ދިވެހި އުފެއްދުންތައް ވިއްކާ ތަނަކީ މާލެ ލޯކަލް މާރުކޭޓެވެ. އެކަމަކު އެތަނުގެ ތެރެ އިއްޔެ ބަލައިލީއިރު ފެނުނީ މުޅިން އެހެން ކުލައެކެވެ. ރޯދަ މަސް ފެށެން ތިން ދުވަހަށް ވެފައިވާއިރު ބާޒާރުން ދިވެހި އުފެއްދުންތައް ވަރަށް މަދެވެ. ބާޒާރުގައި ދިވެހި ކުލަ އެއް ނުފެނެ އެވެ.
"މި ރޯދަ މަހު ދިވެހި އުފެއްދުންތައް މަދުވާނެ. ވަރަށް ބޮޑަށް ވިއްސާރަ ކުރީމަ ބެލެވެނީ ބައެއް އެއްޗިހި މަދުވާނެ ކަމަށް،" މާރުކޭޓު ކޮޅިއެއްގައި ހުރި މީހަކު އިއްޔެ ބުންޏެވެ.
މުޅި ބާޒާރަށް ނަޒަރު ހިންގާލާއިރު ދިވެހިވަންތަ އެއްޗަކަށް ހުރީ ދޮންކޭލެވެ. ދޮންކެޔޮ ވަކެއް ވިއްކަނީ 3ރ. އާއި 6ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. މީގެ އިތުރުން ބާޒާރުގައި އެންމެ ގިނަ އެއްޗަކަށް ފެންނަނީ މިރުހެވެ. އަވަށްޓެރި އިންޑިޔާ އާއި އެފްރިކާގެ ގައުމުތަކުން އެތެރެކޮށްފައިވާ މިރުސް ކިލޯއެއްގެ އަގު އުޅެނީ 400ރ. އާއި 500ރ. އަށެވެ. އަދި ވަކިން ގިތެޔޮ މިރުސް 100ގ. 35ރ. އާއި 50ރ. އަށް ވިއްކަމުންދެ އެވެ.
ރޯދަ މަހު އެންމެ ގިނައިން މީހުން ބޭނުންކުރާ ކަރާގެ އަގުތައް އަދި ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ދިވެހި ކަރާ ބާޒާރުގައި މަދުއިރު ބޭރުގެ ކަރަ ކަރައިން ގެނެސް ވިއްކާ ކަރާ ކިލޯއެއްގެ އަގު ހުރީ 25ރ. އާއި 30ރ. އާ ދެމެދުގަ އެވެ.
ތޮއްޑޫ އިން ކަރާ ގެނެސް ވިއްކާ ގޮޅިއެއްގެ ސޭޓަކު އިއްޔެ ބުނި ގޮތުގައި ތޮއްޑޫ ކަރާ އަންނާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހު އެވެ.
"މި ރޯދަ މަހު ވެސް ކޮންމެ ވެސް ވަރަކަށް ކަރާ ގެންނާނެ. ރޯދަ މަހުގެ މެދުތެރޭ ހިސާބު ގިނަ އިން އަންނަން ފަށާނީ،"
ބާޒާރުގައި މިހާރު ލިބެން ހުރި އެހެން ބާވަތްތަކުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ފަޅޯ ކިލޯއެއް 12ރ. އަށް ވިއްކަމުންދެ އެވެ.
ރޯދަ މަހު އެންމެ ބޮޑަށް އަގުތައް ބަދަލު ވެގެން ދާނެ އެއް ބާވަތަކީ ފިޔާ އާއި އަލުވި އަދި ބިހެވެ. ބާޒާރުގައި ފިޔާ ބަސްތާއެއް ވިއްކަނީ 190ރ. އާއި 180ރ. އާދެމެދުގަ އެވެ. އަދި އަލުވި ބަސްތާއެއް 380ރ. އަށް ވިއްކާއިރު، ބިސް ކޭހެއް ވިއްކަނީ 330ރ. އަށެވެ.
ރޯދަ މަހަށް ދިމާކޮށް އެސްޓީއޯ އިން ވަނީ ފިޔާ އަލުވި އަދި ބިސް ދަނީ ގެނެސް ވިއްކަމުންނެވެ. މިގޮތުން އެސްޓީއޯއިން ރީޓެއިލްކޮށް ފިޔާ ކިލޯއެއް ވިއްކަނީ އަށް ރުފިޔާ އަށެވެ. އަދި އަލުވި ކިލޯއެއް ވިއްކަނީ 9 ރުފިޔާ އަށެވެ. ބިހެއް 1:50ރ. އަށް ވިއްކާއިރު، ހޯލްސޭލް ސެންޓަރުން ފިޔާ ބަސްތާއެއް 170 ރުފިޔާ އަށް، އަލުވި ބަސްތާއެއް 200 ރުފިޔާ އަށް، ބިސް ކޭހެއް 270 ރުފިޔާ ލިބެ އެވެ. އަދި އެސްޓީއޯ ސުޕަމާޓް ހޯލްސޭލް ސެންޓަރުން ގަނޑުކޮށް 50 ކޭހަކަށްވުރެ ގިނައިން ފިޔާ ބަސްތާއެއް ނަގާނަމަ 160 ރުފިޔާ އަށް ވިއްކާއިރު އަލުވި ބަސްތާއެއް 190 ރުފިޔާ އަށް އަދި ބިސް ކޭހެއް ވިއްކަނީ 260 ރުފިޔާ އަށެވެ.
ބާޒާރަށް އެންމެ ބާރު ބޮޑުވާ ރޯދަ މަސް އައިސް ބޯމަތި ވެއްޖެ އެވެ. ނަމަވެސް މި އަހަރު އަދި ފެންނަނީ ދިވެހި އުފެއްދުންތައް މަދުކޮށެވެ.