ހަބަރު

ރޯދަމަހު މާލޭގެ ގެތަކުގެ ކުނި ނެގުން ރޭގަނޑަށް!

ރޯދަ މަހު ވެމްކޯއިން މާލެ ސަރަހައްދުގެ ކުނި ނަގާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

މިއަހަރުގެ ރޯދަމަހު ވެމްކޯގެ މަސައްކަތު ގަޑިތައް ރޭވިފައިވާ ގޮތުގެ ތާވަލެއް ވެމްކޯއިން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

ވެމްކޯގެ ތާވަލުގައި ވާ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކުން ކުނި ނަގާނީ ރޭގަނޑު 8:00 އާ 12:00 އާ ދޭތެރޭގަ އެވެ. އަދި ކޮންމެ ހުކުރު ދުވަހެއް ފިޔަވައި އެހެން ދުވަސްތަކުގައި ކުނި އުކާ ސަރަހައްދު ހުޅުވާނީ ހެނދުނު 1:00 އިން ހަވީރު 5:00 އަށެވެ. އަދި ރޭގަނޑު ހަތަކުން ދަންވަރު ތިނަކަށެވެ.

ހުކުރު ދުވަސްތަކުގައި ކުނި އުކާ ސްޓޭޝަން ހުޅުވާނީ ހެނދުނު 10 އިން 11:30 އަށެވެ. އަދި މެންދުރު ފަހު 2:00 އިން ހަވީރު 5 އަށް، އަދި ރޭގަނޑު 7:00 އިން ދަންވަރު 3:00 އަށެވެ.

ވެމްކޯއިން ބުނީ މި ރޯދަމަހު ވިޔަފާރިތަކުން ކުނި ނަގާ ގަޑިތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ވިޔަފާރިތަކުން ދުވާލާއި ރޭގަނޑު ކުނި ނަގާނެ އެވެ. އެއީ ހެނދުނު 10 އިން ހަވީރު 15:30 އަށެވެ. އަދި ރޭގަނޑު 10:00 އިން ދަންވަރު 3:00 އަށެވެ.

މީގެ އިތުރުން ވެސް ވެމްކޯގެ ކޯލް ސެންޓަރަށް ގުޅޭ ގަޑިތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ރޯދަމަހު ވެމްކޯގެ ކޯލް ސެންޓަރު ހުޅުވާފައި ހުންނާނީ ހެނދުނު 10:00 އިން މެންދުރު ފަހު 3 އަށެވެ. އަދި ރޭގަނޑު 20:30 އިން ދަންވަރު 12:30 އަށެވެ.