ވިޔަފާރި

ޓޫރިޒަމް އެކިއުޒިޝަން ފީ ނެގޭނެ އަދަދުތައް ކަނޑައަޅައިފި

ޓޫރިޒަމަށް ކުއްޔަށް ދޭ ތަންތަނުން އެކިއުޒިޝަން ފީ ނެގޭނެ އަދަދުތައް ކަނޑައަޅައި، ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފި އެވެ. ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްގީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދުގައި ކަނޑައަޅާފައިވާ އެކުއެޒިޝަން ކޮސްޓް ކޮސްޓުގެ އަދަދުތައް ކަނޑައެޅުމުގެ އުސޫލުގައިވާ ގޮތުން، އެކުއެޒިޝަން ކޮސްޓް ކަނޑައެޅުމުގައި ބަލާނީ ތަނުގެ ސައިޒާއި ވަކިން ވަކިން ކުއްޔަށްދޭ ސަރަހައްދާ ގުޅޭ ގޮތުން މިނިސްޓްރީން ފާސްކޮށްފައިވާ ކޮންސެޕްޓުގައިވާ ސައިޒަށެވެ.

މިނިސްޓްރީން ބުނީ އެކުއެޒިޝަން ކޮސްޓް ކަނޑައެޅުމުގައި ލީސް އެކުއެޒިޝަން ކޮސްޓާއި ރަށުގެ ބޮޑުމިން (ހެކްޓަރު) އަދި ބޭސް ރޭޓް ބަލާނެ އެވެ. މިގޮތުން މިނިސްޓްރީން ވަނީ އަގު ކަނޑައެޅުމުގައި ރާއްޖޭގެ އެކި ހިސާބުތައް ބަހާލާފަ އެވެ.

އެކުއެޒިޝަން ކޮސްޓުގެ އަގު ކަނޑައެޅުމުގައި އާއްމުކުރި އުސޫލުމުގައިވާ ގޮތުގެ އެންމެ ކުޑަކޮށް އެކުއެޒިޝަން ފީ އުޅެނީ ހދ. އަދ ހއ. އާއި ށ. އަދި ލ. ގއ. އަދި ގދ. ގެ އިތުރުން ސ. އަތޮޅުގައި ތަރައްގީ ކުރާ ޓޫރިޒަމް މަޝްރޫއު ތަކަށެވެ. މި އަތޮޅުތަކުގައި އެކުއެޒިޝަން ފީ ބޭސް ރޭޓް ޖެހެނީ ހެކްޓަރަކަށް 125،000 ޑޮލަރެވެ. އަދި ޖުމްލަ އަގު 10 ހެކްޓަރަކަށް މި އަތޮޅުގައި ޖެހެނީ 1.2 މިލިއަން ޑޮލަރެވެ. އަދި އެންމެ މަތިން އެކުއެޒިޝަން ފީ އުޅެނީ މާލެ އަތޮޅުގަ އެވެ. މި އަތޮޅުގައި ތަރައްގީ ކުރާ މަޝްރޫއު ތަކަށް ބޭސް ރޭޓް ހެކްޓަރަކަށް 600،000 ޑޮލަރު ނެގޭނެ އެވެ. އަދި އަދި ޖުމްލަ އަގު 10 ހެކްޓަރަކަށް މި އަތޮޅުގައި ޖެހެނީ ހަ މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ޓޫރިޒަމް ހަލުވިކަމާއެކު ފުޅާވަމުންދާއިރު ޓޫރިޒަމް އެކުއެޒިޝަން ފީއަކީ ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބޭއެއް ދާއިރާއެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ލޭންކް އެކުއެޒިޝަން ފީއިން ދައުލަތަށް 96 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.