅުވީ، އެކެއް ފެބުރުއަރީގެ އަމުރު ނެރުއްވި ސަބަބު މިއަދު ތަފްސީލްކޮށް ވިދާޅުވެ ދެއްވާނެ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ އެ އަމުރަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓަށް ވާތީ ނެރުއްވި އަމުރެއް ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ކޮންމެ ފަހަރަކު އާއި ދެރަ ކަމެއް ދިމާވާ ކޮންމެ ފަހަރަކު ސުޕްރީމް ކޯޓަށް ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ކަމަށާއި ސުޕްރީމް ކޯޓަށް އެތައް ބަޔަކު ޝަކުވާގެ ސިޓީތައް ވެސް ފޮނުވަން ފެށި ކަމަށެވެ.

"ޝަރީއަތް ކުރުމުގެ އުސޫލުތަކާ ހިލާފަށް ޝަރީއަތްތައް ކުރިއަށްދާ ކަމުގެ ޝަކުވާތަކާއި ދައުވާ ލިބޭ ފަރާތަށާއި ކުރާ ފަރާތަށް ވެސް ގާނޫނުން ލިބޭ ފުރުސަތު ނުލިބޭ ޝަކުވާތައް ދިޔައީ ލިބެމުން، ސުޕްރީމް ކޯޓަށް ބޭފުޅުން 100 އިން 50 އިން ދިޔައީ ޝަކުވާ ހުށަހަޅަމުން، ވަކިވަކި ފަނޑިޔާރުންނަށް ވެސް ސިޓީތައް ދިޔައީ ފޮނުވަމުން،" ފަނޑިޔާރު އަލީ ހަމީދު ވިދާޅުވި އެވެ.

އެހެންވެ އެ ޝަކުވާތަކަށް ހައްލެއް ހޯދުމަކީ އަދުލު އިންސާފުގެ އެންމެ އިސް ފަރާތްތަކުގެ ހައިސިއްޔަތުން އެ ބޭފުޅުންނަށް ލާޒިމް ކަމެއް ކަމަށާއި އެކަމާ ގުޅިގެން ފަނޑިޔާރުންގެ މަޖިލީހެއް ބާއްވައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށެވެ. އެ އަމުރު ނެރުމަށް އެއްބަސްވީ ހުރިހާ ފަނޑިޔާރުންގެ ކަންބޮޑުވުންތައް ވެސް ހުށަހަޅައި އެ އަމުރު ނެރެން ޖެހޭ ކަމަށް އެއްްބަސްވެވިގެން ކަމަށެވެ.

ރައްޔިތުންގެ މެދުގައި ޝައްކުތައް ހުރި ޝަރީއަތްތައް އަލުން ހިންގުމަށް އެންގީ އެ ޝަރީއަތްތައް ކުރިއަށް ދަނީ އުސޫލުތަކާ އެއްގޮތަށްކަން ރައްޔިތުންނަށް ޔަގީންވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ. އެ އަމުރު ނެރުމުގައި އިތުރު އެހެން އެއްވެސް ނިޔަތެއް ނޯންނާނެ ﷲ ދެނެވޮޑިގެންވާނެ ކަމަށް ވެސް އަލީ ހަމީދު ވިދާޅުވި އެވެ. އަދި ދައުލަތަށް ގެއްލުންވާނެ ކަމެއް އޭނާ ނުކުރައްވާނެކަން ދައުލަތުގެ މަސްއޫލުވެރިންނަށް ވެސް އެނގޭނެ ކަމަށެވެ.

"އެކަމުގެ ޝަރީއަތްތައް އަލުން ކުރިއަށް ގެންދަން އެންގުމުން އެ ބޭފުޅުންގެ ހިތުގައި ރުޅި އާއި ނަފްރަތު އުފުދުނީ، އެހެން އެއްވެސް ހަގީގަތެއް މި ކަމުގަ ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ހަމީދުގެ ވާހަކަ ދެތިން ފަހަރަކު ކުރިއަށް ނުގެންދެވިގެން މަޑު ވެސް ކޮށްލެވި އެވެ. ވާހަކަ އެހާ ހިސާބުން ނިންމާލެއްވުމަށްފަހު ލޮލުން ކަރުނަ ވެސް ފޮހެލެއްވި އެވެ.

ތިން ފަނޑިޔާރުންނަށް ތަހުމަތު ނުވާތީ ސުވާލުތައް

ފަނޑިޔާރު އަލީ ހަމީދުގެ ގާނޫނީ ވަކީލުން ކަމަށްވާ މަހުފޫޒު ސައީދާއި ސަފާ ޝަރީފު މިއަދުގެ މަޖިލީހުގައި އެންމެ ބޮޑަށް ފާހަގަކުރި ނުކުތާއަކީ މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ތިން ފަނޑިޔާރުން ވެސް އަމުރުގައި ސޮއި ކުރައްވާފައިވާއިރު އެ ފަނޑިޔާރުންނަށް އެއްވެސް ތުހުމަތެއް ނުކުރާތީ އެވެ. އެ ބޭފުޅުންނާ ދެކޮޅަށް ތަހުގީގެއް ވެސް ހިނގިފައިނުވާތީ އެވެ.

އެކަމަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް އަހުމަދު ވިދާޅުވީ، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްފައިވަނީ އެ ބޭފުޅުން އެ އަމުރު ނެރުއްވީ ރިޝްވަތު ނަންގަވައި އޭގެ މުގާބިލްގައިކަން ތަހުގީގަށް އެނގެން އޮންނާތީ ކަމަށެވެ. އަދި އަމިއްލަ މަންފާއަށް ބަޔަކާ ގުޅިގެން ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކޮށްފައިވާތީ އެވެ.

މަހުފޫޒު ސައީދު ވަނީ، ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު އެ ހުރިހާ ތުހުމަތެއް ކުރެވި ހެކި ލިބިފައިވަނީ ދެ ފަނޑިޔާރުން ހައްޔަރުކުރި ފަހުން ކަމަށާއި އެހެން ކަމަށްވާއިރު އަނެއް ތިން ފަނޑިޔާރުން ހައްޔަރުނުކުރީ ނުވަތަ ތަހުގީގެއް އެ ފަނޑިޔާރުންނާ ދެކޮޅަށް ނުހިންގީ ކީއްވެގެންތޯ އައްސަވާފަ އެވެ. އަދި، ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ހުށަހަޅާފައިވަނީ ވިލާ ކުންފުނިން ކަމަށް ތަހުގީގުގައި ފާހަގަކޮށްފައިވާއިރު ތިން ފަނޑިޔާރުން މިފަހުން ވަނީ ވިލާއާ އެއްކޮޅަށް ފަސް މައްސަލައެއް ނިންމާފަ ކަމަށާއި އަދިވެސް އެފަދަ ތުހުމަތެއް އެ ފަނޑިޔާރުންނާ ދެކޮޅަށް ނުކުރެވެނީ ކީއްވެގެންތޯ އެއްސެވި އެވެ،

އެއަށް ޖަވާބު ދެއްވަމުން ވަކީލް ނައުޝާދު ވިދާޅުވީ، ދެ ފަނޑިޔާރުން ހައްޔަރުކުރުމުގެ ކުރިން ވެސް ތުހުމަތު ކުރެވޭ ވަރަށް އެ ބޭފުޅުންނާ ދެކޮޅަށް ހެކި ލިބުނު ކަމަށެވެ. އަނެއް ތިން ފަނޑިޔާރުންނާ ދެކޮޅަށް އެފަދަ އެއްވެސް ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ދައުލަތުގެ ފަރާތުން ސާފު ޖަވާބެއް ނުލިބިގެން އެ ސުވާލު ދިފާއީ ވަކީލުން ތަކުރާރުކުރި އެވެ. އެކަން ތަފްސީލް ގޮތް ސާފު ކިޔައި ދެއްވީ ގާޒީ ހައިލަމެވެ. ގާޒީ ހައިލަމް ވަނީ ދެ ފަނޑިޔާރުންނަށް ރިޝްވަތު ލިބުނު ކަމަށާއި އެ ބޭފުޅުންގެ ނިޔަތް ގޯސް ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ދައުލަތުން ބުނާކަން ފާހަގަކުރައްވާފަ އެވެ. އަދި އަނެއް ތިން ފަނޑިޔާރުން ސޮއި ކުރައްވާފައިވީ ނަމަވެސް އެފަދަ ނިޔަތެއް ނެތްކަން ދައުލަތުން ފާހަގަކޮށްފައިވާ ކަމަށެވެ. އަމުރެއް ނެރުމަކީ އޭގައި ޖިނާއީ ކުށެއް ހިމެނޭ ކަމެއް ނޫން ކަމަށާއި އޭގައި ބަލަން ޖެހޭނީ ވަކިވަކި މީހާގެ ނިޔަތަށް ކަމަށް ގާޒީ ވިދާޅުވި އެވެ.

ގިނަ ސުވާލުތަކަށްފަހު ދިފާއީ ވަކީލް މަހުފޫޒު ވަނީ ދައުވާ ސާފުވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދައުވާއަށް ފަނޑިޔާރު އަލީ ހަމީދު އިންކާރު ކުރައްވާ ކަމަށާއި އަމުރު ނެރުމުގައި ނުބައި ނިޔަތެއް ނެތް ކަމަށް ވެސް މަހުފޫޒު ވިދާޅުވި އެވެ. ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ވަނީ ފަނޑިޔާރާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. ސިއްރު ހެކިތައް ހިމެނޭ ގޮތަށް ދައުލަތުން ފަނޑިޔާރު އަލީ ހަމީދާ ދެކޮޅަށް 32 ހެއްކެއް ހުށަހެޅި އެވެ.

މައްސަލާގައި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާއި ދިފާއީ ހެކިން ހުށަހެޅުމެވެ. އެ ހުށަހެޅުންތައް ހުށަހަޅަން މިއަދު ގާޒީ ހައިލަމް ވަނީ ތިން ދުވަސް ދެ ފަރާތަށް ވެސް ދެއްވާފަ އެވެ.