މިއުޒިކް

ސައިނާއަށްވެސް ޓައިޓަލް ހައްގު؟!

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގައި ބައިވެރިން ވާދަކުރާ ފަހު ބުރުގެ ހުށަހެޅުންތައް ރޭ ވަނީ ގެނެސްދީފަ އެވެ. މި ސީޒަންގެ ގްރޭންޑް ފިނާލޭ އޮންނާނީ މާދަމާ ރޭގައި އެވެ. ގްރޭންޑް ފިނާލޭގައި ވާދަކުރަނީ އައިޝަތު ސައިނާ މުހައްމަދު ރަޝީދު، މަރިޔަމް މައީޝާ، އައިޝަތު އަޒަލް އަލީ ޒާހިރު، ނައުޝާދު އަބްދުލް ލަތީފް އަދި ތަސްލީމް އަބްދުލް ކަރީމް އެވެ.

ރޭގެ ޝޯގައި ބެލުންތެރިން އެންމެ ގަދަޔަށް ބަހުސްކުރީ އައިޑޮލްގެ މި ސީޒަންގެ ފައިނަލުގައި ވާދަކުރަމުން އަންނަ ބައިވެރިޔާ ސައިނާއަށް އައިޑޮލްގެ ޓައިޓަލް ހައްގު ހެއްޔެވެ. އެއް ބަޔަކު ހައްގޭ ބުނަމުން އަންނައިރު، އަނެއް ބަޔަކު ބުނަމުންދަނީ ހައްގެއް ނޫނެވެ.

ބެލުންތެރިން ސަބަބުތަކެއްގެ ގޮތުގައި ދައްކަނީ މީގެ ކުރިން ސައިނާ ގިނަ މުބާރާތްތަކެއްގައި ބައިވެރިވެ ވަނަ ހޯދާފައި ވުމާއި، އައިޑޮލްގެ ދަތުރުގައި ސައިނާ ރޯގާއަކުން ސަލަމާތް ނުވެގެން އުޅުނުއިރުވެސް ޝޯއިން ވަކިނުވުމާއި، ވަކި ޖަޖަކު ސައިނާއާއި އެހެން ބައިވެރިންނާއި ދެމެދުގައި ތަފާތުކުރުންތައް ގެންގުޅުމާއި އަދި މިއުޒިކުގެ ދާއިރާއަށްވުރެ އެހެން ދާއިރާއަކުން ކުރިއަށް ދިޔުމަށް އޭނާގެ ޝައުގުވެރިކަން ހުރުމެވެ.

އައިޑޮލްގެ ޓައިޓަލް ސައިނާއަށް ހައްގު ނުވާންްވީ ކީއްވެ ހެއްޔެވެ. ޓައިޓަލް ދިނުމުގައި ބަލަނީ ބައިވެރިޔާއަށް ލަވަ ކިޔޭތޯ އާއި އޭނާގެ އެ ހުނަރު ހުރިތޯ އެެވެ. ބައެއް ބެލުންތެރިން މި ބުނާ ސަބަބުތަކަށް ނޫނެވެ. ޓައިޓަލް ހައްގުވާ މީހާގެ ހުންނަންޖެހޭ ހުނަރު ސައިނާގެ އެބަހުއްޓެވެ.

މީގެ ކުރިން މުބާރާތެއްގައި ނުވަތަ އެ ނޫންވެސް ތަނެއްގައި ލަވަ ކިޔައިގެން އައިޑޮލްއަށް އައިއްސަހުރީ ސައިނާ އެކަންޏެއް ނޫނެވެ. މި ސީޒަންއާއި ކުރީ ސީޒަންތަކުގައިވެސް ލަވަ ކިޔުމުގެ ދާއިރާގައި ކުރިން މަސައްކަތްކޮށްފައި ތިބި ބައިވެރިން އެބަ ތިއްބެވެ. ނަމަވެސް ސައިނާއާއި އެ ބައިވެރިން ތަފާތުވީ ސައިނާއަކީ ލަވަ ކިޔައިގެން ގިނަ ކާމިޔާބީތަކެއް ހޯދާފައި ބައިވެރިއަކަށްވުމެވެ.

ސައިނާ ރޯގާ ރަނގަޅު ނުވުމަކީ އޭނާ ގަސްތުގައި ކުރާނެ ކަމެއް ހެއްޔެވެ. ކަރު ބުޑަށް ރޯގާ ޖެހުމުން ވާ އުނދަގޫ އެންމެނަށްވެސް އިނގޭނެ އެވެ. ސައިނާ ރޯގާ ރަނގަޅު ނުވީ އޭނާ އެ ތަކުލީފު އުފުލަން ބޭނުން ވީމަ ހެއްޔެވެ. އެ ހާލަތުގައިވެސް ސައިނާ އޭނާގެ ހިތްވަރުދައްކާއި ރަނގަޅު ހުށަހެޅުންތަކެއް ގެނެސްދިނެވެ.

ރޯގާ ޖެހިގެން ސައިނާ ޝޯއިން ވަކިނުވީމާ ބައެއް ބެލުންތެރިން ނިންމީ ސައިނާ ޝޯއިން ވަކިނުވީ ޖަޖުން އޭނާއަށް "ފޭވާ" ކުރާތީ ކަމަށެވެ. ނަމަވެސް އައިޑޮލްގައި ވާދަކުރާ ބައިވެރިން ވަކި ކުރުމުގެ ބާރު އޮތީ ހަމައެކަނި ޖަޖުންގެ އަތް މައްޗަކު ނޫނެވެ. އެމީހުންގެ އަތުގައި އޮތީ 50 އިންސައްތަ އެވެ. އަނެއް 50 އިންސައްތަ އޮތީ ބެލުންތެރިންގެ އަތްމަތީގަ އެވެ. މިއިން ކޮންމެ ފަރާތަކުންވެސް ގިނައިން މާކްސް ލިބިދާނެ އެވެ. އެހެންކަމުން މިކަން ހަމައެކަނި ޖަޖުންގެ ބޮލުގައި އެޅުވޭކަށެއްވެސް ނެތެވެ.

ނަމަވެސް ހަގީގަތައް ބަލާނަމަ ސައިނާދެކެ ގިނަ ބެލުންތެރިން ރުޅި އަންނަނީ ޖަޖިން ފެނަލުގައި އިން ވަކި ޖަޖަކު ކޮމެންޓުކުރާއި ވަކި އަތަކަށްޖެހި، އެހެން ބައިވެރިންނަށް ބަދު ބަސް ލިބޭ ގޮތައް ކޮމެންޓުކުރާތީ އެވެ. އައިޑޮލްގެ ފައިނަލާއި ހަމައަށް އާދެވޭނީ ހުނަރާއި މޮޅުކަން ހުރީމަ އެވެ. މައްސަލައަކަށް ވަނީ ޖަޖު އުނޫޝާއަށް "ވަރުގަދަ އަޑެއް" ގެ ގޮތުގައި ހަމައެކަނި ސައިނާގެ އަޑު އިވުމެވެ. މި ސީޒަންގެ ފައިނަލްގައި ވަރުގަދަ ނޫން އަޑެއް އެބަހުރި ހެއްޔެވެ؟ ނޫނީ މައްސަލަ އުޅެނީ އުނޫޝާއަށް އިވުމުގައި ހެއްޔެވެ؟

މި ބަހުސް ރޭގައި ވައިގައިހިފީ ސައިނާ ލަވަކިޔުމުގެ އިތުރުން އެހެން ދާއިރާއަކުން ކުރިއަށް ދިއުމަށް ބޭނުންވާ ވާހަކަ ބުނި ހިސާބުން ފެށިގެންނެވެ. އޭނާ ބޭނުންވަނީ ލަވަކިޔުންތެރިއެއްގެ އިތުރުން ޑޮކްޓަރަކަށް ވާށެވެ. ބައެއް ބެލުންތެރިން އެކަމަކު ބުނަނީ ޓައިޓަލް ހައްގީ ލަވަކިޔުމުގެ ދާއިރާއިން ކުރިއަށްދިއުމަށް ބޭނުންވާ ކުއްޖަކަށް ކަމަށެވެ.

ބެލުންތެރިންގެ މި ސަބަބާއި ދެކޮޅުހަދާކަށް ބޭނުމެއް ނޫނެވެ. އެކަމަކު ކޮންމެ މީހަކަށްވެސް އެއް ހުވަފެނަށްވުރެ ގިނަ ހުވަފެން ދުށުމުގެ ހައްގު އޮންނާނެވެ. އެކަކަށް ދެކަންވެސް ކުރެވިދާނެ އެވެ.

މި ސަބަބާއި ދެކޮޅު ހެދެންނެތީ އައިޑޮލްގެ ޓައިޓަލް ލިބޭ ބައިވެރިޔަކީ މިއުޒިކީ ދާއިރާގައި ކުރިއަށް ދިއުމަށް ބޭނުންވާ ބައިވެރިޔަކަށް ވާންޖެހޭތީ އެވެ. މުޅި މި ޝޯގެ މަގުސަދަކީވެސް އެއީނުން ހެއްޔެވެ. އައިޑޮލް ބާއްވަނީ މީހަކު ޑޮކްޓަރަކަށް، ނަރުހަކަށް ނޫނީ ޕައިލެޓަކަށް ހަދާކަށެއް ނޫނެވެ.

މީގެ ކުރިން ޑޮކްޓަރަކަށްވާން ބޭނުންވި މީހަކަށް އައިޑޮލްގެ ޓައިޓަލްދީފައިވެ އެވެ. އެކަމަކު ވާކަމެއް އެބަ ފެނޭ ހެއްޔެވެ. ޑޮކްޓަރަކަށްވާން މަސައްކަތް ނުކުރާތާއި ލަވަކިޔުމުގެ ދާއިރާއިންވެސް ފެންނަނީއެއް ނޫނެވެ. ބޮޑު ޓައިޓަލްއެއް ދިނުމުގެ ބޭނުމެއް ދެ އަހަރުވީއިރުވެސް ނުފެނެ އެވެ.

މިއީ ފުރަތަމަ ސީޒަންގެ ޓައިޓަލް ގެންދިޔަ ބައިވެރިޔާގެ ހާލަތެވެ. ދެވަނަ ސީޒަންގައި ޓައިޓަލް ގެންދިޔަ ބައިވެރިޔާ އެ ހިފައިގެން ބަހަބަރުވީ ގޮތަށް އަދި އަދަށްވެސް ލޮލުކޮޅަށް ފެނިފައެއް ނުވެ އެވެ. ޓައިޓަލް ނުހޯދާ ބައިވެރިންވެސް މާ ކުރާ ހިތުން އަދި ޝައުގުވެރިކަމާއެކު ދާއިރާގައި މަސައްކަތް ކުރަމުން އެބަދެ އެވެ.

މިހާރު ފައިނަލިސްޓުންގެ ގޮތުގައި ތިބި ފަސް ބައިވެރިންނަކީވެސް "ވަރުގަދަ އަޑު" ގެ ބައިވެރިންނެވެ. އެއިން ކޮންމެ މީހަކަށްވެސް ޓައިޓަލް ހައްގެވެ.