ވިޔަފާރި

ޒުވާނުން ގެދޮރު ގަންނަން ލޯނު ސްކީމެއް ތައާރަފުކޮށްފި

  • އެއް މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާނެ
  • އިންޓްރެސްޓް ރޭޓަކީ 10.5 ޕަސެންޓް
  • ދައްކަން 30 އަހަރުގެ މުއްދަތެއް ލިބޭނެ

ގެދޮރު ގަންނަން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށް، ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން އެއް މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފުކޮށްފި އެވެ.

ގެދޮރުވެރި ކުރުވުމުގެ ގިނަ ލޯނުތަކެއް ދޫކުރާ އެޗްޑީއެފްސީ އިން ބުނީ "ޔޫތް ޕްރޮޑަކްޓް" ގެ ނަމުގައި މި ލޯނު ދޫކުރާނީ އުމުރުން 21 އަހަރާއި 35 އަހަރުގެ ޒުވާނުން ކަމަށެވެ. އަދި މި ސްކީމުން ލޯނު ނެގޭނީ ހަމައެކަނި ހުޅުމާލެ އިން އެޕާޓްމަންޓާއި ފްލެޓް ގަންނަން ބޭނުންވާ މީހުންނަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ މި ސްކީމުން ލޯނު ދޫކުރާނީ 10.5 ޕަސެންޓުގެ އިންޓަރެސްޓުގައި ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން 30 އަހަރު ލިބޭނެ އެވެ. އަދި މި ސްކީމުން ލޯނު ނަގާ މީހުން އަމިއްލަ ހިއްސާގެ ގޮތުގައި ބަހައްޓަން ޖެހޭނީ ލޯނުގެ 15 ޕަސެންޓް ކަމަށް އެޗްޑީއެފްސީއިން ބުނެފައިވެ އެވެ.

އެޗްޑީއެފްސީ އިން ބުނީ މި ލޯނު ދޫކުރީ ރާއްޖެއަކީ ފަހަށް ފައިސާ ރައްކާ ކުރުން މަދު ގައުމަކަށްވާއިރު ފްލެޓް ގަންނަ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ "އޯނާސް އިކުއިޓީ" ނުވަތަ ބޮޑު ރަހުނެއް ބެހައްޓަން ޖެހުން ކަމަށެވެ. ނަމަވެސް މި ލޯނުގައި ބަހައްޓަން ޖެހޭ 15 ޕަސެންޓަކީ މިހާތަނަށް ރާއްޖޭގައި އޯނާސް އިކުއިޓީ އެންމެ ކުޑަ އަދަދު ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.