ޔުނިވަސަލް ފައުންޑޭޝަނުން ސްޕޮންސާކޮށް ވިލާ ކޮލެޖާ ގުޅިގެން ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާއަށް ނެރުމަށް ފަޝާފައިވާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ސްކޮލާޝިޕްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ދަސްވެނިވެއްޖެ އެވެ. ޔުނިވަސަލްގެ ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ސްކޫލް ނިންމުމަށްފަހު ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުންވާ ޒުވާނުންނަށެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުންނަށް ކިޔަވައިދެނީ ސެޓްފިކްޓް 3 އިން ހޮސްޕިޓަލިޓީ މެނޭޖްމަންޓް އެވެ. މިއީ ފުލް ފަންޑެޑް ކޯސްތަކެކެވެ. މި ކޯހުގެ ފުރަތަމަ ބުރުގައި މިއަދު ދަސްވެނިވެފައިވަނީ 15 ކުދިންނެވެ.
ޑިސްކަވާ ހޮސްޕިޓަލިޓީ ޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ ދަސްވެނިވުން ފާހަގަކުރުމަށް މިއަދު ހޮޓެލް ޖެންގައި ވަނީ ރަސްމިއްޔާތެއް ބާއްވައި ބައިވެރިންނަށް ކޯހުގެ ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އަދި އަލަށް މިކޯހަށް ހޮވުނު 25 ބައިވެރިންނަށްވެސް ސްކޮލާޝިޕް ލިޔުން ހަވާލުކޮށްފަ އެވެ.
މި ޕްރޮގްރާމް އިންތިޒާމްކުރި ޔުނިވަސަލް އެންޓަޕްރައިސަސް ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު މިއަދު ވިދާޅުވީ، ވިލާ ކޮލެޖާ ގުޅިގެން އެ ކުންފުނިން ފަށާފައިވާ މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ދުރު ރާސްތާގައި ވަރަށް ބޮޑު މަންފާއެއް ކުރާނެ މަސައްކަތެއް ކަމަށެވެ. ދިވެހި ފަތުރުވެރިކަމުގެ ދާއިރާ، ރާއްޖޭގެ އެންމެ ވަރުގަދަ އިންޑަސްޓްރީގެ ގޮތުގައި ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު އެންމެ ބޮޑަށް ބޭނުންވެފައި ވަނީ ތަމްރީނު ލިބި މަސައްކަތުގެ އަހުލާގު ލިބި ފުރިހަމަ ވެފައިވާ ޒުވާނުން ކަމަށެވެ. ވިލާ ކޮލެޖާ ގުޅިގެން ފަށާފައިވާ މި ޕްރޮގްރާމުގެ ބޭނުމަކީ އެފަދަ ޒުވާނުން ދިވެހި ފަތުރުވެރިކަމަށް ނެރެދިނުން ކަމަށް މަނިކު ވިދާޅުވި އެވެ.
"މިއީ ފެށުމެއް. ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރައިގެން މިދަނީ ހީވެސް ނުކުރާހާ ބާރު މިނެއްގައި. އެ ދާއިރާއަށް ބޭނުންވަނީ ހުނަރު ހުރި ޒުވާނުން. އެހެންވީމަ މި ފަހިކޮށްދެނީ ފުރުސަތު. މީގެ ބޭނުންހިފައިގެން ކުރިއަށް ދިއުމަކީ ތި ޒުވާނުންގެ އަތްމަތީ އޮތް ކަމެއް،" މަނިކު ވިދާޅުވި އެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ކުދިންނަކީ ތަފާތު ޓޫރިސްޓް ރިސޯޓް އަދި ހޮޓާތަކުން ވެސް ކަނޑައެޅިފައިވާ މުއްދަތަކަށް އަމަލީ ތަމްރީން ވެސް ހޯދާ ކުދިންނެވެ.\