- ހިއްސާއަކަށް 3.20ރ. ބަހާނެ
- އަށް ހާހަށްވުރެ ގިނަ ހިއްސާދާރުން
- ކުންފުންޏަށް މިދިޔަ އަހަރު ރަނގަޅު ފައިދާއެއް
އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންގެ މެދުގައި ބަހަން، އެ ކުންފުނިން ނިންމައިފި އެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އެ ކުންފުނީގެ ދެވަނަ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އަގުލަބިއްޔަތުން ހިއްސާދާރުންގެ މެދުގައި ބަހަން ނިންމާފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު 580 މިލިއަން ރުފިޔާގެ 85 ޕަސެންޓް ކަމަށްވާ 493 މިލިއަން ރުފިޔާ އެވެ. އެގޮތުން އެ ކުންފުނީގެ ހިއްސާދާރުން ގަތް ހިއްސާ އަކަށް 3.20ރ. ބަހާނެ އެވެ.
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުން ކުރިން ނިންމި ގޮތަށް ވޯޓަށް އަހައިގެން ހިއްސާގެ ފައިދާ ބަހަން ނިންމުމުގެ އިތުރުން އެ ކުންފުނިން ވަނީ މި ދައުރުގައި ޑިރެކްޓަރުގެ ބޯޑުން ބާއްވާ ކޮންމެ ޑިރެކްޓަކަށް 2،000ރ. ގެ އެލަވަންސެއް ވެސް ދޭން ނިންމާފަ އެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ 35،750 ޑޮލަރަށް ކޭޕީއެމްޖީ އެވެ.
ވަތަނިއްޔާ އިންޓަނޭޝަނަލްގެ 90.5 ޕަސެންޓް ހިއްސާއާއި އާއްމުންގެ 9.5 ހިއްސާވާ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި 155.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބުނެވެ.
އުރީދޫއިން ދިވެހިންގެ ހިއްސާވާ ކުންފުންޏަކަށްވީ 8219 ހިއްސާދާރުންނަށް 14،044،870 ހިއްސާ (ޖުމްލަ 421،346،100 ރުފިޔާ) ވިއްކައިގެންނެވެ. އެ ކުންފުނިން ހިއްސާ ވިއްކީ 30 ރުފިޔާގެ ގެ ރޭޓުންނެވެ.
އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ހިދުމަތް ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ. ދެހާސް ހަ ވަނަ އަހަރު އުރީދޫން ފުރަތަމަ ފަހަރަށް އެސްއެމްއެސް މެދުވެރިކޮށް މައުލޫމާތު ފޯރުކޮށް ދޭން ފެށިއެވެ. އުރީދޫ ގްރޫޕުން ފަލަސްތީނާއި އޮމާން އަދި އަލްޖީރިއާ އާއި ޓިއުނީޝިޔާ އަދި އިރާގާއި އަލްޖީރިއާ އަދި އިންޑޮނޭޝިޔާގައި ހިދުމަތް ދޭއިރު، އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު 138 މިލިއަނަށް އަރަ އެވެ. އަދި އުރީދޫ ގްރޫޕުގެ ރައުސުލްމާލުގެ އަގު 3.1 ބިލިއަން ޑޮލަރަށްވުރެ މައްޗެކެވެ.