މިދިޔަ އަހަރު ނިކުތް ކާމިޔާބު ތެލުގް ފިލްމު "އަރްޖުން ރެޑީ" ގެ ހިންދީ ރިމޭކުގެ ލީޑްރޯލު ކުޅެން މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު ހަމަޖައްސައިފި އެވެ.
މި އަހަރުގެ ޖެނުއަރީ މަހު ނިކުތް "ޕަދްމާވަތް" އިން އެންމެފަހުން ފެނިގެން ގޮސްފައިވާ ޝާހިދު ކުރި ޓްވީޓެއްގައި ވަނީ މި ފިލްމު އޭނާ ކުޅޭކަން ޔަގީންކޮށްދީފަ އެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރުން ކަމަށްވާ މުރާދް ކެތާނީ އާއި އަޝްވިން ވެރާދޭ އަދި ޑައިރެކްޓަރު ސަންދީޕް ވަންގާ އާއެކު ނަގާފައިވާ ފޮޓޯ ޓްވީޓްކުރަމުން ޝާހިދު ވަނީ އަރްޖުން ރެޑީގެ ޓީމު އޮތީ ތައްޔާރަށް ކަމަށެވެ. އަދި ހުރިހާ އެންމެންގެ ހެޔޮ ދުއާ އެމީހުންނަށް ކޮށްދިނުމަށް ވެސް އެދިފަ އެވެ.
މި ފިލްމު ވެސް ޑައިރެކްޓްކުރާނީ ތެލުގު ފިލްމު ޑައިރެކްޓްކުރި ސަންދީޕެވެ. އޭނާ ވަނީ ޝާހިދު މިހާރު ފިލްމަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފަ އެވެ. އަދި އަމިއްލަ އަށް އުފައްދާފައިވާ ފިލްމެއް އަލުން އެހެން ބަހަކުން އުފެއްދުމަކީ ހީކުރި ވަރަށް ވުރެން އުނދަގޫ މަސައްކަތެއް ކަމަށް ވެސް ސަންދީޕް ވަނީ ބުނެފަ އެވެ.
"އަރްޖުން ރެޑީ" އަކީ ރުޅި ކޮންޓްރޯލު ކުރުމުގެ މައްސަލަތަކެއް ހުންނަ މެޑިސިން ކިޔަވާ ޒުވާނެއްގެ ވާހަކަ ފެނިގެންދާ ފިލްމެކެވެ.
މި ފިލްމުގެ ހިންދީ ރިމޭކުގައި ޝާހިދާ އެކު ފެނިގެންދާނެ ބަތަލާ އަކު އަދި ހަމައެއް ނުޖައްސަ އެވެ. ފިލްމު އުފައްދާ ފަރާތުން ބޭނުންވަނީ މުޅިން އާ ތަރިއެއް ޝާހިދާ އެކު ފިލްމުގެ ލީޑްރޯލުގައި ހިމަނާށެވެ. މިހާރު ބަތަލާއެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަންނަ މަހުގެ ފަހުކޮޅު ބަތަލާ އަކީ ކާކުކަން އިއުލާންކުރާނެ ކަމަށްވެ އެވެ.
އަދި ފިލްމުގެ ޝޫޓިން ޖުލައި މަހުގެ ތެރޭގައި ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.
ޝާހިދު ވަނީ މިފަހުން ޝްރަދާ ކަޕޫރާއި ޔާމީ ގޯތަމާ އެކު "ބައްޓީ ގުލް މީޓަރު ޗަލޫ" ކިޔާ ފިލްމެއްގެ ޝޫޓްކޮށް ނިންމާލާފަ އެވެ.