މިއުޒިކް

ކެޓީ އާއި ޓެއިލާގެ ދެމެދުގައި ރޯވި ހުޅުގަނޑު ނިވިއްޖެ

މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ކެޓީ ޕެރީއާއި ޓެއިލާ ސްވިފްޓްއަކީ ކުރީގައި ގާތް ދެ ރަހުމަތްތެރިންނެވެ. ނަމަވެސް 2013 ވަނަ އަހަރު މި ދެ ތަރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގައި ދެމީހުންގެ ރަހުމަތްތެރިކަމުގެ ގުޅުން ނިމުމަކަށް އައެވެ.

ދެ މީހުންގެ ރަހުމަތްތެރިކަމުގެ ގުޅުމުގައި ހަތަރު އަހަރުވަންދެން ހުޅު ރޯވެފައި އޮތުމަށްފަހު މިހާރު އެ ހުޅުގަނޑު ނިވިއްޖެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. ޓެއިލާ ގާތުން މާފަށް އެދި ކެޓީ ވަނީ އޮލިވް ބްރެންޗް [މާފަށް އެދި ގުޅުން ބަދަހި ކުރުމަށް ސަގާފީގޮތުން ކުރާ ކަމެއް] ފޮނުވާފަ އެވެ.

އޮލިވް ބްރެންޗްއާއެކު ކެޓީ ވަނީ ޓެއިލާއަށް ސިޓީއެއްވެސް ފޮނުވާފަ އެވެ. ޓެއިލާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ކެޓީއަށް ޝުކުރު އަދާކޮށް މެސެޖެއް ފޮނުވާފަ އެވެ.

އެ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހުނީ ކެޓީގެ ލަވަތަކުގައި ބެކަޕް ޑާންސްކުރާ ނެށުންތެރިންތަކެއް ޓެއިލާއާއެކު މަސައްކަތްކުރަން ދިއުމުންނެވެ. ޓެއިލާއާއެކު މަސައްކަތްކުރުމަށްފަހު އަނެއްކާ އެ ނެށުންތެރިން ކެޓީއާ ގުޅުނެވެ.

ޓެއިލާ އިންސްޓަގުރާމް ސްޓޯރީގައި ކުރި ޕޯސްޓް.

މި މައްސަލަ ޖެހިފައި އޮއްވާ މި ދެ ތަރިން ނެއްލި ލަވައެއްގައި ދެ މީހުން ދެ މީހުނަށް ފާޑުކިޔާފައިވެ އެވެ. ޓެެއިލާ 2014 ވަނަ އަހަރު ނެއްލި ލަވަ "ބޭޑް ބްލަޑް" އަކީ ކެޓީއަށް އަމާޒުކޮށް ނެރުނު ލަވައެއް ކަމަށްވެ އެވެ. ކެޓީ މިދިޔަ އަހަރު ނެއްލި ލަވަ "ސްވިޝް ސްވިޝް" އަކީ ޓެއިލާއަށް ރައްދުދިނުމަށް ނެރުނު ލަވައެއް ކަމަށްވެ އެވެ.

މިއަދަކީ ޓެއިލާގެ "ރެޕިއުޓޭޝަން" ޓުއާ ފަށާ ދުވަހެވެ. މި ޓުވާގެ ދަށުން ދޭ ފުރަތަމަ ޝޯ އޮންނާނީ އެރިޒޯނާގަ އެވެ.

ކެޓީ ވަނީ މިިދިޔަ އަންގާރަ ދުވަހު މެޓް ގާލާ 2018 ގައި ބައިވެރިވެފަ އެވެ. މެޓް ގާލާއަށް އޭނާ ލީ ހެދުން ގިނަ ބަޔަކަށް ކަމުދިޔަ އެވެ.
އެކަމަކު ކޮންމެ އަހަރަކު މެޓް ގާލާގައި ބައިވެރިވަމުން އަންނަ ޓެއިލާ މިއަހަރުގެ އިވެންޓުގައި ބައިވެރިވެފައެއް ނުވެ އެވެ.