ބޮލީވުޑް

ތަންނޫ ވެޑްސް މަންނޫ ރިޓާންސް؛ މިއީ އުންމީދީ ފިލްމެއް

May 22, 2015

މިއަދު ރިލީޒްކުރާ ކަންގަނާ ރާނާވަތު އާއި އާރް މާދަވަންގެ "ތަންނޫ ވެޑްސް މަންނޫ ރިޓާންސް"ގެ ހާއްސަ ސްކްރީނިންއެއް ބޮލީވުޑްގެ ފަރާތްތަކަށް ދައްކާލައިފި އެވެ.

މިފިލްމު ދައްކާލިތާ ގަޑިއިރުތަކެއް ފަހުން، ބޮލީވުޑްގެ ފަރާތްތަކުން އަންނަނީ ޓްވިޓާގައި މިފިލްމަށް ތައުރީފުކުރަމުންނެވެ.

ދޭހާސް އެގާރަވަނަ އަހަރު ނިކުތް ފިލްމު "ތަންނޫ ވެޑްސް މަންނޫ"ގެ ސީކުއެލްއަކަށް އުފައްދާފައިވާ މިފިލްމުގެ ޑައިރެކްޓަރު އަނަންދު އެލް ރާއީ ގެ މަސައްކަތަށް ފުލްމާކްސް ދީފައިވާއިރު، ނެޝަނަލް އެވޯޑް ލިބިފަިއިވާ ކަންގަނާ މިފިލްމުގައި ދައްކުވައިދީފައިވާ އެކްޓިންއަށް އަދިވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ކަންގަނާ ޑަބަލް ރޯލުން ފެނިގެންދާ މިފިލްމަށް ތައުރީފުކުރި މީހުންގެ ތެރޭގައި، ޑައިރެކްޓަރު ފަރާ ޚާން އާއި ޑައިރެކްޓަރު ހަންސަލް މެހްތާ އަދި ޑައިރެކްޓަރު ސުޖޯއި ޖޯޝް ހިމެނެ އެވެ.

ޑައިރެކްޓަރު މެހްތާ މިއީ ވަރަށް މޮޅު ފިލްމެއް ކަމަށް ބުނެފައިވާއިރު، ޑައިރެކްޓަރު ފަރާ ވަނީ ކަންގަނާގެ އެކްޓިންއަށް ތައުރީފުކޮށް އޭނާ އަކީ އެހެން ޕްލެނެޓަަކަށް ނިސްބަތްވާ މީހެއްކަމަށް ބުނެފަ އެވެ.

“ކުއީން"ގައި ދައްކުވައިދިން އާދަޔާހިލާފު މޮޅު އެކްޓިންއިން، ނެޝަނަލް އެވޯޑް ކަންގަނާ އަށް ލިބުނުފަހުން ގިނަ ބަޔަކު އަދިވެސް އޭނާއަށް ތައުރީފްކުރަމުން އަންނަ ދަނޑިވަޅުގައި، "ތަންނޫ ވެޑްސް މަންނޫ ރިޓާންސް"ގައި މޮޅު އެކްޓިންއެއް ދައްކުވައިގެން އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ ހިތްއަނެއްކާވެސް އަތުލާފެ އެވެ.

މިއަދު ރިލީޒްކުރާ މިފިލްމުގައި ކަންގަނާ އާއި މާދަވަންގެ އިތުރުން ޖިމީ ޝެރްގިލް އާއި ދީޕަކް ޑޮބްރިޔާލް މުހިންމު ރޯލްތަކުން ފެނިގެންދާނެ އެވެ.

މިއަހަރުގެ މިހާތަނަށް އަދި ބެލުންތެރިންގެ ހިތް އަތުލައިގަންނަ ފަދަ ފިލްމެއް ރިލިޒްކުރެވިފައިނުވާއިރު، މިފިލްމާއި މެދު ކުރެވެމުންދާ އުންމީދުތައް ބޮޑުކަމަށްވެ އެވެ. މިދިޔަ ހަފްތާ ރިލީޒް ކުރި ބޮމްބޭ ވެލްވެޓަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އިރު، މި ފިލްމްއަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.