ރިޕޯޓް

ދަރަނި މައްޗަށް، ކަންބޮޑެއް ނުވޭތަ؟

May 9, 2018
6
  • ދަރަނި 1.1 ބިލިއަން ޑޮލަރަށް
  • މާލީ އިދާރާތަކުން ތަކުރާރުކޮށް އިންޒާރުދޭ
  • ސަރުކާރުން ބުނަނީ ދަރަނި ދެއްކޭނެ ކަމަށް

ރާއްޖޭގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ މަޝްރޫއު ތަކެވެ. އެއީ ބޮޑެތި ބިޔަ މަސައްކަތް ތަކެވެ. މި މަޝްރޫއުތަކުގެ އަގު ފައިސާގެ ގޮތުން ބަލާނަމަ ބިލިއަން، ބިލިއަން ރުފިޔާ އިން މައްޗަށް ދާނެކަން ޔަގީނެވެ. ނަމަވެސް، މަޝްރޫއުތައް ހިންގަން ބޭނުންވާ ފައިސާގެ ބޮޑު ބައެއް ހޯދަނީ ބޭރުންނެވެ. ސަބަބަކީ ރާއްޖޭގައި އެވަރުގެ މާލީ ތަނަވަސްކަން ނެތުމެވެ. އެހެންވެ، ދެން ޖެހެނީ ލޯނު ނަގާށެވެ. މިއާއެކު "ނުފެނި" އިތުރުވަނީ ދަރަންޏެވެ. ގައިމު ވެސް މިއީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ރާއްޖޭގެ އިގްތިސޯދަށް މިހާރު އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ދަރަނީގެ މައްސަލަ އެވެ. މަތި މައްޗަށް ދަރަނި އިތުރުވެއްޖެ އެވެ. ކަންބޮޑުވޭ ހެއްޔެވެ؟

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެންމެ ފަހުން ނެރުނު މިދިޔަ އަހަރުގެ ރިޕޯޓަށް ބަލައިލުމުން "ދަރައި ވިކޭވަރު" ވަރަށް ސާފުކޮށް ފެނެ އެވެ. ދަރަނި އިތުރުވި ނަމަވެސް މިއީ "މައްސަލައެއް" ގޮތުގައި ސަރުކާރުން ނުދެއްކެ އެވެ. ނަމަވެސް ތަކުރާރުކޮށް ބޭރުގެ މާލީ އިދާރާތަކުން ގޮވަމުން ދަނީ ރާއްޖޭގެ ދަރަނި އިތުރުވަނީ އެވެ. ދަރަނި މެނޭޖު ކުރަން އިސްކަން ދޭށޭ އެވެ.

ވޯލްޑް ބޭންކުން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އަހަރުން އަހަރަށް ދިވެހި ދައުލަތު ދަރަނި ދަނީ ބޮޑުތަން އިތުރުވަމުންނެވެ. ދަރަނި އިތުރުވާ މިންވަރަށް ބަލާއިރު 2020 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ ދަރަނި (ޖީޑީޕީ) 120 ޕަސެންޓަށް އަރާނެ ކަމަށް ބުނެފައިވެ އެވެ. އޭރުން ބޮލަކަށް ޖެހޭ ދަރަނީގެ މިންވަރު 140،000ރ. އަށް ވުރެ މަތިވާނެ ކަމަށް އޭރު ވޯލްޑް ބޭންކުން ބުނެފައިވެ އެވެ.

އޭގެ ފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ އަހަރު ވެސް ވަނީ ހަމަ މިވާހަކަ ދައްކައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރާއްޖޭގެ އިގްތިސޯދު ހާލަތު ބެލުމަށްފަހު އައިއެމްއެފް އިން މިދިޔަ ޑިސެމްބަރު މަހު ނެރުނު ރިޕޯޓުގައިވާ ގޮތުން ދަރަނި އިތުރުވުމަކީ ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި މައްސަލަ ތަކެއް ކުރިމަތިވެދާނެ ކަމެކެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެފައިވެ އެވެ. ދަރަނި މިދިޔަ ދެ އަހަރު ތެރޭގައި ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 11.5 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އައިއެމްއެފް ވެސް އިން ބުނެފައިވެ އެވެ.

ބޮލަކަށް ޖެހޭ ދަރަނި މަތި!

އައިއެމްއެފްގެ ވާހަކަ އަށް އަހަރެއް އަދި ނުވެ އެވެ. ދާދި ފަހުން ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި އެ ވަނީ ރާއްޖޭގެ ދަރަނީގެ ހާލަތުގެ ރީތި ތަސްވީރެއް ދައްކައިދީފަ އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި މިވަނީ 1.1 ބިލިއަން ޑޮލަރަށް އަރައި، 26 ޕަސެންޓް އިތުރުވެފަ އެވެ. މީގެ މާނައަކީ ރާއްޖޭގެ އާބާދީގެ ނިސްބަތުން ބަހާލާނަމަ ބޮލަކަށް ގާތްގަނޑަކަށް 30،000ރ. ގެ ދަރަނި މިހާރު ޖެހޭނެ އެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު، ބޭރުގެ ޖުމްލަ ދަރަނީގެ 91 ޕަސެންޓް ހިއްސާކުރަނީ ސަރުކާރުގެ ދަރަންޏެވެ. ސަރުކާރުގެ ބޭރުގެ ދަރަނި 316.2 މިލިއަން ޑޮލަރު، އިތުރުވެ، އަހަރު ނިމުނުއިރު ވަނީ 1.1 ބިލިއަން ޔޫއެސް ޑޮލަރަށް އަރާފަ އެވެ. މިއާއެކު ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީ ނިސްބަތުން ދަރަނި ވަނީ 2016 ވަނަ އަހަރު 20 ޕަސެންޓުގައި ހުރުމަށްފަހު، މިދިޔަ އަހަރު ވަނީ 26 ޕަސެންޓަށް އިތުރުވެފަ އެވެ.

ރާއްޖޭގެ ދަރަނި އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ބާޒާރުގައި ސަރުކާރުން ވިއްކި ބޮންޑުގެ ސަބަބުން ދަރަނީގެ ސެކިއުރިޓީސް ވަނީ 250 މިލިއަން ޑޮލަރަށް އެރުން ހިމެނެ އެވެ. މީގެ އިތުރުން ސަރުކާރުން ހިންގާ އުމްރާނީ އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށް ނަގާފައިވާ ކްރެޑިޓް އިތުރުވުމުގެ ސަބަބުން މިދިޔަ އަހަރު ބަޔާސް ކްރެޑިޓް ވަނީ 420.9 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ނަގާފައިވާ ލޯނުގެ އަދަދު 20 މިލިއަން ޑޮލަރު އިތުރުވެ، އަހަރު ނިމުނުއިރު ވަނީ .274.5 މިލިއަން ޔޫއެސް ޑޮލަރަށް އަރާފަ އެވެ. އެހެން ނަމަވެސް، ދޭދޭ ގައުމުތަކުން ނަގާފައިވާ ލޯނުތަކުގެ އަދަދުވަނީ 20.6 މިލިއަން ޔޫއެސް ޑޮލަރުން ދަށްވެ، 122.1 މިލިއަން ޑޮލަރަށް ތިރިވެފަ އެވެ. ވިޔަފާރި ބޭންކުތަކުގެ ބޭރުގެ ދަރަންޏަށް ބަލާއިރު، މި އަދަދު ވަނީ 23.2 މިލިއަން ޑޮލަރުން އިތުރުވެ، 108 މިލިއަން ޑޮލަރަށް އަރާފަ އެވެ.

މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ އަހަރު ނިމޭއިރު ދަރަނި ބޮޑުވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން ބުނެފައިވަނީ މި އަހަރު ނިމޭއިރު ދަރަނި 43 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ. މީގެ ތެރެއިން ބޭރުގެ ދަރަނި 27.3 ބިލިއަން ރުފިޔާ އަށް އަރާއިރު، އެތެރޭގެ ދަރަނި ހުންނާނީ 21.7 ބިލިއަން ރުފިޔާގަ އެވެ. މައްސަލަ އެއް ހެއްޔެވެ؟

ގަވަރުނަރުގެ ކަންބޮޑުވުން!

ދަރަނި ބޮޑުވާތީ ވާހަކަ ދައްކާނެ އަނގައެއް ނެތްނަމަވެސް، މަރުކަޒީ ބޭންކުން އެވަނީ އެކަން ފާހަގަ ކޮށްފަ އެވެ. އެއީ މައްސަލައެއްގެ ގޮތުގައި ތިލަކޮށްދީފަ އެވެ.

ދަރަނީގެ މައްސަލާގައި ގަވަރުނަރު އަހުމަދު ނަސީރު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ވާހަކަ ފުޅު ދައްކަވާފަ އެވެ.

ކުރުނބާ މޯލްޑިވްސްގައި ދާދި ފަހުން ބޭއްވި މޯލްޑިވްސް ފައިނޭންސް ފޯރަމް ގައި ގަވަރުނަރު ނަސީރު ވިދާޅުވެފައިވަނީ ރާއްޖެ އިން ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިންގާއިރު، ދަރަނި މެނޭޖު ނުކުރެވޭނަމަ، ދަރަނީގެ ސަބަބުން ދިމާވާ ފަދަ ގޮން ޖެހުންތައް ރާއްޖެ އަށް ވެސް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށެވެ.

ދަރަނި އަދާކުރޭތަ؟

ދަރަނި އެންމެ ގިނަ އިން ނަގަނީ ބޮޑެތި މަޝްރޫއު ތަކަށެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އާއި ހުޅުމާލެ ދެވަނަ ފިޔަވަހި ފަދަ ބޮޑެތި މަޝްރޫއު ތަކަށެވެ. ސުވާލަކީ ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ބޭންކްތަކުން ނަގާ ލޯނުތައް އަދާ ކުރުމުގެ ގާބިލްކަން އެބަހުރި ހެއްޔެވެ؟

އަޅުގަނޑުމެން ރެކޯޑް ލެވެލް އަކަށް، ހަތަރު ބިލިއަން ރުފިޔާގެ ދަރަނި މިވަނީ އަދާ ކޮށްފައި، ދަރަނި ހަމައެކަނި މި ސަރުކާރުން ނަގަނީއެއްވެސް ނޫން، އެހެން ސަރުކާރު ތަކުގެ ދަރަނި އަދާ ކުރަމުންވެސް މިދަނީ
އަހުމަދު މުނައްވަރު | ފިނޭންސް މިނިސްޓަރު

ފިނޭންސް މިނިސްޓަރު މި އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަކަމުން ވިދާޅުވެފައިވާ ގޮތުގައި މި ސަރުކާރުން ހަމައެކަނި ދަރަނި ނަގަމުން ދަނީއެއް ނޫނެވެ. ކުރީގެ ސަރުކާރު ތަކުން ނަގައި ދައްކަން ޖެހިފައިވާ ދަރަނި ވެސް ދައްކަމުން ދެއެވެ. އަދި މި ސަރުކާރަކީ އިގްތިސޯދީ ތަސައްވުރެ އޮތް ސަރުކާރެކެވެ. ސަރުކާރުން ދަރަނި ނަގަނީ އެ ދަރަނި ދެއްކޭނެ ކަމުގެ ގާބިލް ކަމާއި ޔަގީންކަން އޮތުމުންނެވެ. އޭނާ އެހެން ވިދާޅުވަނީ ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ދަރަންޏަށް އިތުރު 15 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ވިދާޅުވަމުންނެވެ.

"އަޅުގަނޑުމެން ރެކޯޑް ލެވެލް އަކަށް، ހަތަރު ބިލިއަން ރުފިޔާގެ ދަރަނި މިވަނީ އަދާ ކޮށްފައި، ދަރަނި ހަމައެކަނި މި ސަރުކާރުން ނަގަނީއެއްވެސް ނޫން، އެހެން ސަރުކާރު ތަކުގެ ދަރަނި އަދާ ކުރަމުންވެސް މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންޓަނޭޝަނަލް މާކެޓަށް ނުގޮސްފި ނަމަ ފޮރިން އެކްސްޗޭންޖް މާކެޓަށް މައްސަލަ ޖެހޭނެ، 90 ޕަސެންޓް ޕްރޮޖެކްޓްސް ތަކަކީ ބޭރުގެ އިމްޕޯޓްސްތަކަށް ބަރޯސާވެގެން ކުރިއަށްދާ ޕްރޮޖެކްޓްސްތައް،"

މަރުކަޒީ ބޭންކުގެ ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރަކީ ފަސް އަހަރުގެ ތެރޭގައި ދަރަނި އަދާކުރުމަށް އެންމެ ގިނައިން ފައިސާ ހޭދަކުރި އަހަރެވެ. މިދިޔަ އަހަރު ދަރަނި އަދާ ކުރުމަށް ރާއްޖެ އިން 86.9 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. އޭގެ ކުރީ އަހަރު މި އަދަދު އުޅެނީ 81 މިލިއަން ޑޮލަރުގަ އެވެ.

ކޮންމެއަކަސް ދަރަނީގެ މައްސަލަ މިދަނީ މަތިވަމުންނެވެ. ދަރައި ދަނީ ވިކެމުންނެވެ. މަސައްކަތް ވެސް ކުރަން ޖެހެ އެވެ. ނަމަވެސް ދަރަނި މެނޭޖު ކުރުމަށް ގަވަރުނަރު ވިދާޅުވި ގޮތަށް ބޮޑު ސަމާލުކަމެއް މިވަނީ ދޭން ޖެހިފަ އެވެ.