ހަބަރު

ދައުވާއަކީ މީހަކަށް ފެނުނު ހުވަފެނެއް، ދައުވާއަށް އިންކާރު: ފާރިސް

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާއަކީ މީހަކަށް ފެނުނު ހުވަފެނެއް ކަމަށާއި އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ފާރިސް މިހެން ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ އެ ދައުވާގެ ދެވަނަ އިބްތިދާއީ އަޑުއެހުމުގަ އެވެ. މިއަދު އޮތް އެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ، ދައުވާގައި ސާފުނުވާ ކަންކަން އެބަހުރި ކަމަށާއި އެ ދައުވާ ސިފަ ކުރެވެނީ މީހަކަށް ފެނުނު ހުވަފެނެއްގެ ގޮތުގައި ކަމަށެވެ.

ދުވަހަކު ވެސް ޖިނާއީ ކުށެއް ކޮށްފައިނުވާނެ ކަމަށް ފާރިސް ވިދާޅުވާ ވިދާޅުވުމުން ތަކުރާރު ކުރައްވަމުން އޭނާ ވިދާޅުވީ ދައުވާގައިވާ ކަންކަމާއި ނުވާ ކަންކަމަށް ވެސް އިންކާރު ކުރައްވާ ކަމަށެވެ.

ފާރިސްގެ މައްޗަށް ދައުވާ ކުރަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އަދި، ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި ކުރީގެ ސީޕީ އަރީފާ ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ވެސް އޭނާގެ މައްޗަށް ކުރާ ދައުވާގައިވެ އެވެ.

އެ ދައުވާ އިއްވުމުން ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވާފަ އެވެ. އެގޮތުން ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަށް ދައުވާގައި ބުނާއިރު އެއީ ކޮން ފަނޑިޔާރަކަށް ކަމެއް ބުނެފައި ނެތް ކަމަށާއި އެހެންވެ ފާރިސް ރިޝްވަތު ދެއްވީ ރާއްޖޭގެ ހުރިހާ ފަނޑިޔާރުންނަށްތޯ އެއްސެވި އެވެ. އަދި، އަރީފާ ގުޅިގެން ހަމަނުޖެހުން ހިންގުމަށް ކުރީ ކޮން އަމަލެއްތޯ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވީ، ހުރިހާ ތަފްސީލެއް ދައުވާގެ ސީޣާގައި ބަޔާން ކުރަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެކަން ގާނޫނުން ލާޒިމް ވެސް ނުކުރާ ކަމަށެވެ. ފާރިސް ރިޝްވަތު ދެއްވީ ކޮން ފަނޑިޔާރުންނަކަށްކަން ހެކިންގެ ހެކި ބަހުން އެނގޭނެ ކަމަށް ވެސް ނައުޝާދު ވިދާޅުވި އެވެ.

ވަކީލް ނައުޝާދު ވިދާޅުވީ، ސަރުކާރު ވައްޓާލުމުގެ އެންމެ އިސް މޭސްތިރިއަކީ ފާރިސް ކަމަށާއި އޭނާ މަސައްކަތް ކުރީ އެހެން ބަޔަކާ ގުޅިގެން އެ މީހުން ބޭނުންވާ ފިކުރެއްގެ މީހަކު ވެރިކަމަށް ގެނައުމަށް ކަމަށެވެ.

ފާރިސް ދައުވާއަށް އިންކާރު ކޮށްފައިވާތީ ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅާފަ އެވެ. އެގޮތުން ޖުމްލަ 32 ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި 17 ސިއްރު ހެކިވެރިޔަކާއި ސިއްރު ލިޔުންތަކެއް ހިމެނެ އެވެ. ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު މިއަދު ވަނީ ފާރިސްއަށް ދީފަ އެވެ.

ދިފާއީ ހެކި ހުށަހެޅުމަށާއި ޝަރީއަތުގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ފުރުސަތު ދެއްވާފަ އެވެ. އެއީ އެކަށީގެންވާ ވަގުތެއް ނޫން ކަމަށް ވިދާޅުވެ ފާރިސްގެ ވަކީލުން ކަންބޮޑުވުން ފާޅު ކުރެއްވި ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމްގެ ނިންމެވުމަށް ބަދަލެއް ނުގެންނަވަ އެވެ.