ބޮލީވުޑް

ކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ދުބާއީ އަށް ދާން ސަލްމާން ނިންމައިފި

May 22, 2015

އިސްތިއުނާފް މަރުހަލާ ނިމެންދެން ގޭބަންދަށް ދޫކޮށްފައި ހުރި ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ހާން ގައުމުން ބޭރަށް ދިއުމުގެ ހުއްދަަ ކޯޓުން އަދި ދީފައި ނުވިޔަސް، ދުބާއީގައި ބާއްވާ އެވޯޑު ހަފުލާއެއްގައި އޭނާ ބައިވެރިވާނެ ކަމަށް އެ ޝޯ އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) ނޫސް އެޖެންސީން އިއްޔެ ބުނި ގޮތުގައި މި މަހު 28 ގައި ދުބާއީ އަށް ދަތުރުކުރުމުގެ ހުއްދަ އަށް ސަލްމާން ވަނީ މުމްބާއީގެ ހައި ކޯޓުގައި މިދިޔަ ބުދަ ދުވަހު އެދިފަ އެވެ. އެ ކަމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައި ނުވިޔަސް، މި މަހު 29 ގައި ބާއްވާ "އަރަބް އިންޑޯ ބޮލީވުޑް އެވޯޑް" ހަފުލާގައި އޭނާ ބައިވެރިވާނެކަން ކަށަވަރުކޮށް ދީފައިވާ ކަމަށް އެ ހަފުލާ އިންތިޒާމްކުރާ ފަރާތުން ބުނެފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ސަލްމާންގެ ބަހެއް އަދި ނުލިބެ އެވެ.

އެކްސިޑެންޓެއްގައި މީހަކު މަރުވި މައްސަލައެއްގައި ސަލްމާން ފަސް އަހަރަށް ޖަލަށް ލުމަށް މި މަހު ހަތެއްގައި ކުރި ހުކުމް ތަންފީޒުކުރުން، މުމްބާއީގެ ހައި ކޯޓުން ވަނީ ޖެހިގެން އައި ދުވަހު ފަސްކޮށްފަ އެވެ. އެ ކޯޓުން ނިންމާފައި ވަނީ އެ މައްސަލައިގެ އިސްތިއުނާފް ނިމެންދެން ސަލްމާން މިނިވަނެއްގެ ގޮތުގައި ބެހެއްޓުމަށެވެ. ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ބެހެއްޓުމާ މެދު ދެން އެންމެ އަވަހަށް ވެސް އަޑުއެހުމެއް ބާއްވާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު އެވެ.

މީގެ 13 އަހަރު ކުރިން، ސެޕްޓެމްބަރު 28، 2002 ވަނަ ދުވަހުގެ ރޭ، ސަލްމާންގެ ކާރު މަގުމަތީ ނިދާފައި ތިބި ބައެއްގެ ގައިމަތިން ގޮސް އެކަކު މަރުވެ ފަސް މީހަކު ޒަހަމްވި މައްސަލާގައި ސަލްމާން ކުށްވެރިވާ ކަމަށް ނިންމީ އެ އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވީ ސަލްމާން ނޫން ކަމަށް އޭނާ ކޯޓުގައި ބުނެފައި ވަނިކޮށެވެ. ޑްރައިވަރު ވެސް ވަނީ ކާރު ދުއްވީ އޭނާ ކަމަށް ކޯޓުގައި ބުނެ ޒިންމާ އުފުލައިފަ އެވެ. ނަމަވެސް ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވީ ކާރު ދުއްވީ ސަލްމާން ކަމަށާއި ސަލްމާން އޭރު އިނީ ރާބޮއެ މަސްތުވެފައި ކަމަށެވެ.

ސަލްމާން ޖަލަށް ލުމަށް ކުރި ހުކުމުގެ މައްސަލާގައި އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފަ އެވެ. ސަލްމާނާ މެދު ކޯޓުން އަމަލުކުރީ އިންސާފުން ނޫން ކަމަށް ބުނާ މީހުން ގިނަ އެވެ. ސަލްމާންގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމާ އެކު އޭނާގެ ސަޕޯޓަރުން މިއަދު ވަނީ ހައި ކޯޓު ބޭރުގައި އުފާ ފާޅުކޮށްފަ އެވެ.

ސަލްމާން މިހާތަނަށް ވަނީ 80 އަށް ވުރެ ގިނަ ހިންދީ ފިލްމު ކުޅެ އިންޑަސްޓްރީގެ އެންމެ ކުރިން ޖާގަ ހޯދައިފަ އެވެ. ދަބަންގް، ރެޑީ، ބޮޑީގާޑް، އެކް ތާ ޓައިގާ، މެއިނޭ ޕިޔާރް ކިޔާ އަދި ހަމް އާޕްކޭ ހޭ ކޯން އަކީ ސަލްމާންގެ އެންމެ ކާމިޔާބު ލިސްޓުގައި ހިމެނޭ ފިލްމުތަކެވެ.