ހަބަރު

ސިއްރު ހެކިވެރިއެއްގެ ބަޔާން އަނބުރާ ގެންގޮސްފި

May 9, 2018
4

ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކަށް ވިލާގެ ރިސޯޓަކުން ގެނައި ގިނަ އަދަދެއްގެ ފައިސާތަކެއް ހުރި ދަބަހެއް ހަވާލުކުރި ކަމަށް ބުނެ ފުލުސް އޮފީހަށް ބަޔާން ދީފައިވާ މީހާ އޭނާގެ ބަޔާން އަނބުރާ ގެނެސް ހެކި ބަސް ދޭން އިންކާރު ކުރާ ކަމަށް ބުނެ ފުލުހަށާއި ކޯޓަށް ސިޓީ ފޮނުވައިފި އެވެ.

ޝިޔާމް އިބްރާހިމް ކިޔާ މީހަކު ކްރިމިނަލް ކޯޓަށާއި ފުލުސް އޮފީހަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ބަޔާނެއް ދިނުމަށް ފުލުސް އޮފީހުން އެދުމުން އޭނާ 13 ޖެނުއަރީ 2018 ގައި ފުލުސް އޮފީހަށް ބަޔާނެއް ދީފައި ވާނެ ކަމަށެވެ. އަދި އެ ބަޔާން ޝަރީއަތަށް ހުށަހަޅާ ނަމަ ނޫނީ ހެއްކެއް ގޮތުގައި ކޯޓަށް ހުށަހާނީ ސިއްރުން އަދި އެކަން އޭނާއަށް އެންގުމަށް ފަހު ކަމަށް، އެ ބަޔާން ނެންގެވި އައިއޯ އޮފިސަރު، ޕޮލިސް ސްޓާފް ސާޖެންޓް އިސްމާއިލް ވިރުދާން އޭނާއަށް ޔަގީންކަން ދީފައިވީ ނަމަވެސް، އެކަން އެގޮތަށް ހިނގާފައި ނުވާ ކަމަށެވެ. އަދި އެ ބަޔާނުގެ ސިއްރުކަން މިހާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ފޮނުވި ސިޓީގައިވެ އެވެ.

"ވީމާ، އެ ބަޔާން އަނބުރާ ގެނައުމަށް އަޅުގަނޑު ނިންމައިފީ މެވެ. އަދި އެކަމާ ގުޅިގެން ޝަރީއަތުގެ މަރުހަލާއެއްގައި ހެކިބަސް ދިނުމަށް އަޅުގަނޑު އުޒުރުވެފައިވާ ވާހަކަ ވެސް ދެންނެވީމެވެ،" އޭނާގެ ސިޓީގައިވެ އެވެ.

ސިއްރު ހެކިވެރިއެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާފައިވާ ޝިޔާމް އިބްރާހީމްގެ ބަޔާނުގައި އޭނާ ބުނެފައި ވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވެގެން ޕެރަޑައިސް އައިލެންޑް ރިސޯޓުން ދަބަހެއްގައި ފައިސާތަކެއް ގެނައި ކަމަށާއި އެ ފައިސާތައް ހަވާލުކުރީ ދަގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަން ގޯޅީ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސިނާންއަށް ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރު ވައްޓާލައި، ރައީސް ޔާމީން ހަވަރަށް ދޭން ޖެހޭ ކަމަށް ރައްޔިތިން މަޖިލީހުގެ އިދިކޮޅު މެންބަރުން ކުނޫޒުތެރޭގައި ވާހަކަ ދެއްކި ކަމަށް ވެސް އޭނާ ސިއްރުން ދީފައިވާ ބަޔާނުގައިވެ އެވެ.

ބަޔާންތައް ލީކުވުމާ ގުޅިގެން، މީގެ ކުރިން ވެސް ވަނީ އެހެން ބޭފުޅަކު ވެސް އޭނާގެ ބަޔާން އަނބުރާ ގެނެސް، ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ބުނެފަ އެވެ. ލީކްވި ބަޔާނުންތަކުން އެނގިފައިވާ ގޮތުގައި އޭގެ ބައެއް މައްސަލަތައް ބެއްލެވި ކްރިމިނަލް ކޯޓްގެ އިސް ގާޒީ ވެސް ވަނީ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާ ދެކޮޅަށް ވެސް ބަޔާން ދީފަ އެވެ. މީގެ އިތުރުން، އަމުރުތައް ނެރުމުގައި ނުފޫޒުތަކަށް ބޯލެބިކަމަށް އާދަމް އާރިފްގެ އިތުރުން ސިވިލް ކޯޓްގެ ގާޒީ މުހައްމަދު ހަލީމް އަލީ ވެސް ވަނީ ބަޔާންގައި އެއްބަސްވެ ވަޑައިގެންފަ އެވެ.

އެ ބަޔާންތައް ލީކްކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.