ވިޔަފާރި

ބީއެމްއެލްގެ ހިއްސާގެ އަގު 240 ޕަސެންޓް އިތުރުވެއްޖެ: އެންޑްރޫ

ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ލިބުނު ފައިދާ ދެ ގުނަ އިތުރުވެ، ބޭންކްގެ ހިއްސާގެ އަގު 240 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބޭންކްގެ ސީއީއޯ އެންޑްރޫ ހިލީ މިރޭ ވިދާޅުވެއްޖެ އެވެ.

ހޮޓަލް ޖެންގައި ބޭއްވި، ބީއެމްއެލްގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނާ މުހާތަބު ކުރައްވާ، އެންޑްރޫ ވިދާޅުވީ، ބީއެމްއެލްއަށް މިހާ ބޮޑު ފައިދާއެއް ހޯދުނީ، ހަރުދަނާ ވިޔަފާރީގެ ސިޔާސަތަކާ އެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ބީއެމްއެލް އިން ދައުލަތަށް ދެއްކި ކަމަށް ވެސް އެންޑްރޫ މިރޭ ހާމަކުރެއްވި އެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޭންކަށް ލިބުނު ފައިދާ ދެގުނަ އިތުރުވެފައިވާ. ނަތީޖާއެއްގެ ގޮތުބް ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް ވަނީ އެކަމުގެ ފައިދާ ލިބިފައި،" އެންޑްރޫ ވިދާޅުވި އެވެ.

ޓެކްސްއަށް ކެނޑުމަށް ފަހު ގައުމީ ބޭންކް، ބީއެމްއެލްއަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ފައިދާއާ އެކު ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައި ވަނީ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118 މިލިއަން ރުފިޔާ ބަހަން މިރޭގެ ޖަލްސާއަށް ހުށަހެޅުމަށެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 10 ޕަސެންޓްގެ އިތުރު އަދަދެކެވެ.

އެންޑްރޫ ވިދާޅުވީ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލުއި ފަސޭހަ ކުރުމުގެ ގޮތުން ބޭންކުން އެންމެ އިސްކަމެއް ދީގެން ކުރާ ކަމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކްގެ ހިދުމަތް ފުޅާ ކުރުމަށް ކުރާ އިންވެސްޓްމަންޓް ކަމަށެވެ. އޭނާ ވިދާޅުވީ، އާ ޓެކްނޮލޮޖީތަކުގެ ސަބަބުން، ބޭންކުގެ ކަސްޓަމަރުން ހިންގާ ކޮންމެ 10 މުއާމަލާތަކުން ނުވަ މުއާމަލާތް ހިންގަނީ އޮންލައިންކޮށްކަމަށެވެ. މީގެ ކުރިން ކަސްޓަމަރުން ސީދާ ބޭންކްގެ ބްރާންޗްތަކަށް އަންނަން ޖެހުނު ނަމަވެސް، މިހާރު ގިނަ މުއާމަލާތްތައް ކުރަނީ މޮބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް މެދުވެރިކޮށް ކަމަށް އެންޑްރޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިއަން މުއާމަލާތްކުރި އިރު، މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

"މި މުއާމަލާތްތަކުން ބްރާންޗްތަކުގެ ކިޔު ކުޑަކުރެވިގެންދިޔަ. މިދިޔަ އަހަރު މާލޭގައި ހުޅުވި ކަސްޓަމާ ސާވިސް ސެންޓަރާއި، ހިދުމަތަށް ގެނެވުނު ބަދަލުތަކާއެކު ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކުރެވި، ބީއެމްއެލްގެ ކަސްޓަމާ ސެޓިސްފެކްޝަން ލެވެލް މިހާރު ވަނީ ރާއްޖޭގެ އެހެން ބޭންކުތަކަށްވުރެ މަތީގައިކަން އަޅުގަނޑު އުފަލާ އެކު ދަންނަވާލަން. އަދި މި ލެވެލް ހުރީ އޭޝިއާ ގެ ސަރައްހައްދުގެ އެވްރެޖަށްވުރެ 8 ޕަސެންޓް މަތީގައި،" އެންޑްރޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިވޭތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ބްރާންޗް ވިއުގަ 30 ޕަސެންޓް ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިހާރު ދެގުނަ އިތުރުކުރެވިފައިވާ ކަމަށެވެ.

"މިހާރު ކޮންމެ އަތޮޅެއްގައި ބޭންކުގެ ބްރާންޗެއް، އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބްރާންޗެއް، އޭޓީއެމް އެއް ނުވަތަ އެޖޭންޓެއް މިވަނީ ގާއިމްކުރެވިފައި. ބޭންކްގެ ހިދުމަތް ކޮންމެވެސް ސިފައެއްގައި ނުލިބޭ މީހުން ދިރިއުޅޭ ރަށެއް މިހާރު ނުހުންނާނެ،" އެންޑްރޫ ވިދާޅުވި އެވެ.

މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން މި ދިޔަ އަހަރުތަކުގައި 100 އަށް ވުރެ ގިނަ ޕްރެޖެކްޓް ހިންގާފައިވާ ކަން އެންޑްރޫ ފާހަގަކުރެއްވި އެވެ. އަދި މިދިޔަ އަހަރު އެކަނިވެސް 'އަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 300 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް ވިދާޅުވި އެވެ.

މި ކާމިޔާބީތައް ލިބުމުގެ މައިގަނޑު ސިއްރަކީ އެންޑްރޫ ވިދާޅުވި ގޮތުގައި، ބޭންކްގެ މުވައްޒަފުންގެ ހީވާގި މަސައްކަތެވެ. އަދި ބޭންކްގެ މި ހީވާގި މުވައްޒަފުންގެ މަސައްކަތާ އެކު ބޭންކްގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމުގެ ޔަގީންކަން އެންދްރޫ ހިއްސާދާރުންނަށް ދެއްވި އެވެ. އަދި މިއީ ހިއްސާދާރުންނާއި އާންމުން ފަހުރުވެރިވާން ޖެހޭފަދަ ޓީމެއް ކަމަށް ވެސް އެންޑްރޫ ވިދާޅުވި އެވެ.

"މި ފުރުސަތުގައި މިދިޔަ އަހަރު ވަރަށް ބުރަ ކޮށް އަދި އެހާމެ ހީވާގިކަމާއެކު މަސައްކަތަށް އަހައްމިއްޔަތުކަންދީގެން މަސައްކަތްކުރި ބޭންކުގެ މުވައްޒަފުންނަށް ޝުކުރުދަންނަވަން. މުވައްޒަފުން މަސައްކަތަށްދޭ އަހައްމިއްޔަތުކަމާ އަދި އެމުވައްޒަފުންގެ ހުނަރުވެރިކަމާއެކު އަޅުގަނޑުމެންގެ ޓީމުވެފައިމިވަނީ ވަރަށް ގާބިލް ޓީމަކަށް. އަޅުގަނޑު ދޭކޭގޮތުގައި ތިޔަ ބޭފުޅުންނާއެކު އަޅުގަނޑުމެން މުސްތަގްބަލާކުރިމަތި މިލަނީ ވަރަށް ބޮޑު އިތުބާރަކާއެކު،" އެންޑްރޫ ވިދާޅުވި އެވެ.