ވިޔަފާރި

ބީއެމްއެލްއިން ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 22 ރުފިޔާ ބަހަން ފާސްކޮށްފި އެވެ.

"ހޮޓެލް ޖެން" ގައި މިރޭ ބޭއްވި އެ ކުންފުނީގެ 35 ވަނަ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވި 41 ހިއްސާދާރުންގެ ނިންމާފައިވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާގެ ތެރެއިން 118 މިލިއަން ރުފިޔާ ބަހާށެވެ.

ރާއްޖޭގެ ގައުމީ ބޭންކުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ވަނީ 2.3 ބިލިއަން ރުފިޔާ ލިބިފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެކެވެ.

ހިއްސާދާރުންނާ މުހާތަބު ކުރައްވައި ބޭންކްގެ ސީއީއޯ އެންޑްރޫ ހިލީ މިރޭ ވިދާޅުވީ، ބީއެމްއެލް އަށް މިހާ ބޮޑު ފައިދާއެއް ހޯދުނީ، ހަރުދަނާ ވިޔަފާރީގެ ސިޔާސަތަކާ އެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކުރެވުމުގެ ސަބަބުން ކަމަށެވެ. އަދި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ބީއެމްއެލް އިން ދައުލަތަށް ދެއްކި ކަމަށް ވެސް އެންޑްރޫ މިރޭ ހާމަކުރެއްވި އެވެ.

"މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޭންކަށް ލިބުނު ފައިދާ ދެގުނަ އިތުރުވެފައިވާ. ނަތީޖާއެއްގެ ގޮތުބް ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާ ގެ އަގަށް އައި 240 ޕަސެންޓްގެ ކުރިއެރުމާއެކު ހިއްސާދާރުންނަށް ވަނީ އެކަމުގެ ފައިދާ ލިބިފައި،" އެންޑްރޫ ވިދާޅުވި އެވެ.

ބީއެމްއެލްއިން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި އަންނަ އަހަރަށް ކުންފުނި އޮޑިޓް ކުރުމަށް ނަގާފައިވަނީ 82،680 ޑޮލަރަށް ޕްރައިސްވޯޓާ ހައުސް ކޫޕާސް (ޕީޑަބްލިއުސީ) އެވެ. އަދި އާއްމު ހިއްސާދާރުންގެ ފަރާތުން ހޮވާ ތިން ޑިރެކްޓަރުން އިންތިހާބު ކުރުން ވެސް އޮތެވެ.