ބޮލީވުޑް

ޝާހުރުކް ކަކުލުގެ އޮޕަރޭޝަނެއް ކޮށްފި

May 22, 2015

ސުޕަސްޓާ ޝާހްރުކް ހާންގެ ވާތު ކަކުލުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާ އެކު އިއްޔެ ކޮށްފި އެވެ.

ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އިއްޔެ ކުރި މި އޮޕަރޭޝަން ކާމިޔާބު ކަމަށާއި، މިއަދުގެ ވަގުތެެއްގައި ޝާހްރުކް ގެއަށް ދޫކޮށްލާނެ ކަމަށްވެ އެވެ. އަދި މިހާރު ޝާހްރުކް ކުޅެމުންދާ ފިލްމު "ރައީސް"ގެ ޝޫޓިންއަށް އަލުން ދިއުމަށް ހަމަޖެހިފައިވަނީ ތިން ހަތަރުވަރަކަށް ދުވަސް ފަހުން ކަމަށްވެ އެވެ. 

ޝާހްރުކްގެ ކަކޫ އޮޕްރޭޝަންކުރި ޑޮކްޓަރު ސަންޖޭ ދޭސާއީ އާއި ހަވާލާދީ ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައި ވަނީ، މީގެ އެތަކެއް މަހެއްކުރިން ފެށިގެންވެސް ޝާހްރުކްގެ ކަކުލުގައި ރިއްސާ ވަރަށް ބޮޑަށް ވަނީ ދުޅަވެފަ އެވެ. މިއީ ވޭތުވެދިޔަ އަހަރުތަކުގައި ކަކުލަށް ލިބިފައިހުރި އަނިޔާތަކެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށްވެ އެވެ. 

"މިހާރު ވަނީ ވަރަށް ބޮޑުތަން ރަނގަޅުވެފައި، މާދަމާގެ ވަގުތެއްގައި ދޫކޮށްލާނެ" ޑޮކްޓަރު ދޭސާއީ ބުނެފައިވެ އެވެ.

މިދިޔަ އަހަރު ނިކުތް ޑައިރެކްޓަރު ފަރާ ޚާންގެ "ހެޕީ ނިއު އިޔާ" ޝޫޓްކުރުމުގެ ތެރޭގައިވެސް ވަނީ ޝާހުގެ ކޮނޑުހުޅުގައި ރެނދެއްލުމުގެ އިތުރުން، ވާތު ކަކުލަށް ވެސް އަނިޔާވެފަ އެވެ. 

ރާހުލް ދޯލާކިޔާ ޑައިރެކްޓްކުރާ މިފިލްމުގައި ޝާހް އާއި އެކު ލީޑްރޯލުން ފެންނާނީ ބޮލީވުޑަށް އަލަށް ތައާރަފްވާ ޕާކިސްތާންގެ ފިލްމީ ތަރިއެއް ކަމުގައިވާ މާހިރާ ޚާން އާއި ނަވާޒުއީން ސިއްދީގީ އެވެ.

ގިނަ ބަޔަކު މިހާރުވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ މިފިލްމު އަންނައަހަރުގެ އީދުގައި ރިލީޒްކުރުމަށް ހަމަޖެިފައިވާއިރު، މިފިލްމުގައި ޝާހް ފެނިގެންދާނީ ސްމަގްލާއެއްގެ ރޯލުންނެވެ. ޝާހް އަތުލުމަށް މަސައްކަތްކުރާ ޕޮލިސް މީހެއްގެ ރޯލުން ނަވާޒުއްދީން ފެނިގެންދާއިރު، މާހިރާ ފެނިގެންދާނީ ޝާހްގެ ލޯބިވެރިޔާގެ ރޯލުންނެވެ.