ހަބަރު

މައުމޫންގެ ހާލު އިތުރަށް ގޯސްވެއްޖެ، އާދޭސްތަކަށް ބީރުކަންފަތެއް

އެއްބަފާ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރައީސް މައުމޫންގެ ހާލުކޮޅު އަނެއްކާވެސް ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް އެމަނިކުފާނުގެ ވަކީލް ވިދާޅުވެއްޖެ އެވެ.

ރައީސް މައުމޫންގެ އާއިލީ ބޭފުޅުންނާ ބައްދަލުވިޔަ ނުދީ އާއިލީ ބައްދަލުވުންތަކަށް ފުލުހުން ރޭ ހުރަސްއަޅާފައިވާއިރު އެމަނިކުފާނުގެ ވަކީލް، މައުމޫން ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު މިއަދު ހެނދުނު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. މިއީ ފާއިތުވި 12 ވަރަކަށް ދުވަހުގެ ތެރޭގައި ރައީސް މައުމޫންގެ ހާލުކޮޅު ބޮޑުވި ހަތަރުވަނަ ފަހަރުކަން ވެސް މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ، ފުލުހުން ރޭ ރައީސް މައުމޫންގެ އާއިލީ ބައްދަލުވުންތަކަށް ހުރަސްއެޅީ އެމަނިކުފާނު ޝަރީއަތަށް އެއްބާރުލުން ނުދެއްވާތީ ކަމަށް ފުލުހުން ބުނާއިރު، އެމަނިކުފާނު އުޅުއްވާ ބަލި ހާލަށް ހަމައެކަނި އާއިލާގެ ފަރާތުން ދެވޭނެ އަޅައިލުންތަކަށް ހުރަސް އެޅުމަކީ ދެން ވެސް މައުމޫންގެ ބަލި ހާލަތު އިތުރަށް ގޯސްވެ ކޯޓަށް ވަޑައިގަތުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

"މައުމޫންގެ ސިއްހީ ހާލުކޮޅު ރަނގަޅުވެ ކޯޓަށް ވަޑައިގެންނެވޭނެ ހަމައެކަނި ގޮތަކީ އެމަނިކުފާނަށް ބޭނުންވާ އާއިލީ ފުރިހަމަ އަޅާލުމާ ފަރުވާ ދިނުން،" މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫންގެ އާއިލީ ބައްދަލުވުންތައް ފުލުހުން މެދުކަނޑާލާފައިވާ ކަމަށް ވަކީލުން ބުނެފައިވާއިރު މައުމޫންގެ އާއިލާއިން މިއަދު ފުލުހުންނަށް ގުޅުމުން ބުނެފައިވަނީ އެގޮތަށް އެންގުނީ އޮޅުމަކުން ކަމަށާއި އާއިލީ ބައްދަލުވުމަށް އެދެން އަލުން ފޯމް ލުމަށެވެ. އަދި ފޯމް ލުމުން މާދަމާއަށް ބައްދަލުވުން ހަމަޖައްސާފައިވާ ކަން ކަށަވަރިކޮށްދެއްވި އެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި މައުމޫންގެ ޝަރީއަތްތައް ތަކުރާރުކޮށް ތާވަލްކުރި ނަމަވެސް، މައުމޫންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އެ ޝަރީއަތްތައް ހިންގޭ ގޮތް ވަނީ ނުވެފަ އެވެ.

މައުމޫންގެ އާއިލާއިން ބުނެފައި ވަނީ، ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން އެމަނިކުފާނުގެ ބޯ އަނބުރައި ގަނެގެން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޒަރޫރީ ބައެއް ކަންކަން މައުމޫން އަމިއްލައަށް ނުކުރެވޭ ކަމަށެވެ. އެމަނިކުފާނު ގެޔަށް ބަދަލުކޮށް ދިނުމަށް އާއިލާއިން ތަކުރާރުކޮށް ފުލުހުންގެ ކިބައިން އެދުނު ނަމަވެސް ސަރުކާރުން ވަނީ އެކަމަށް ބީރު ކަންފަތެއް ދީފަ އެވެ.