ވިޔަފާރި

މިދިޔަ އަހަރު ކިރުވި މަހުގެ އަދަދު ބޮޑުތަން އިތުރުވެއްޖެ

May 10, 2018

މިދިޔަ އަހަރު މަސް ކުންފުނި ތަކަށް މަސް ކިރުވި އަދަދު ކުރީ އަހަރާ އަޅާ ބަލާއިރު 76 ޕަސެންޓް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު މަސް ކިރުވި އަދަދު އިތުރުވެފައިވާއިރު މަހުގެ އެކްސްޕޯޓު ވެސް ބޮޑުތަން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 76.6 ހާސް މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފަ އެވެ. މަސް ކިރުވި މިންވަރު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ކަޅުބިލަ މަސް ކިރުވި އަދަދު ވަރަށް ބޮޑުތަން އިތުރުވުމާއި ގުޅިގެން ކަންނެވި ކިރުވި އަދަދުވެސް ކޮންމެވެސް މިންވަރެއް އިތުރުވުމުންނެވެ.

ކުންފުނިތަކަށް ކިރުވި މަހުގެ 98 ޕަސެންޓް ހިއްސާވަނީ ކަޅު ބިލަމަހާއި ކަންނެލި މަހެވެ.

މަރުކަޒީ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ކަނޑު މަހުގެ އަގު ބޮޑު ބާވަތެއް ކަމަށްވާ، ލޯބޮޑު ކަންނެލި ކިރުވި މިންވަރު ނިސްބަތުން ބަލާއިރު ވަނީ ދެ އަހަރުވެސް ދަށަށް ގޮސްފަ އެވެ.

"އެހެން އަހަރުތަކެކޭ ވެސް އެއްފަދަ އިން އަހަރުގެ މެދުތެރެ ފިޔަވައި އެހެން މަސްތަކުގައި މަސް ކިރުވި އަދަދު ވަނީ އިތުރުވެފަ އެވެ. އަހަރުގެ މެދުތެރޭގައި އާއްމު ގޮތެއްގައި މަސް ކިރުވާ ދަށްވަނީ ވިއްސާރަ މޫސުމުގެ ސަބަބުން މަސްވެރިކަން ދަށްވުމާއި ގުޅިގެންނެވެ،" އެމްއެމްއޭ އިން ބުނެފައި އެވެ.

އެމްއެމްއޭ އިން ބުނީ ކުންފުނިތަކުން ތާޒާ ފިނިކުރި ކަޅުބިލަ މަސް ގަތް އަދަދު ފުރަތަމަ ހަ މަހު އެއް ވަރެއްގައި ހުރުމަށްފަހު ފަހުކޮޅު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ކަންނެލީގެ އަގަށް ބަލާއިރު، މިދިޔަ އަހަރުގެ ޖަނަވަރީ މަހުގައި ކަންނެލި ކިލޯއެއް ގަންނަ އަގު 67.5 ރުފިޔާގައި ހުރިއިރު، އަހަރުގެ ޑިސެންބަރު މަސް ނިމުނު އިރު ކަންނެލި ކިލޯއެއްގެ އަގު ވަނީ 62.2 ރުފިޔާ އަށް ދަށްވެފައިވެ އެވެ.