ހަބަރު

ރޯދައަށް ބަހާނެ ކަދުރެއް ނުލިބޭ: މިނިސްޓްރީ

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް އިސްލާމިކް މިނިސްޓްރީން ރައްޔިތުންނަށް ބަހާ ކަދުރު މި އަހަރު އަދި ނުލިބޭ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައޫދީން ރާއްޖެއަށް ގިނަ އަދަދެއްގެ ކަދުރު ހަދިޔާ ކުރެ އެވެ. އެގޮތުން މިދިޔަ އަހަރުވެސް 50 ޓަނުގެ ކަދުރު ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އެވެ. އޭގެ ކުރީ އަހަރުވެސް 50 ޓަނުގެ ކަދުރު ރާއްޖެއަށް ލިބުނެވެ. އެ ހުރިހާ ކަދުރެއް ރޯދައިގެ ކުރިން ބަހަ އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ، ރޯދައަށް ބަހާ ކަދުރު މިނިސްޓްރީއަށް ނުލިބޭ ކަމަށައި ކަދުރު ލިބުމުން ބަހާނެ ކަމަށެވެ.

ސަރުކާރުން ބަހާ ކަދުރު ނައި ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ޖަމިއްޔާ ކަމަށްވާ ސަދަގާތު ފައުންޑޭޝަނުން ރޯދަ މަހާ ދިމާކޮށް ކަދުރު ބަހަން ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން މާލޭގެ މަގުމަތީ އާއި ބަނދަރު މަތީގައި ފައުންޑޭޝަންގެ ފަރާތުން އިއްޔެ ހަވީރު ވަނީ ގިނަ އަދަދެއްގެ ކަދުރު ބަހާފަ އެވެ. ކަދުރު ބެހުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވީ، ފައުންޑޭޝަންގެ ފަރާތުން މިއަހަރު ބަހާ ކަދުރަކީ މެޑަމް ފާތުންގެ ހެޔޮ އެދުންތަކާއެކު ބަހާ ކަދުރު ކަމަށެވެ.

ސައުދީން ދިން ކަދުރު ސަދަގާތު ފައުންޑޭޝަނުގެ ނަމުގައި ބެހި މައްސަލައެއް މީގެ ކުރިން ވަނީ ފެންމަތިވި އެވެ.