ބޮލީވުޑް

ޝޫޓިންއަކަށް ޕަރިނީތީ ރާއްޖެއަށް

May 10, 2018

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ޝޫޓިން އަކަށް ރާއްޖެ އައިސްފި އެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ޕަރިނީތީ ރާއްޖެ އައިސްފައިވަނީ މެގަޒިންއެއްގެ ޝޫޓިން އަށެވެ. އިންސްޓަގްރާމުގައި އާންމުކުރި ސްޓޯރީއެއްގައި ޕަރިނީތީ ވަނީ ޝޫޓިން އަކަށް ރާއްޖެ އަންނަކަން ހާމަކޮށްފަ އެވެ.

ޕަރިނީތީ ރާއްޖެ އައީ އޭނާ އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އޮސްޓްރޭލިއާގެ ޓޫރިޒަމް ޕްރޮމޯޓްކުރުމުގައި އުޅުމަށްފަހު އެވެ.

ރާއްޖޭގައި ޕަރިނީތީ ޝޫޓިންގައި މަޑުކުރާނީ ކޮން ރިސޯޓެއްގައި އަދި ހާމަކޮށްފައެއް ނުވެ އެވެ. އޭނާ އާއެކު މަޝްހޫރު ފޮޓޯގްރާފާ އަބޭ ސިންގް އާއި ސްޓައިލިސްޓް ދިވްޔަކް ޑިސޫޒާ ވެސް ބައިވެރިވެ އެވެ. އަބޭ އަކީ އިންޑިއާގެ މަޝްހޫރު ގިނަ މެގަޒިންތަކަށް ސެލެބްރިޓީންގެ ފޮޓޯ ނައިދޭ މީހެކެވެ. އޭނާ ގިނައިން ނަގާފައިވަނީ ފިލްފެއާ މެގަޒިންގެ ކަވަރު ފޮޓޯ އެވެ.

މި އަހަރުގ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ޕަރިނީތީ ވަނީ ރާއްޖެ އައިސްފަ އެވެ. ޗުއްޓީ ހޭދަކުރުމަށް ކުރި އެ ދަތުރުގައި އޭނާ ހުރީ ސަން އައިލެންޑް ރިސޯޓުގަ އެވެ.

މިފަހަކަށް އައިސް ބޮލީވުޑްގެ ގިނަ މެގަޒިންތަކުގެ ޝޫޓިން ރާއްޖޭގެ ރިސޯޓުތަކުގެ ހިތްގައިމު ގޮނޑުދޮށުގައި އަންނަނީ ނަގަމުންނެވެ. އެގޮތުން އާލިއާ ބާޓް އާއި ސިދާތް މަލޯހޯތުރާ ވެސް ވަނީ ފިލްމުފެއާ މެގަޒިންގެ ޝޫޓިން ރާއްޖޭގައި ނަގާފަ އެވެ. އަދި ޓައިގާ ޝްރޮފް ވެސް މެގަޒިންއެއްގެ ޝޫޓިން ރާއްޖޭގައި ނެގިއިރު ކެޓްރީނާ ކައިފް ވަނީ ޑިޒައިނަރު މަނީޝް މަލްހޯތުރާގެ ހެދުންތަކެއްގެ ޝޫޓިން ނަގާފަ އެވެ.

ޕަރިނީތީ ބޮލީވުޑަށް ނިކުމެފައިވަނީ 2011 ވަނަ އަހަރު ޔާޝް ރާޖްސް އިން އުފެއްދި "ލޭޑީ ވާސަސް ރިކީ ބަލް" އިންނެވެ. ކެރިއަރުގެ ކުރީކޮޅު މާ ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅެވިފައިނުވާ ޕަރިނީތީގެ ކެރިއަރު ވަޅުޖެހި، ފިލްމު ނުކުޅެ ދެ އަހަރެއްހާ ދުވަހު ވަނީ މަޑުކޮށްފަ އެވެ. އޭގެފަހުން އޭނާ އެނބުރި އައިސްފައިވަނީ މިދިޔަ އަހަރު ނިކުތް ކާމިޔާބު ފިލްމު "ގޯލްމާލް އެގެއިން" އެވެ.

މިހާރު ޕަރިނީތީ އަންނަނީ އަރްޖުން ކަޕޫރާ އެކު ކުޅޭ ދެވަނަ ފިލްމު "ނަމަސްތޭ ލަންޑަން" ޝޫޓްކުރަމުންނެވެ. އަދި އޭނާ އަށް ވަނީ އަކްޝޭ ކުމާރު ލިޑްރޯލު ކުޅޭ "ކޭސަރީ" ގެ ބަތަލާގެ ރޯލު ވެސް ކުޅެން ލިބިފަ އެވެ.