ބޮލީވުޑް

އައިޝްވާރިޔާގެ އެނބުރިއައުން: ގިނަ ބަޔަކަށް ކަމުދިޔަ

May 22, 2015

ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އައިޝްވާރިޔާ ރާއީ ކުޅޭ ފުރަތަމަ ފިލްމު "ޖަޒްބާ"ގެ ހާއްސަ މަންޒަރުތަކެއް ވަނީ މިހާރު ކުރިއަށްދާ ކޭންސް ފިލްމު ފެސްޓިވަލްގައި ބުދަ ދުވަހު ވަނީ ދައްކާލާފަ އެވެ.

އެ މަންޒަރުތައް ދުނިޔޭގެ މީޑިއާތަކުގެ ކުރިމަތީގައި ދައްކާލާފައި ވަނީ ލަގްޒަރީ ޔޮޓް، "ލޭޑީ ޖާޒީ" ގައި ފިލްމްގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ އާއި އައިޝްވާރިޔާ ބައިވެރިވެގެން ބޭއްވި ހަފްލާއެއްގަ އެވެ.

މިފިލްމުގެ މަންޒަރުތައް ކަމު ދިޔަ ނޫސްވެރިން ބުނެފައި ވަނީ އައިޝްވާރިޔާ ދައްކުވައިދީފައިވާ އެކްޓިންގެ ސަބަބުން ހައިރާންކަން ލިބުނު ކަމަށެވެ. ކޭންސް ފެސްޓިވަލްގައި ގުގުމާލާފައި ވަނީ "ޖަޒްބާ"ގެ ވާހަކަ އެވެ. އޭނާގެ އެކްޓިންއަށް އިތުރަށް ތައުރީފް ކުރި މީހުން ބުނެފައިވަނީ ފިލްމްގައި އޭނާ ފެނިގެން ގޮސްފައިވަނީ މީގެކުރިން ފިލްމެއްގައި ނުފެންނަ ކަހަލަ ރޯލަކުން ކަމަށެވެ. ނަމަވެސް އޭނާގެ ޕާފޯމެންސަށް 100 ދޭން ޖެހޭ ކަމަށް ވެސް އެފަދަ ފަރާތްތަކުން ބުންޏެވެ.

ހަފްލާއަށް ފަހު މިފިލްމުގެ ޑައިރެކްޓަރު ސަންޖޭ ގުޕްތާ ވަނީ އޭނާގެ ޓްވިޓާގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފަ އެެވެ.

ޕޯސްޓަރުން ފެންނަގޮތުގައި މާޔޫސްވެ ގޮތްހުސްވެފައިވާ އައިޝްވާރިޔާ ކުޑަކަކޫ ބިންމަތީގައި ޖަހައިގެން އަތުގެ އިނގިލިތަކުން ބިންމަތީ ވަކިއަޅުވާލައިގެން އިންނައިރު، ފަހަތުން ފެންނަނީ އުސްކޮށް އިމާރާތްކޮށްފައި ހުންނަ ސިޓީ އެއްގެ މަލަމައްޗެވެ.

ފުރަތަމަ ޕޯސްޓާ ރިލީޒްކުރުމާއިއެކު ގިނަ ބަޔަކު އަންނަނީ ޓްވިޓާގައި އައިޝްވާރިޔާއާ އަށް ތައުރީފުކުރަމުންނެވެ. އެގޮތުން ގިނަ ބަޔަކު ވަނީ މި ޕޯސްޓަރުން އޭނާގެ އެނބުރި އައުން ވަރަށް ފުރިހަމަ ކަމަށް ބުނެފަ އެވެ.

މިފިލްމު ސިނަމާތަކާއި ހަމައަށް އަންނަން އަދި 6 މަސްދުވަސް ބާކީ އޮތްއިރު، ފުރަތަމަ ޕޯސްޓަރު ދައްކާލުމާ އެކު ގިނަ ބަޔަކު އަންނަނީ މިފިލްމުގެ ޕޯސްޓަރަށާއި އައިޝްވާރިޔާގެ އިތުރުން ސަންގޭ އަށް ތައުރީފުކޮށް ޓްވީޓްތައް ކުރަމުންނެވެ. އެގޮތުން ޖަޒްބާގެ ގެ ނަމުގައި ހޭޝްޓެގްއެއް ހަދައި ފޭނުން ވަނީ ފިލްމްގެ ޕްރޮމޯޝަން ފަށައިގަނެފަ އެވެ.  

އެކްޝަން ޑްރާމާއަށް ފެތޭ މިފިލްމުގައި އައިޝްވާރިއާ މުހިންމު ރޯލަކުން ފެނިގެންދާއިރު، ފިލްމުގައި އޭނާ ކުޅެނީ ވަކީލެއްގެ ރޯލުކަމަށްވެ އެވެ. ދެން އެންމެ މުހިންމު ރޯލުން ފެނިގެންދާ އިރްފާން ޚާން ފެނިގެންދާނީ ސަސްޕެންޑްކޮށްފައިވާ ފުލުސް މީހެއްގެ ގޮތުގަ އެވެ

ދެތަރިންގެ އިތުރުން ޝާބާނާ އާޒްމީ ވެސް މުހިންމު ރޯލަކުން ފެނިގެންދާއިރު، އަނޫޕަމް ކޭރް އާއި، އަތުލް ކުލްކާނީގެ އިތުރުން ސިދާތް ކަޕޫރުގެ އިތުރުން ޗަންދަން ރޯއި ސަންދާލް ވެސް މިފިލްމުން ފެނިގެންދާނެ ކަމަށްވެ އެވެ.

ޖަޒްބާ" އަކީ ކޮރެއަން ފިލްމް "ސެވަން ޑޭސް"ގެ ނަމޫނާއަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ.މިފިލްމު އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ރިލީޒްކުރާގޮތަށް ހަމަޖެހިފައިވާއިރު، ވަރަށް އަވަހަށް މިފިލްމުގެ ފުރަތަމަ ޓްރެއިލާ މުމްބާއިގައި ރިލީޒްކުރާނެކަމަށްވެ އެވެ.

މިއީ ކޭންސް ފިލްމު ފެސްޓިވަލްގައި އައިޝްވާރިޔާ ހަރަކާތްތެރިވާ ފިލްމެއްގެ މަންޒަރުތައް ދައްކާލި ދެވަނަ ފަހަރެވެ. މީގެކުރިން ވަނީ މަދޫރްބަންޑާކަރްގެ "ހީރޮއިން" ދައްކާލާފަ އެވެ. ނަމަވެސް އައިޝްވާރިޔާ ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު އަރާދްޔާ އަށް ބަލިވެއިންކަން އެނގުމުން، އެ ފިލްމް ދޫކޮށްލައިފަ އެވެ.