މިދިއަ އޭޕްރީލް މަހު މީރާއަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފައިވާކަމަށް މީރާއިން ބުނެފި އެވެ.
މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 2.8 ޕަސެންޓް އިތުރު އަދަދެކެވެ. މި އަދަދާއިއެކު މި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 6.1 ބިލިއަން ރުފިޔާވަނީ ބަލައިގަނެފައެވެ.
މީރާއިން ބުނީ އޭޕްރީލް މަހުގެ އާމްދަނީ އިތުރުވީ، ޖީއެސްޓީގެ ގޮތުގައި ބަލައިގަނެފައިވާ އަދަދު އިތުރުވުމާއި ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވާ މިންވަރު އިތުރުވުމުގެ ސަބަބުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެގެން ކަމަށެވެ.
އޭޕްރީލް ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 64.0 ޕަސެންޓް ނުވަތަ 742.0 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކުހުންނެވެ. އެއީ 6.5 ޕަސެންޓް ނުވަތަ 74.86 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 6.1 ޕަސެންޓް ނުވަތަ 70.97 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި އެއާޕޯޓު ޑިވެލޮޕްމަންޓް ފީ (55.05 މިލިއަން ރުފިޔާ ނުވަތަ 4.7 ޕަސެންޓް)، އެއާޕޯޓް ސާވިސް ޗާޖް (54.83 މިލިއަން ރުފިޔާ ނުވަތަ 4.7 ޕަސެންޓް) އަދި އެހެނިހެން ޓެކުހާއި ފީ (161.67 މިލިއަން ރުފިޔާ ނުވަތަ 13.9 ޕަސެންޓް) ހިމެނެއެވެ.
އޭޕްރީލްގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 47.12 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.