ވިޔަފާރި

ބީއެމްއެލް ހިއްސާދާރުންގެ ތައުރީފު ސީއީއޯ އެންޑްރޫ ހީލީއަށް

ސަރުކާރު ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާއަކީ އާއްމުކޮށް "ޝަކުވާ" ފުންޏެކެވެ. ކުންފުނީގެ ދަށް "ޕާފޯމަންސް" އާއި ބޭކާރު ހޭދައިގެ ވާހަކަތާ އަބަދު ހިއްސާދާރުން ދައްކާނެ އެވެ. މި ހުރިހާކަމެއްގެ އަމާޒު ފަތްގަނޑަކަށް ވަނީ އޭރަކު ކުންފުނީގެ ހުންގާނުގައި ހުންނަވާ ވެރިޔާއެވެ. ނަމަވެސް ރޭ ނިމިގެން ދިޔަ ގައުމީ ބޭންކުގެ އަހަރީ އާއްމު ޖަލްސާގައި އެ މަންޒަރު ފެނުނީ ތަފާތު ގޮތަކަށެވެ. ބޭންކުން އަހަރުން އަހަރަށް ހޯދަމުންދާ ކުރިއެރުން ތަކުގެ ނަތީޖާއަކީ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އެންޑްރޫ ހީލީ އަށް ހިއްސާދާރުންގެ ތައުރީފު އޮއްސާލުމެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި ބީއެމްއެލްގެ ހިއްސާދާރެއް ކަމަށްވާ ބާރީ ބުނީ 2007 ވަނަ އަހަރުން ފެށިގެން އޭނާ ކޮންމެ އަހަރަކު އަހަރީ އާއްމު ޖަލްސާ އަށް އަންނައިރު، މިހާރު ބޭންކުގެ ހުންގާނުގައި ހުންނެވި ވަރުގެ ވެރިއެއް ނުދެކޭ ކަމަށެވެ.

"ކޮންމެ އަހަރަކު މި ތަނަށް [އަހަރީ އާއްމު ޖަލްސާ] އަށް އައިސް އަޅުގަނޑު ބޭންކުގެ އެންމެ ރަނގަޅު މުވައްޒަފު ހޮވަން. މި އަހަރު ބޭންކުގެ އެންމެ ރަނގަޅު މުވައްޒަފަށް މި ހޮވަނީ ސީއީއޯ ހީލީ،" ގިނަ ކުންފުނިތަކުގެ އަހަރީ އާއްމު ޖަލްސާތައް ފަޅުފިލުވަ އިދޭ ބާރީ ބުންޏެވެ.

ހިއްސާދާރުންނަށް ޑިރެކްޓަރުންގެ ބޯޑާ "ފޭސް ޓު ފޭސް" ކޮށް ސުވާލު ކޮށްލަން ލިބޭ މި ފުރުސަތުގައި ހިއްސާދާރުންގެ ކަންބޮޑުވުންތައް ވެސް ހުށަހަޅަ އެވެ. އެ ގޮތުން ބައެއް ހިއްސާދާރުން ވަނީ ރަނގަޅު ކުރަން ޖެހޭ ކަންކަންތަކެއް ވެސް ހުށަހަޅާފަ އެވެ. އެކަންވާނީވެސް އެހެންނެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި ގައުމީ ބޭންކުގެ ގިނަ ހިއްސާދާރުން ފެނުނީ ކުންފުންޏާ މެދު ފޮނި އުންމީދުތަކެއް ކުރާ ހިތްހަމަ ޖެހިފައި ތިބި ބައެއްގެ ގޮތުގަ އެވެ. ސުވާލަކީ ހިއްސާދާރުން ހިތްހަމަ ޖެހުނު ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟

ހިއްސާދާރުން ހިތްހަމަ ޖެހުމުގައި ގިނަ ސަބަބުތަކެއް ހިމެނެ އެވެ. މީގެ ތެރޭގައި އެންޑްރޫ ހީލީ ބޭންކުގެ ހުންގާނާ ހަވާލުވެވަޑައިގެން ގެންނެވި މުހިންމު ގިނަ ބަދަލުތައް ހިމެނެ އެވެ. މީގެތެރޭގައި ރައްޔިތުންނާ ގާތަށް ގައުމީ ބޭންކް ގެނެސްދެއްވައި ހަގީގަތުގައި ވެސް ގައުމީ ބޭންކްއަކީ "އަހަރެންގެ ބޭންކް، ދިވެހިން" ގެ ބޭންކް އަކަށް ހަދައި ދެއްވުން ހިމެނެ އެވެ. ދެހާސް ތޭރަ ވަނަ އަހަރުގެ ކުރީގައި ބޭންކުގެ އޮތީ މާލީ ގޮތުން ބޮޑު ވަޅުގަނޑެއްގެ ތުންފަންމަތީގަ އެވެ. ބައެއް ފަހަރު ގައުމީ ބޭންކް "ބަނގުރޫޓު" ވެދާނެއޭ ވެސް ހީވާ ފަދަ ކިތަންމެ "އެތިފަހަރެއް" ދިޔަ އެވެ. ބޭންކުގައި އެކައުންޓް ހުޅުވައިގެން ތިބި އެތަށް ސަތޭކަ ބަޔަކު އެކައުންޓުގައި ހުރި ފައިސާތައް ނަގައި، އެހެން ބޭންކްތަކަށް ބަދަލު ކުރި އެވެ. ސަބަބަކީ އިތުބާރު ކުޑަވުމެވެ. ބޭންކުން ލޯނު ނަގައިގެން ތިބި އެތަށް ބަޔަކު ނުދައްކާ ލޯނުތައް ގިނަވުމުމުގެ ސަބަބުން ބޭންކުގެ ހާލަތު ދިޔައީ އިތުރަށް ގޯސްވަމުންނެވެ. ނަމަވެސް މި ހުރިހާ ކަމަކާ ކުރިމަތި ލައްވައި މި ވަނީ ކާމިޔާބު ހޯދަވާފަ އެވެ. އަދި ހާއްސަކޮށް ހިއްސާދާރުންނަށް "ދޭ އެތިކޮޅު" އަހަރުން އަހަރަށް ވަނީ މަތިކޮށްލާފަ އެވެ.

ގައުމީ ބޭންކުގެ މިދިޔަ އަހަރު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް 20.3 ޕަސެންޓުން 4.1 ޕަސެންޓަށް ދަށްކޮށްފައިވެ އެވެ. އަދި ޓެކްސް އާއި ހިއްސާގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. އަދި ޓެކްސް އަށް ކެނޑުމަށް ފަހު ގައުމީ ބޭންކް، ބީއެމްއެލް އަށް މިދިޔަ އަހަރު ވެސް ސާފު ފައިދާގެ ގޮތުގައި 1.038 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ފައިދާއާ ހިއްސާއަކަށް 22 ރުފިޔާގެ މަގުން 118 މިލިއަން ރުފިޔާ ބަހަން މިރޭ ވަނީ ނިންމާފަ އެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 10 ޕަސެންޓްގެ އިތުރު އަދަދެކެވެ.

ދެން އޮތީ، މިހާރު އެއާ ނުލައި ނޫޅެވޭނެ ކަމެކެވެ. ޓެކްނޮލޮޖީގެ ބޭނުން ކުރުމެވެ. ޓެކްނޮލޮޖީގެ ބޭންކުގެ ތެރެ އަށް ވައްދައި، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބޭންކްގެ ހިދުމަތް ފުޅާ ކުރުމަށް ބޮޑެތި އިންވެސްޓްމަންޓް ތަކެއް ވަނީ ކޮށްފަ އެވެ. ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ ނަތީޖާއަކީ މިހާރު ގައުމީ ބޭންކުން ކުރާ ކޮންމެ 10 މުއާމަލާ ތަކުން ނުވަ މުއާމަލާތް ހިންގަނީ އޮންލައިން ވަސީލަތް ބޭނުންކޮށްގެން ކަމަށްވެގެން ދިއުމެވެ.

މީގެ ކުރިން ކަސްޓަމަރުން ސީދާ ބޭންކްގެ ބްރާންޗް ތަކަށް ކުރިން އަންނަން ޖެހުނު ނަމަވެސް، މިހާރު ގިނަ މުއާމަލާތްތައް ކުރަނީ މޮބައިލް، އިންޓަނެޓް އަދި ސެލްފް ސާވިސް ބޭންކިން ސެންޓަރުތައް ކަމަށް ހެއްދެވުމެވެ. މިގޮތުން ބޭންކުގެ ބްރާންޗް ވިއުގަ 30 ޕަސެންޓް ފުޅާކުރެވި، 35 ސެލްފް ސާވިސް ބޭންކިން ސެންޓަރާއެކު އޭޓީއެމްގެ އަދަދު މިހާރު ދެގުނަ ވަނީ އިތުރުކޮށްފަ އެވެ. މި ހިދުމަތުގެ ސަބަބުން މިދިޔަ އަހަރު އޮންލައިންކޮށް 30 މިލިއަން މުއާމަލާތްކުރި އިރު، މިއީ 2014 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ.

މި ކާމިޔާބީތަކާއެކު ގައުމީ ބޭންކް މިހާރު އެ ވަނީ ގާދޫކޮލުން ބޭރު ވާން ތައްޔާރުވެފަ އެވެ. މި އަހަރުގެ ތެރޭގައި ބޭންކުގެ ގޮތްޕެއް އަވަށްޓެރި ގައުމެއްގައި ހުޅުވާނެ އެވެ. މި ކަން ވެގެންދާނީ ދިވެހިން ފަހުރުވެރި ކުރުވާނެ ބޮޑު މަސައްކަތަކަށެވެ. ތާރީހުގައި ލިޔާނެ އާ ސޮފުހާ އަކަށެވެ. މި މަސައްކަތާ ހަމަ އަށް ބޭންކް ގެނެސް ދިނުމަކީ ސީއީއޯ ހީލީއަށް ހިއްސާދާރުން ތައުރީފު އޮއްސި ސަބަބަށް ނޫނީ ނުވާނެ އެވެ.