ހަބަރު

ރޯދަ މަހުގެ މަސައްކަތު ވަގުތާ މެދު މަގުހަދާ މީހުން ކަންބޮޑުވެފައި

ހައުސިން މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓްގެ މުވައްޒަފުން މި ރޯދަ މަހުވެސް މާބޮޑު ލުޔެއް ދިނުމެއް ނެތި މާލޭގެ މަގު ހެދުން، ނޫނީ މާލޭ ރިންގް ރޯޑް މަޝްރޫއުގައި ދިގު ވަގުތުތަކަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ބުނެ އެ މުވައްޒަފުން އިންތިހާއަށް ކަންބޮޑުވެއްޖެ އެވެ.

މާލޭގެ ރިންގް ރޯޑް މަޝްރޫއުގެ މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް އެދި "އަވަސް" އަށް ބުނީ، ރޯދަ މަސް މިފަހަރު އެމީހުންނާ ކުރިމަތި ލަނީ އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ ލުއިތަކާ އެކު ނޫން ކަމަށެވެ. އެގޮތުން ރޯދަ މަހުވެސް އެހެން މަސްތަކެކޭ އެއްގޮތަށް ހެނދުނު 8:00 އިން 5:30 އަށް މަސައްކަތަށް ނިކުންނަންޖެހޭ ކަމަށާ އެކަމާ ހެދި ޕަބްލިކް ވޯކްސްގައި މަސައްކަތްކުރާ މުވައްޒަފުން ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.

މަގު ހެދުމުގެ މަސައްކަތުގައި އުޅޭ މީހުން މަސައްކަތްކުރާ ގަޑިތައް މިނިސްޓްރީން ރާވާފައިވަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ދުވާލު މަސައްކަތަށް ނިކުންނަ ގްރޫޕް މަސައްކަތްކުރަންޖެހޭނީ 8:00 އިން ހަވީރު 5:30 އަށެވެ. އެ ދެމެދުގައި އެމީހުންނަށް ދެނީ ނަމާދު ކުރުމަށް 30 މިނިޓްގެ ބްރޭކެކެވެ. ރޭގަނޑު ދަންފަޅީގައި މަސައްކަތްކުރާ މީހުން މަސައްކަތަށް ނިކުންނަންޖެހެނީ ރޭގަނޑު 9:00 ގަ އެވެ. ރޭގަނޑުގެ ކެއުމަށާއި އެހެނިހެން ކަންކަމަށް އެމީހުންނަށް މެންދަމު 1:30 އިން 3:00 އަށް ބްރޭކް ލިބޭނެ އެވެ. އަދި ފަތިހު 3:00 ގައި އަނެއްކާވެސް މަސައްކަތަށް ނިކުމެ ހަތަރަކުން ފަހަކަށް ހާރު ކެއުމާއި ނަމާދު ކުރުމަށް އިތުރު ބްރޭކެއް ލިބޭނެ އެވެ. މި ދަންފަޅީގެ މީހުންގެ ޑިއުޓީ ނިމޭނީ ހެނދުނު 8:00 ގަ އެވެ.

މި މައުލޫމާތު ހިއްސާކުރި މުވައްޒަފު ބުނީ، ރޯދަ މަހަކީ އަޅުކަމުގެ މައްސަރު ކަމަށް ވެފައި ވަރަށް ކުޑަ ވަގުތުކޮޅެއް ނަމާދުކުރުމަށާއި އެހެންވެސް އަޅުކަމުގެ ކަންކަމަށް ލިބޭތީ ކަންބޮޑުވާކަމަށެވެ.

"ގިނައިން މި އުޅެނީ ބަނގްލަދޭޝަ މީހުން. އެމީހުންވެސް ބޭނުންވާނެ ނަމާދުކޮށް ކަންކަން ކުރަން. އަރާމު ވެސް ބޭނުންވާނެ ރޯދަމަސް ފަދަ މަހެއްގަ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޭނުން މިއަށްވުރެ ބޮޑު ލުޔެއް،" އޭނާ ބުންޏެވެ.

މަސައްކަތުގެ ގަޑިތައް ރާވާފައިވާ ގޮތުން މަގު ހެދުމުގެ މަސައްކަތްކުރާ މީހުން ކަންބޮޑުވެފައިވާއިރު، ސަރުކާރު އޮފީސްތަކުގެ އެހެން މުވައްޒަފުން ރޯދަމަހު މަސައްކަތްކުރަންޖެހޭނީ ގިނަވެގެން ފަސް ގަޑިއިރަށެވެ. ސަރުކާރުގެ އާންމު މުވައްޒަފުން ރޯދަ މަހު މަސައްކަތް ކުރަން ޖެހެނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.