- އަމުރު ނެރުނު ގޮތް ބެލުމަކީ ފުލުހުން ކުރާކަމެއް ނޫން
- ކޯޓް އަމުރަކަށް ތަބާނުވަން ޓީވީއަށް އަރައި ނުބުނެވޭނެ
- ގާނޫނީ ސަރުކާރެއް ނެތްކަން މިހާރު ވަރަށް ސާފު
ފުލުހުންގެ ހުވަޔާ އެއްގޮތަށް ކޯޓު އަމުރެއް ތަންފީޒު ކުރަން އުޅުމުން މިއަދު ޓެރަރިސްޓަކަށް ހަދައި ހިފައި ހައްޔަރުކޮށްފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިމިނަލް ކޯޓުގައި އޮތީ އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމެވެ. އެގޮތުން ދައުލަތުގެ ފަރާތުން އަރީފްގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން އިތުރު ބަޔަކާއި ގުޅިގެން މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތައްޔާރުވުމަށް ދުރާލައި ރާވައި، އަމިއްލަ މަސްލަހަތައްޓަކައި ގާނޫނު ތަންފީޒު ކުރުމުގެ އިދާރާތަކުގެ ހިންގުންތަކަށް ބަދަލުގެނެސް ފުލުހުންނާއި ކުރިމަތި ލުމަށް ފުލުހުން ނެރެ، އުސޫލުތަކާއި ގާނޫނުތަކާއި ހިލާފަށް މުއައްސަސާތަކުގެ ހިންގުން ބަދަލުކޮށް، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ހަމަޖެހުން ނަގާލައި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއްް ވައްޓާލަން މަސައްކަތް ކުރުމުން ކަމަށެވެ.
މި މައްސަލައިގެ ކުށް ސާބިތުވެއްޖެ ނަމަ އަރީފްގެ މައްޗަށް 17 އަހަރާއި ވިހިއަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
އަރީފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް އިންކާރު ކުރައްވައި މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަރީފް ވިދާޅުވީ، މި ދައުވާ އަކީ އެއްވެސް އަސްލެއްނެތް ދައުވާ އެއް ކަމަށާއި މިއީ ހާގީގަތާއި ހިލާފަށް އޭނާ ފްރޭމް ކުރުމަށް އުފައްދާފައިވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ، ފުލުހުންގެ ވަޒީފާ އަދާކުރާތާ 29 އަހަރުވެފައިވާ ކަމަށާއި ދުވަހަކުވެސް ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އަރީފް ވިދާޅުވީ، މަތީ ކޯޓަކުންވެސް އަދި ދަށުކޯޓަކުން ވެސް މީގެ ކުރިން އަމުރެއް ނެރެފައިވާނަމަ އެ އަމުރެއް ތަންފީޒު ކޮށްފައިވާނެ ކަމަށާއި އެ އަމުރު ނެރެފައިވަނީ ކޮން ގޮތަކަށްތޯ ބަލާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑު މަގާމާ ހަވާލުވެގެން ކޮށްފައިވާ ހުވަޔާ ހިލާފަށް ޓީވީއަށް އަރައި އެ އަމުރު [1 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރު] ތަންފީޒު ނުކުރުމަށް ބުނުމުން އެކަން ކުރާނީ ކިހިނެތް، ކޮށްފައިވާ ހުވާޔާ ހިލާފަށް އެކަން ކުރައްވާނީ ކިހިނެތް، ކޯޓު އަމުރު ތަންފީޒު ކުރަން އުޅުމުުން އަޅުގަނޑު މިހުރީ ޓެރަރިސްޓަކަށް ހަދާފަ، ކޮން ގައުމަކުންތޯ އެކަން އެގޮތަށް ކުރައްވަނީ،" އަރީފް ވިދާޅުވި އެވެ.
އަރީފް ވިދާޅުވީ، ދައުލަތުން ދައުވާ ކޮށްފައިވަނީ ހަގީގަތުގައި އަމުރު ތަންފީޒު ކުރަން އުޅުމުން ކަމަށާއި ހުވަޔާއި ހިލާފަށް އަމުރު ތަންފީޒު ނުކޮށް ނުހުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ ޖަލަށްލާފައި ހުރުމަކީ މި ގައުމުގައި ގާނޫނީ އިމެއްނެތް ކަމާއި ގާނޫނީ ސަރުކާރެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.
"ކަންކަން މިހެން ކުރިމަތިވާއިރު އިންސާފުގެ ތެރެއިން ކަންކަން ކުރުމަށް ކޯޓަށް ގޮވާލަން،" އަރީފް ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ދިފާއީ ވަކީލުން ވަނީ ދައުލަތުން ކޮށްފައިވާ ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެ ނުކުތާތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ދައުވާގައިވާ ގޮތުން އިތުރު ބަޔަކާ ގުޅިގެންކަމަށް ފާޙަގަ ކޮށްފައިވާ ކަމަށާއި އެއީ ކޮންބައެއް ކަމަށާއި 2017 ވަނަ އަހަރުގެ ކޮން ވަގުތަކުން ފެށިގެން ކަމެއް ސާފު ނުވާ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރާ އިދާރާ އަކީ ކޮން އިދާރާއެއް ކަމެއް ބަޔާން ކޮށްފައިނުވާ ކަމަށާއި މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފާފައިވަނީ ކޮން ގޮތަކަށް ކަމެއް ބުނެއެއް ނުދެވޭ ކަމަށް ވަކީލު އިބްރާހިމް ރިފްއަތު ވިދާޅުވި އެވެ.
އެއަށް ޖަވާބު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، އިތުރު ބަޔަކާއި ބައިވެރިވެގެން ކަމަށް ވިދާޅުވެފައިވަނީ މި މައްސަލާގައި ދައުވާ ކޮށްފައިވާ އަނެއް އަށް ފަރާތުގެ ވާހަކަ ކަމަށެވެ. އަދި އުސޫލުތަކާއި ހިލާފަށް ފުލުހުންގެ އޮޕަރޭޝަންތަކަށް ބަދަލު ގެނެސް ފުލުހުންނާއި ފުލުހުން ކުރިމަތި ލުމަށް ނެރެފައިވާ ކަމަށް ހެކީންގެ ހެކިބަހުން ސާބިިތުވާ ކަމަށާއި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށްޓަކައި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައިވާ ކަމަށްވެސް ވަކީލާ ވިދާޅުވި އެވެ.
ގާޒީ ހައިލަމް ވަނީ މި މައްސަލައާއި އެކެއް ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރާ ހުރީ ކޮން ގުޅުމެއްތޯ އާއި އެ އަމުރު ނެރުުމުގައި އަރީފް ސޮއިކޮށްފައިނުވާ ކަމަށް ބުނެ ސުވާލު އުފައްދާފަ އެވެ. އެއަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ބަޔަކާއި ގުޅިގެން އަމުރު ނެރުމަށް އަރީފް މަސައްކަތް ކޮށްފައިވާ ކަމުގެ ހެއްކާއި ގަރީނާ ދައުލަތަށް ލިބިފައިވާ ކަމަށެވެ.
ގާޒީ ވަނީ 2017 ވަނަ އަހަރުން ފެށިގެން އަރީފް ކުރެއްވީ ކޮން ކަމެއްތޯ ދައުލަތުގެ ވަކީލާ ކުރިން އައްސަވާފަ އެވެ. ދައުލަތުގެ ވަކީލާ ވިދާޅުވީ، ބަޔަކާއި ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމަށްޓަކައި ދުރާލާރާވާފައިވާ ކަމަށާއި ބަޔަކާ ގުޅިގެން އެކަން ކުރަން ފަށާފައިވަނީ މިދިޔަ އަހަރުން ފެށިގެން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އަމުރެއް ނެރެން އުޅޭކަން އަރީފް އަށް ކުރިން އެނގިވަޑައިގަންނަވާ ކަމަށާއި އެކަން ސާބިތު ކުރުމަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތުގައި ދައުލަތުން ވަނީ އަރީފާއި ދެކޮޅަށް 31 ހެއްކަކާއި ގަރީނާ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި އިންޓެލިޖެންސް ލިޔުމަކާއި ކަޅުފޮއްޓާއި ގުޅުން ހުރި ލިޔެކިޔުންތަކުގެ އިތުރުން ތިން ފުލުހެއްގެ ހެކިބަސްވެސް ހިމެނެ އެވެ.
ގާޒީ ވަނީ ދިފާއި ވަކީލުންނަށް ޝަރީއަތް ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މައްސަލައަކީި މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމައި ގާޒީ ވަނީ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.