ރިޕޯޓް

ނިހާއި ހުކުމް ސުޕްރީމް ކޯޓަށް ރިވިއު ނުކުރެވޭ ބަހުސް ކުރަމާ!

ނިހާއީ ހުކުމެކޭ ބުނަނީ "ފައިނަލް" ހުކުމަށެވެ. މައްސަލައެއްގައި ފަހު ގޮތް ކަނޑައަޅާ ހުކުމަށެވެ. އެ ހުކުމަކީ ބަދަލެއް ނުކުރެވޭނެ ފަހު ބަސް ކަމުގައި އެ ހިސާބުންވީއެވެ. ނިހާއީ ހުކުމްތައް އިއްވޭ ކޯޓަކީ ސުޕްރީމް ކޯޓެވެ. އެ ކޯޓަކީ ހައިކޯޓުން ނިންމާ ހުކުމްތަކުގައި ނިހާއީ ހުކުމްގެ ލޭބަލް އަޅުވާ ކޯޓެވެ. އެންމެ މަތީ ކޯޓެވެ. އެންމެ ފަހު ބަސް ބުނާ ކޯޓެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް އޮތީ އެހެނެވެ؛ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެހެން އޮއްވާ އާ ބަހުސެއް މިކަމާމެދު މި ވަނީ ފެށިފައެވެ. އެންމެފަހު ނިންމުން ނިންމާ ކޯޓަށް އެ ކޯޓުން މީގެ ކުރިން އަމިއްލައަށް ނިންމާފައި ހުރި ހުކުމްތައް ރިވިއު ކުރެވިދާނެ ހެއްޔެވެ؟ ނިހާއީ ހުކުމަކަށް ބަދަލެއް ގެނެވިދާނެ ކަމާމެދު މިހާރު މިވަނީ ސުވާލު އުފައްދާފައެވެ. މިއީ ވަރަށް ބޮޑު ކަމެކެވެ.

ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަދި ދުސްތޫރީ މައްސަލަތަކުގައި ވަރަށް ގިނަ ކާމިޔާބުތައް ހޯއްދަވާފައިވާ ކުރީގެ ބަންޑާރަ ނައިބު އައިސަތު އާޒިމާ ޝަކޫރު ވިދާޅުވާ ގޮތުގައި ސުޕްރީމް ކޯޓުގެ ނިހާއީ ހުކުމެއް އެ ކޯޓަށް ވެސް ބަދަލު ނުކުރެވޭނެއެވެ. އެކަމަނާ ވިދާޅުވާ ގޮތުން އެކަން އެގޮތަށް ކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ވެސް ނެތެވެ.

އާޒިމާ އެހެން ވިދާޅުވަނީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެ، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި އެހެން ވެސް ސިޔާސީ ފަރާތްތަކުގެ މައްޗަށް އިއްވާފައިވާ ހުކުމްތަކާ މެދު އެ ކޯޓުން ނިންމާފައިވާ ނިންމުންތައް ބާތިލު ކޮށްފައިވާތީއެވެ.

އެކަމަނާ ވިދާޅުވެފައިވާ ގޮތުގައި، ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކަށް އަލުން ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދީފައެއް ނެތެވެ. ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި ސުޕްރީމް ކޯޓުގެ ހުކުމެއް އަލުން އަޑުއަހާފައި އަލުން ބަދަލު ކުރެވޭނެ އެއްވެސް ގާނޫނީ ފުރުސަތެއް ނެތެވެ. އެކަން އެގޮތަށް ކުރެވޭނެ އެއްވެސް ގާނޫނީ އޮނިގަނޑެއް ވެސް ނެތެވެ.

"ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެ ފުރުސަތުތައް އޮންނަ ގާނޫނީ އޮނިގަނޑުތައް ހުރޭ، ނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެއް، ސުޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމެއް، އެހެންވީމަ ފަހުންކުރާ އަމުރަކުން އެ ބަދަލެއް ނުކުރެވޭނެ، އެއަށް ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށް ވެސް ނުލިބޭ،" އާޒިމާ ވިދާޅުވި އެވެ.

އަވަށްޓެރި އިންޑިއާގެ ސުޕްރީމް ކޯޓަށް ރިވިއު ޕެޓިޝަން ހުށަހެޅޭނެ ކަމަށް އެ ގައުމުގެ ގާނޫނު އަސާސީގައި އޮވެއެވެ. ނަމަވެސް ރާއްޖޭގެ ފެހި ގާނޫނު އަސާސީގައި އޮތީ ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހު ނިންމުމޭއެވެ. ނިހާއީ ހުކުމަށް ބަދަލު ގެނެވޭނެ ކަމެއް ނުވަތަ ނުކުރެވޭނެ ކަމެއް ވެސް ނެތެވެ. މިއީ ގާނޫނީ ބޮޑު ސުވާލެކެވެ. ގާނޫނީ ލޫޕް ހޯލެކޭ ވެސް ބުނެވިދާނެއެވެ.

މިކަން ވަނީ ސުޕްރީމް ކޯޓުގައި ބަންޑާރަ ނައިބު ވެސް ފާހަގަ ކުރައްވާފައެވެ. އެ ނުކުތާ ފާހަގަ ކުރީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކޮށްދިނުމަށް އެދި ބަންޑާރަ ނައިބުގެ އޮފީހުން އެ ކޯޓަށް ވެއްދި ދުސްތޫރީ މައްސަލާގައެވެ. އެ މައްސަލާގައި އަދި ހުކުމެއް ނުއިއްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލް މައާޝާ ލުތުފީ ވިދާޅުވާ ގޮތުގައި ގާނޫނު އަސާސީގައިވާ ގޮތުން ކޯޓެއްގެ އަމުރެއް ނުވަތަ ހުކުމެއް ރިވިއު ކުރެވޭނީ ނުވަތަ ބާތިލު ކުރެވޭނީ އެ ހުކުމެއް ނެރުނު ކޯޓަށްވުރެ މަތީ ކޯޓަކުންނެވެ. އަދި ސުޕްރީމް ކޯޓަކީ އަދުލް އިންސާފުގެ ދާއިރާގައި އެންމެ މަތީ ކޯޓު ކަމާއި އެ ކޯޓުގެ ނިންމުމަކީ އެންމެފަހުގެ ނިންމުމެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ ހުކުމެއް އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި މައްސަލާގައި ހިމެނޭ ފަރާތްތަކަށް އެންގުމަކާނުލާ ސުޕްރީމް ކޯޓަށް ބާތިލެއް ނުކުރެވޭނެއެވެ.

ބަންޑާރަ ނައިބުގެ ފަރާތުން އެ ނުކުތާ ފާހަގަ ކުރުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ހައިރާންވެވަޑައިގެން ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ. އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވެސް މައާޝާ ތަކުރާރު ކުރެއްވީ ގާނޫނު އަސާސީގައި ރިވިއު ކުރެވޭނެ ކަމަށް ނެތް ކަމެވެ. މައާޝާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރާނެ ގޮތުގެ އުސޫލެއް ވެސް ނެތެވެ. އުސޫލެއް އެކުލަވާލައި ރިވިއު ކުރާނީ ކޮން ހާލަތްތަކެއްގައިކަން ވެސް އެނގެން އޮންނަން ޖެހޭ ކަމެވެ. ފަނޑިޔާރު ވެސް ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފައެވެ. އުސޫލެއް އެކުލަވައިލުމުގެ ވާހަކައަކީ "ސެންސް މޭކް ކުރާ" ވާހަކައެއް ކަމަށް އެ ދުވަހު ފަނޑިޔާރު ވިދާޅުވިއެވެ.

ރިވިއު ނުކުރެވޭ މައްސަލާގައި ބަންޑާރަ ނައިބާއި އާޒިމާއާ ހިޔާލު ތަފާތުވާ ބައެއް ގާނޫނީ ބޭފުޅުން ވެސް އެބަ ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ވަކީލް މައުމޫން ހަމީދެވެ. އޭނާ ވަނީ ސުޕްރީމް ކޯޓަށް އެ ކޯޓުގެ ނިންމުންތައް ރިވިއު ކުރެވޭނެ ކަމަށް ވިދާޅުވެ، ގާނޫނީ މާއްދާއެއް ދައްކަވާފައެވެ. އެއީ ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ނ) އެވެ.

އެ މާއްދާގައި ބުނަނީ، ގާނޫނީ އުސޫލަކާ ބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް، ނުވަތަ ބާތިލު ކުރުމަށް، ނުވަތަ އެ ނިންމުމާ ދުރަށް ދިއުމަށް، ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުމަކާ ތަފާތު ކުރުމަށް ސުޕްރީމް ކޯޓަށް ލިބިދޭ އިހްތިޔާރަކަށް ހުރަހެއް ނެތޭއެވެ.

މައުމޫން ހަމީދު ފާހަގަ ކުރެއްވި ގާނޫނީ މި މާއްދާއިން ވެސް ނިހާއީ ހުކުމެއް ބަދަލު ކުރެވޭނެ ކަމަށް ނުބުނާ ކަމަށް އެހެން ވަކީލަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މާއްދާގައި ބުނަނީ ހަމައެކަނި ގާނޫނީ އުސޫލަކާ ބެހޭ ގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުތަކަށް ބަދަލު ގެނެވިދާނެއޭއެވެ. ނިހާއީ ހުކުމެއްގެ ވާހަކައެއް ނެތެވެ.

މިސާލަކަށް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ނިހާއީ ހުކުމެއް އިއްވާފައެވެ. ހުސެއިން ހުމާމް މަރަން ވަނީ ހުކުމްކޮށްފައެވެ. އެއީ އެންމެ ފަހުގެ ނިހާއީ ހުކުމެވެ. އެ ހުކުމަށް ބަދަލު ގެނެވޭނެ އުސޫލެއް ރާއްޖޭގައި ނެތްކަން އެ ވަކީލު ފާހަގަކުރެއްވިއެވެ.

މައުމޫން ހަމީދުގެ ނުކުތާއާ ދެބަސްވި އެ ވަކީލް ވަނީ އާޒިމާ ދެއްކެވި ވާހަކަތަކުގެ ތެރެއިން ވެސް އެއް ބަޔަކަށް ދެކޮޅު ހައްދަވާފައެވެ. އެއީ ކުރީގެ ރައީސް ނަޝީދުގެ މައްސަލަ ސުޕްރީމް ކޯޓަށް އަލުން ރިވިއު ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވާ ވިދާޅުވުމެވެ. އެއީ، ރައީސް ނަޝީދުގެ މައްސަލާގައި ސުޕްރީމް ކޯޓުން މިހާތަނަށް ނިހާއީ ހުކުމެއް އިއްވާފައިނުވާތީއެވެ.

އެ މައްސަލަ ބަލައިގަންނަން ނުޖެހޭ ކަމަށް ކަނޑައަޅައި މައްސަލަ ފަނޑިޔާރުންގެ މަޖިލީހުން ބޭރުކޮށްލީ ޝަރީއަތް ހިންގުމަށްފަހުއެއް ނޫނެވެ. އެފަދަ ނިންމުމެއް އަލުން ރިވިއުކޮށް ޝަރީއަތް ހިންގިދާނެ ކަމަށް އެ ވަކީލް ގަބޫލު ކުރައްވައެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ފާހަގަ ކުރެއްވީ މި ނުކުތާއެވެ. ފަރުދީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ، އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ ހަވަނަ ނަމްބަރެވެ.

ދިޔާނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން ނިންމާ ނިންމުން އަލުން ރިވިއު ކުރުމުގެ ބާރު އެ ކޯޓަށް ނުލިބޭ ނަމަ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ ހަވަނަ ނަންބަރުގެ ބޭނުމެއް ނެތެވެ. އެ މާއްދާ އެގޮތަށް ނޯންނާނެއެވެ. އެ މާއްދާގައި ބުނާ ގޮތުން "މިސްކަރޭޖް އޮފް ޖަސްޓިސް" ނުވަތަ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުުން ކޮށްފައިވާ ހުކުމަކަށް ވެއްޖެނަމަ، އެ ހުކުމެއް އައިސްފައިވާ މީހަކަށް ބަދަލު ދިނުން ގާނޫނީ އިމުގެ ތެރެއިން ދައުލަތުގެ މައްޗަށް ލާޒިމް ކުރެއެވެ.

އެއީ ރާއްޖެ ވެސް ބައިވެރިވާ މުއާހަދާއެކެވެ. މިސްކަރޭޖް އޮފް ޖަސްޓިސް އޮތް ކަމަށް ބެލެވޭނަމަ އެ ހުކުމެއް ރިވިއު ކުރުމަކީ އަދުލު އިންސާފު ގާއިމު ކުރުމަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް ނިހާއީ ހުކުމްތައް ވަކި އުސޫލެއް ނެތި އެ މުއާހަދާ އެހެން އޮތޭ ކިޔާފަ ބަދަލު ކުރުމުގެ ބާރަކީ ސުޕްރީމް ކޯޓަށް ވެސް ލިބޭ ބާރެއްތޯ މިއީ މިހާރު މި އުފައްދާ އަދި އުފައްދަން ޖެހޭވެސް ސުވާލެވެ.

މި ސުވާލަށް އެންމެ ރަނގަޅު ޖަވާބެއް ލިބޭނީ އެކެއް ފެބުރުއަރީ އަމުރުގައި މިހާރު ބާތިލު ނުކޮށް ހުރި ބައިތައް ބާތިލު ކުރުމަށް ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލާގެ ހުކުމުގައި ކަމަށް ބެލެވެއެވެ. އެ ހުކުމުގައި ބަންޑާރަ ނައިބުގެ ފަރާތުން ފެންމަތިކުރި މި މައްސަލައަށް ގާނޫނީ ހައްލެއް ލިޔެދޭނެ ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަށް އުސޫލެއް ބޭނުންވާނަމަ އޭގެ ވާހަކަ ވެސް އެންމެ އުއްމީދު ކުރެވޭ ހުކުމުގައި އޮންނާނެ ކަމަށް ބަލަމާ ހެއްޔެވެ؟ ބަހުސް ނިންމާލެވޭނީ އެ ހިސާބުންނެވެ.