މިއުޒިކް

ތިންވަނަ މޯލްޑިވިއަން އައިޑޮލަކަށް އަޒަލް

  • ގަދަ ތިނެއްގައި ތިން އަންހެން ބައިވެރިން
  • ދެވަނަ ޝައިނާއަށް، ތިންވަނަ މައީޝާއަށް
  • އަޒަލް މީގެ ކުރީ ސީޒަންތަކުން ކެޓި

މޯލްޑިވިއަން އައިޑޮލްގެ ސީޒަން ތިނެއްގެ ޓައިޓަލް އައިޝަތު އަޒަލް އަލީ ޒާހިރު ކަމިޔާބުކޮށްފި އެވެ. އަޒަލްއަށް އައިޑޮލްގެ ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.

އަޒަލް ޓައިޓަލް ގެންދިޔައީ ގްރޭންޑް ފިނާލޭ ޝޯގައި ސައިނާ މުހައްމަދު ރަޝީދު އާއި މަރިޔަމް މައީޝާ އާއި ތަސްލީމް އަބްދުލް ކަރީމް އަދި ނައުޝާދު އަބްދުލް ލަތީފްއާއި ވާދަކޮށް ގެންނެވެ. މި ބައިވެރިންގެ ތެރެއިން ޓޮޕް ތިނަކަށް ހޮވިފައި ވަނީ ތިން އަންހެން ބައިވެރިންނެވެ.

މި ސީޒަންގެ ދެވަނަ ގެންގޮސްފައިވަނީ ޝައިނާ އެވެ. ތިންވަނަ ލިބުނީ މައީޝާއަށެވެ. ގަދަ ތިން ބައިވެރިންނަށް ސްޕޮންސަރުންގެ ފަރާތުން ގިނަ އިނާމްތަކެއް ވަނީ ދީފަ އެވެ. އޭގެ އިތުރުން ތަސްލީމް އާއި ނައުޝާދަށް ވެސް ގިނަ އިނާމްތަކެއް އައިޑޮލްގެ މިފަހަރުގެ ސްޕޮންސަރުން ވަނީ ހަދިޔާކޮށްފަ އެވެ.

މިރޭގެ ޝޯގައި ބައިވެރިންގެ އިތުރުން މަޝްހޫރު ގިނަ ބޭންޑުތަކާއި ލަވަކިޔުންތެރިންގެ ފޯރިގަދަ ހުށަހެޅުންތަކެއް ފެނިގެންދިޔަ އެވެ.

އައިޑޮލްގެ ފުރަތަމަ ސީޒަނުގައި ޓައިޓަލް ގެންދިޔަ ލައިޝާ ޖުނައިދު އާއި ދެ ވަނަ ސީޒަންގައި ޓައިޓަލް ގެންދިޔަ ތަސްނީމް މުހައްމަދުގެ ހުށަހެޅުންތަކެއްވެސް ފެނިގެންދިޔަ އެވެ. މީގެ އިތުރުން ސީޒަން އެކެއްގެ ރަނަރަޕް ޝަލަބީ އިބްރާހިމްއާއި މުހައްމަދު އިޝާންވެސް ފެނިގެންދިޔަ އެވެ. މި ބައިވެރިން ހުށަހަޅާދިނީ އަމިއްލަ އޮރިޖިނަލް ލަވަތަކެވެ.