ބޮލީވުޑް

ސްރީދޭވީގެ މަރާއެކު "މިސްޓާ އިންޑިއާ 2" ހުއްޓުމަކަށް

May 15, 2018

ޑައިރެކްޓަރު ޝޭކަރު ކަޕޫރު ޑައިރެކްޓްކޮށް 1987 ގައި ރިލީޒްކުރި ސްރީދޭވީ އާއި އަނިލް ކަޕޫރު އެކުގައި ފެނިގެންދިޔަ ބްލޮކްބާސްޓާ ފިލްމު "މިސްޓާ އިންޑިއާ" ދެވަނަ ބައި އުފެއްދުމަށް ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ސްރީދޭވީ ފިރިމީހާ ބޯނީ ކަޕޫރު ޕްރޮޑިއުސްކުރި އެ ފިލްމުގެ ދެވަނަ ބައިގެ ލީޑްރޯލު ކުޅޭ ގޮތަށް ވެސް ހަމަޖެހިފައި އޮތީ އަނިލް އާއި ސްރީދޭވީ އެވެ. އެ ދެތަރިންނާ އެކު މުޅިން އާ ދެ ތަރިއެއް ވެސް ފެނިގެންދާނެ ކަމުގެ ވާހަކަތަކެއް ދެކެވުނެވެ.

"މިސްޓާ އިންޑިއާ 2" އުފެއްދުމުގެ މަސައްކަތް ޝޭކަރް އާ ގުޅިގެން ބޯނީ ކުރަމުން އައި ނަމަވެސް ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ސްރީދޭވީގެ ކުއްލި މަރާ އެކު އެ ފިލްމު އުފެއްދުން ހުއްޓާލައިފި ކަމަށް ޝޭކަރް މިވަނީ ބުނެފަ އެވެ.

މި ފިލްމު އުފެއްދުމުގައި ހަރަކާތްތެރިވަމުން އައި ފަރާތަކުން ވަނީ ސްރީދޭވީ އާ ނުލައި އެ ފިލްމު އުފެއްދުމުގެ އެއްވެސް މާނައެއް ނެތުމުން ފިލްމުގެ އުފެއްދުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި "މިސްޓާ އިންޑިއާ" ގެ ލީޑްރޯލުން ފެނިގެންދިޔަ ތަރިންގެ ތެރެއިން ސްރީދޭވީ އާއި އަމްރިޝް ޕޫރީ މިހާރު ދުނިޔޭގައި ނެތުމުން ފުރަތަމަ ފިލްމުގެ ޖާދޫ ދެވަނަ ފިލްމުގައި ދެއްކޭނެ ކަމަށް ފިލްމުގެ އުފައްދާ ފަރާތަށް ގަބޫލުނުކުރެވޭތީ އެ ފިލްމު އުފެއްދުން ހުއްޓާލީ ކަމަށެވެ.

އަނިލް އާއި ބޯނީ ވެސް ވަނީ ޝޭކަރްގެ އެ ހިޔާލަށް ތާއީދުކޮށް އެ ފިލްމު ނުއުފައްދަން ނިންމާފަ އެވެ.

ދެވަނަ ބައި ޝޭކަރް ޑައިރެކްޓްނުކުރި ނަމަވެސް އޭނާ ވަނީ ސްރީދޭވީ ނެތުމުން އެ ފިލްމު އުފައްދަން ޖެހޭ ކަމާ މެދު ސުވާލު ވެސް ނުއުފެދޭ ކަމަށް ބުނެފަ އެވެ.

"ސްރީދޭވީގެ މަރާ އެކު އެތަކެއް ހުވަފެންތަކެއް ވެސް މަރުވެއްޖެ. "މިސްޓާ އިންޑިއާ" އަކީ ވެސް އޭގެ ތެރެއިން އެކައްޗެއް،" ޝޭކަރް ބުނެފަ އެވެ.

ބޯނީ ކަޕޫރަށް ބޮޑު ބޭބެ ކިޔާ ކުއްޖެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ދުބާއީ އަށް ގޮސް ހުރި ސްރީދޭވީ މަރުވީ އޭނާ ހުރި ހޮޓަލުގެ ކޮޓަރީގެ ބިލިގާގެ ތެރެއަށް ގެނބިގެންނެވެ.