މިއުޒިކް

އަޒަލްގެ ހިތްވަރު، އެންމެނަށް ބޮޑު ފިލާވަޅެއް!

ހިތްވަރު އެލުވާނުލާއި ހާސިލުކުރަން ބޭނުންވާ ހުވަފެން ހަގީގަތަކަށް ހެދުމަށް ބުރަ މަސައްކަތްކޮށް އަޒަލް މި ވަނީ ބޮޑު މިސާލެއް ދައްކާފަ އެވެ. ނާކަމިޔާބީގައި ހިތްވަރުކޮށް ހުވަފެން ހަގީގަތަކަށް އޭނާ ހަދައިފި އެވެ.

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ މޯލްޑިވިއަން 2016 ވަނަ އަހަރު ފެށުނީއްސުރެ ގެނެސްދިން ތިން ސީޒަނުގައިވެސް އަޒަލް ބައިވެރިވި އެވެ. ފުރަތަމަ ސީޒަންގައި އަޒަލް އޮޑިޝަނުން ކެޓީ ޖަޖުންނަށް އޭރު އަޒަލް އައިޑޮލްގެ ޕްލެޓްފޯމަށް ތައްޔާރު ނޫން ކަމަށް ފެންނާތީ އެވެ.

އައްޑޫ ފޭދޫއަށް އުފަން އަޒަލް، 18، އިތުރު ހިތްވަރަކާއެކު ދެ ވަނަ ސީޒަންގައިވެސް ބައިވެރިވި އެވެ. އެ ސީޒަންގައި ޕިއާނޯ ރައުންޑާ ހަމައަށް ދިޔަ އެވެ. ޕިއާނޯ ރައުންޑުން އަޒަލްއަށް ޖެހުނީ ޝޯއިން ވަކިވާށެވެ.

ދެ ސީޒަންގައި ނާކަމިބާއާއި ކުރިމަތިލާން ޖެހުނު ނަމަވެސް އަޒަލް އުއްމީދު ކަނޑައެއް ނުލި އެވެ. ތިން ވަނަ ސީޒަންގައި ބައިވެރިވެ އޭނާގެ ލަވަކިޔުމުގެ ހުނަރު ހުރިކަން ސާބިތުކޮށްދީ އެންމެ ހައިރާންކޮށްލި އެވެ. އެންމެފަހުން ސީޒަން ތިނެއްގެ އަޑޮލްއަކަށް ހޮވުނީ އަޒަލް އެވެ.

އަޒަލްއަށް މި ލިބުނު ކާމިޔާބީގައި އޭނާ އެންމެ ބޮޑު ޝުކުރެއް އަދާކުރީ މައިންބަފައިންނަށެވެ. ހާއްސަކޮށް އޭނާގެ މަންމައަށެވެ. މިދިޔަ ކޮންމެ ސީޒަނެއްގައިވެސް އޭނާއަށް ހިތްވަރުދޭން އެންމެ ގާތުގައި ހުރީ މަންމަ އެވެ. ރަހުމަތްތެރިންނާއި ފޭނުންގެ ސަޕޯޓަށް އޭނާ ޝުކުރު އަދާކުރި އެވެ.

އައިޑޮލްގެ ޓައިޓަލް ގެންދިއުމުން އަޒަލްއަށް ގޯލްޑެން ޓްރޮފީއަކާއި ދެ ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވެ އެވެ. އަމިއްލަ އަލްބަމެއް ރެކޯޑުކުރުމުގެ ފުރުސަތުގެ އިތުރުން ސްޕޮންސަރުންގެ ފަރާތުން ތަފާތު އަގުހުރި ހަދިޔާތައް ލިބިފައިވެ އެވެ.

މި ސީޒަންގެ ރަނަރަޕްއަކަށް ހޮވުނީ އައިމިނަތު ސައިނާ މުހައްމަދު ރަޝީދު އެވެ. ދެ ވަނަ ރަނަރަޕްއަކަށް ހޮވުނީ މަރިޔަމް މައީޝާ އެވެ.