ދުނިޔެ

ގެފުޅު ހިމެނޭ ސަރަހައްދުގައި ކުޑަޖަހައި ހިޔާކުރަނީ

މާތްވެގެންވާ ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނަށް އަވީގެ ސަބަބުން ކުރިމަތިވާ ދަތިކަމަށް ހައްލު ހޯދުމަށް ގެފުޅު ވަށައިގެން އެކި ހިސާބުތަކުގައި 300 އަށް ވުރެ ގިނަ ކުޑަ ހަރުކުރަން ނިންމާފައިވާ ކަމަށް ހަރަމްފުޅުގެ އިމާމް އަދި މަޝްހޫރު ގާރީ އަބްދުއްރަހްމާން އާލް ސުދައިޝް ވިދާޅުވެއްޖެ އެވެ.

"ހަރަމްފުޅު ހިމެނޭ ސަރަހައްދުގައި ހިޔާ ބޮޑުކުރުމަށް 300 އަށް ވުރެ ގިނަ ކުޑަ ޖެހުމަށް ވަނީ ނިންމާފައި. ހަރަމްފުޅަށް އެންމެ ފަހުން އިތުރުކުރި ބައިގައި ވެސް ކުޑަ ޖަހާނެ،" އަބްދުއްރަހްމާން ވިދާޅުވެފައިވެ އެވެ.

މި ކުޑަތަކުން 275000 އަކަ މީޓަރުގެ ބޮޑު ސަރަހައްދެއް ހިޔާވެގެން ދާނެ އެވެ. ހަރަމްފުޅު ސަރަހައްދަށް ބޭނުންވާ ކުޑަ ހޯދައި އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ސައޫދީ ރަސްގެފާނު އަބްދުﷲ ދެއްވާފައި ވަނީ ދާދި ފަހުންނެވެ.

މަދީނާގައި ހުންނަ، ކީރިތި ރަސޫލާގެ މިސްކިތުގެ ވަށައިގެން މިހާރުވެސް ކުޑަ ޖަހާފައިވެ އެވެ. ހަރަމްފުޅު ސަރަހައްދުގައި ވެސް ޖަހާނީ އެފަދަ ކުޑަތަކެއް ކަމަށް އިމާމް ވިދާޅުވި އެވެ. ރަސޫލާގެ މިސްކިތުގައި 250 ކުޑަ ޖަހާފައިވެ އެވެ. މަތީގައިވާ ފޮޓޯގައި އެ ވަނީ ރަސޫލާގެ މިސްކިތުގައި ހުރި ކުޑަތަކެވެ. އެއީ ހައިޓެކް ކުޑަތަކެކެވެ. 

މި ކުޑަތައް ކޮންމެ ދުވަހަކު ހެނދުނު ހުޅުވުމަށް ފަހު ރޭގަނޑުވުމާ އެކު ލައްޕާނެ އެވެ.

ސައޫދީ ސަރުކާރުން ދަނީ ހަރަމްފުޅަށް އަޅުކަމަށްދާ މީހުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ބޮޑެތި ހޭދަތައް ކުރަމުންނެވެ. ހަރަމްފުޅު ސަރަހައްދު ބޮޑުކުުރުމުގެ މަސައްކަތް ކުރަމުން ދާތީ ދަތިތަކާ ކުރިމަތިވަމުން ދިޔަ ނަމަވެސް މަސައްކަތް ނިމުމުން ހައްޖު މޫސުމުގައި ވެސް ބޮޑެތި ލުއިތައް ލިބި ޖާގަ ތަނަވަސްވެގެން ދާނެ ކަމަށް ސައޫދީ ސަރުކާރުން ބުނެ އެވެ.