ހަބަރު

ފެނުނު އިސްތައްޓަކީ ރިލްވާންގެކަން ޑީއެންއޭ ޓެސްޓުން ޔަގީނެއް ނޫން: ހެކިވެރިއެއް

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ތުހުމަތުކުރާ، ގ. ހިލްޓަން، އާލިފް ރައޫފްގެ ރަތް ކުލައިގެ ކާރުން ފެނުނު އިސްތައްޓަކީ ސީދާ ރިލްވާންގެ އިސްތައްޓެއްކަން ޑީއެންއޭ ޓެސްޓަކުން ނޭންގޭނެ ކަމަށް ހެކިވެރިޔަކު މިއަދު ކޯޓުގައި ބުނެފި އެވެ.

ރިލްވާންގެ މައްސަލާގައި ދައުވާ ލިބޭ ގ. ހިލްޓަން، އާލިފް ރައޫފްގެ ރަތް ކުލައިގެ ކާރުން ފެނުނު އިސްތަށީގެ ޑީއޭންއޭ ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މައްސަލާގައި ދެން ދައުވާކުރަނީ އެ ކާރު ހުޅުމާލޭގައި ދުއްވި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

މިއަދުގެ ޝަރީއަތުގައި ހެކިބަސް ނަގާފައިވަނީ ރިލްވާން މައްސަލާގައި ބޭރުން ހައްދާފައިވާ ޑީއެންއޭ ޓެސްޓްގެ ތަހުލީލީ ރިޕޯޓް ދިރާސާކުރި ފަރާތުގެ ހެކިބަހެވެ. މި މައްސަލައިގެ ޑީއެންއޭ ޓެސްޓްތައް ހަދާފައިވަނީ ތައިލޭންޑްގެ ލެބޯޓްރީއަކުންނާއި ވިއެޓްނާމުން ނެވެ. ނަމަވެސް ޓެސްޓް ހެދި ފަރާތްތަކުގެ ހެކިބަސް ނެގުމަށް ދައުލަތުން ހުށަހަޅާފަ އެއް ނުވެ އެވެ

އެ ދުވަސްވަރު މޯލްޑިވްސް ޕޮލިސް ސާވިސްގައި މަސައްކަތް ކުރި މާޖިދް މުހައްމަދު ސަލީމް ބުނީ، ރިލްވާން މައްސަލާގައި ޑީއެންއޭ ހަދާފައިވަނީ މައިޓްރޯކޮންޑަލް ޑީއެންއޭ ޓެސްޓް ކަމަށެވެ. އެގޮތުން އާލިފްގެ ކާރުގެ ޑިކީގެ ކާޕެޓުން ފެނުނު ފަސް އިސްތަށީގެ ތެރެއިން އެއް އިސްތަށީގެ ޑީއެންއޭ ޓެސްޓް ހިމެނެ އެވެ. އެ އިސްތަށި ވަނީ ރިލްވާންގެ މަންމަ އައިޝަތު އީސާގެ ޑީއެންއޭއާ ދިމާވެފަ އެވެ.

އެވަގުތު ޕޮލިހުގައި މަސައްކަތް ކުރެއްވި މާޖިދް މުހައްމަދު ސަލީމް ބުނީ، ހަދާފައިވަނީ މައިޓްރޯކޮންޑަލް ޑީއެންއޭ ކަމަށެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވަނީ މައިޓްޜޯކޮންޑަލް ޑީއެންއޭ ޓެސްޓަކީ ކޮން ކަހަލަ ޓެސްޓެއްތޯ ސުވާލުކޮށްފަ އެވެ.

މާޖިދް ވަރަށް ތަފްސީލްކޮށް އޭގެ ޖަވާބު ދެއްވި އެވެ. އޭނާ ބުނީ، އެ ޑީއެންއޭ ޓެސްޓަކީ ލޭނަގައިގެން އެނޫންވެސް ގޮތަކުން އާންމު ގޮތެއްގައި ޑީއެންއޭޓެސްޓް ހަދާހެން ހަދާ ޓެސްޓެއް ނޫން ކަމަށެވެ.

އޭނާ ބުނީ، މައިޓްރޯކޮންޑަލް ޑީއެންއޭ އަކީ މައިމީހާގެ ފަރާތުން ވާރުތަވާ ޑީއެންއޭއެއް ކަމަށާއި އެ ޑީއެންއޭ މައިމީހާގެ ފަރާތުން ލިބޭ ހުރިހާ ދަރިންނަށްވެސް ވާރުތަވާނެ ކަމަށެވެ. އަދި އެ ޑީއެންއޭ ފިރިހެން ދަރީންނަށް ލިބޭ ދަރިންނަށް ވާރުތަ ނުވާނެ ކަމަށާއި ވާރުތަވާނީ އަންހެން ދަރިންނަށް ލިބޭ ކުދިންނަށް ކަމަށްވެސް އޭނާ ބުންޏެވެ.

"މައިޓްރޯކޮންޑަލް ޑީއެންއޭ އަކީ މައިމީހާގެ ފަރާތުން އެއްބަނޑު ދަރިންނަށް ވާރުތަވާ ޑީއެންއޭއެއް، އެ ޑީއެންއޭ ބަދަލެއް ނުވާނެ، އެ ޑީއެންއޭ ވާރުތަ ކުރާނީ މައްމަގެ ފަރާތުން ހުރިހާ ދަރީންނަށް، ނަމަވެސް ތަފާތަކީ މަންމައަށް ލިބިފައިތިބޭ ފިރިހެން ދަރީންނަށް ލިބޭ ދަރީންނަކަށް އެ ޑީއެންއޭއެއް ވާރުތައެއް ނުވާނެ، ހަމަ އެކަނި އަންހެން ކުދިންނަށް ލިބޭ ދަރިންނަށް ވާރުތަ ވާނީ،" މާޖިދް ބުންޏެވެ.

ދިފާއީ ވަކީލް ނޫރުއްސަލާމް ވަނީ އާލިފްގެ ކާރުން ފެނުނު އިސްތައްޓަކީ ރިލްވާންގެ މަންމަގެ އިސްތައްޓަކަށްވުން އެކަށީގެންވޭތޯ ސުވާލު ކޮށްފަ އެވެ. މާޖިދް ބުނީ، އެފުރުސަތު އެބައޮތް ކަމަށެވެ. އަދި އެ އިސްތައްޓަކީ ސީދާ ކާކުގެ އިސްތައްޓެއްކަން ބުނެދޭން ނޭންގޭނެ ކަމަށާއި ޓެސްޓުން ހަމައެކަނި އިނގޭނީ މައިމީހާގެ ފަރާތުން ވާރުތަވެފައިވާ ޑީއެންއޭކަން އެކަނި ކަމަށް ވެސް އޭނާ ބުންޏެވެ.

ދިފާއި ވަކީލް ވަނީ އެ އިސްތަށި ތަހުލީލް ޑިޕާޓްމަންޓާއި ހަވާލުކުރަނީ ކިހިނެތްތޯ އާއި ކޮން ފަރާތަކުންތޯ ސުވާލުކޮށްފަ އެވެ. މާޖިދް ވިދާޅުވީ، އާންމު ގޮތެއްގައި އެކަން ކުރަނީ ޗެއިން އޮފް ކަސްޓިޑީއެއްގެ ދަށުން ކަމަށެވެ. ދިފާއީ ވަކީލް ވަނީ އެ އިސްތަށި ނުވަތަ ކާރުން ފެނުނު ހެކިތައް ހަވާލުކުރީ ކޮންފަރާތަކުން ކަމަށާއި އެ ހަވާލްކުރީ ޗެއިންއޮފް ކަސްޓިޑީގެ ދަށުންތޯ ސުވާލުކޮށްފަ އެވެ. ނަމަވެސް އެކަން ހަނދާން ނެތްކަމަށާއި އެއަށް ޖަވާބު ދޭން ނޭންގޭ ކަމަށް އޭނާ ބުންޏެވެ.

މިއަދުގެ ޝަރީއަތުގައި ވަނީ ޗެއިން އޮފް ކަސްޓިޑީ ހުށަހަޅާފައިނުވާތީވެ ވަރަށް ބޮޑު ބަހުސަކަށް ގޮސްފަ އެވެ. ޗެއިން އޮފް ކަސްޓިޑީ ހުށަހަޅާފައި ނުވަނީ ކީތްވެތޯ މައްސަލަ ބައްލަވާ ގާޒީ ދައުލަތާ ކުރި ސުވާލަށް ޖަވާބުދެމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، އާންމު އުސޫލެއްގެ ދަށުން ޗެއިން އޮފް ކަސްޓިޑީއަކީ ހުށަހަޅާ އެއްޗެއް ނޫން ކަމަށާއި ނަމަވެސް ކަމަކާމެދު ސުވާލު އުފެދިއްޖެ ހާލަތެއްގައި އެކަން އިތުރަށް ސާފު ކުރުމަށް ފަހުން ހުށަހަޅާ ކަމަށެވެ.

ދިފާއީ ވަކީލް ވިދާޅުވީ، ޗެއިން އޮފް ކަސްޓިޑީއާ ނުލައި އިތުރަށް ސުވާލު ކުރެވެން ނެތް ކަމަށާއި އެނެތުމުން ސީދާ އެއީ ކޮންތާކުން ކިހިނެތް އަދި ކާކު ގެނައި އެއްޗެއްކަން އިނގެން ނެތް ކަމަށެވެ. އެހެންކަމުން ދައުލަތުން އެ ހުށަހަޅާފައި ނުވާތީވެ ނޫރުއްސަލާމް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ގާޒީ ވަނީ ޗެއިން އޮފް ކަސްޓިޑީ ހުށަހަޅަން އެދުމުން އެކަން ހަމަޖައްސާދޭނެ ކަމަށް ބުނެފަ އެވެ. އަދި އެކަން އެގޮތަށް ކުރުމަށް ދައުލަތުގެ ވަކީލުންގެ ފަރާތުން އެދިފައި ވެއެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ތެރެއިން މިހާރު ނުނެގި ވަނީ އެންމެ ހެކިވެރިއެއްގެ ހެކިބަހެވެ. އެއީ ސިއްރު ހެކިވެރިއެކެވެ. އެންމެ ފަހުން ތައާވަލް ކުރި އަޑުއެހުން ވެސް ކެންސަލްކޮށްފައިވަނީ އެނާ ކޯޓަށް ހާޒިރު ނުކުރެވިގެން ކަމަށް ވިދާޅުވެ ގާޒީ ވަނީ އެކަން އެގޮތަށް ނުވާ ސަބަބު ބަޔާންކޮށް ދިނުމަށް ދައުލަތުގެ ފަރާތުން އެދިފަ އެވެ.

ދައުލަތުން ބުނީ، އެފަރާތް ސީދާ އުޅޭ އެޑްރެސް މިހާރު ނޭންގޭތީ އެފަރާތް ހާޒިރުކުރަން ދަތިވެފައިވާ ކަމަށެވެ. ގާޒީ ވަނީ އެހެކިވެރިޔާ ހާޒިރު ކުރަން ފަހު ފުރުސަތެއްގެ ގޮތުން ސަރުކާރު ބަންދު ނޫން ފަސް ދުވަސް ދެއްވާފަ އެވެ. ދެން އޮންނަ ޝަރީއަތެއްގައި ދިފާއުން ހުށަހަޅާ ހެކިވެރީންގެ ހެކިބަސް ނެގުން އޮންނާނެ އެވެ. އަދި މި މަސް ނިމުމުގެ ކުރިން މި މައްސަލަ ނިންމަން ބޭނުންވާ ކަމަށްބުނެ ގާޒީ ވަނީ މިއަދުގެ ޝަރީއަތް ނިންމާލައްވާފަ އެވެ.