މިއުޒިކް

އެމެރިކަން އައިޑޮލްގެ ފައިނަލިސްޓުން ހޮވައިފި

މިހާރު ދައްކަމުން އަންނަ އެމެރިކަން އައިޑޮލްގެ ސީޒަން 16 ގައި ގަދަ ތިނެއް ނުވަތަ ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ބައިވެރިން ހޮވައިފި އެވެ. ގަދަ ތިނެއް ކަށަވަރުވީ ރޭ އޮތް އެލިމިނޭޝަން ޝޯގައި ދެ ބައިވެރިން ވަކިވުމުންނެވެ.

ގްރޭންޑް ފިނާލޭގައި ވާދަކުރާނެ ބައިވެރިންނަކީ ކޭލެބް ލީ ހަޗިންސަން، މެޑީ ޕޯޕީ އަދި ގެބީ ބެރެޓް އެވެ. އެބީސީ ނެޓްވޯކުން ގެނެސްދޭ މި ޝޯގެ އެލިމިނޭޝަނުން ވަކިވާންޖެހުނު ބައިވެރިންނަކީ ކޭޑް ފޯނާ އަދި މިޝޭލް ޖޭ ވުޑްވާޑް އެވެ.

އެލިމިނޭޝަން ޝޯ ގެނެސްދިނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ޝޯގެ ފުރަތަމަ ގަޑިއިރުގައި ބައިވެރިން ހުށަހަޅާ ދިނީ މަޝްހޫރު ލަވަކިޔުންތެރިޔާ ކެރީ އަންޑަވުޑްގެ ލަވަތަކެވެ. ކެރީއަކީ އެމެރިކަން އައިޑޮލް ސީޒަން ހަތަރެއްގައި ޓައިޓަލް ގެންދިޔަ ބައިވެރިޔާ އެވެ. މި ހަފްތާގައި ބައިވެރިން ޓްރެއިން ކޮށްދިނީވެސް އޭނާ އެވެ.

ޝޯގެ ދެ ވަނަ ގަޑިއިރު ހާއްސަކުރީ އިއްޔެ ފާހަގަކުރި މަންމައިންގެ ދުވަހަށެވެ. ބައިވެރިން ލަވަ ހުށަހެޅީ ދުވަހާއި ގުޅުވައިގެންނެވެ.

ފައިނަލަށް ދިއުމުގެ ކުރިން ގަދަ ތިން ބައިވެރިންގެ މެދުގައި އޮންނަ ފަހު ކުރިމަތިލުން އޮންނާނީ މި މަހު 20 ގަ އެވެ. ގްރޭންޑް ފިނާލޭ އޮންނާނީ މި މަހު 21 ގަ އެވެ.

އެމެރިކަން އައިޑޮލް ހިސްޓުކުރަނީ ރަޔަން ސީކްރެސްޓް އެވެ. މި ސީޒަންގައި ޖަޖުންގެ ޕެނަލުގައި ތިބީ ކެޓީ ޕެރީ، ލޫކް ބްރަޔަން އަދި ލަޔޯނެލް ރިޗީ އެވެ. އެމެރިކަން އައިޑޮލްގެ 17 ވަނަ ސީޒަނެއްވެސް ގެނެސްދޭނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.