ވިޔަފާރި

ވޯލްޑް ކަޕާ ދިމާކޮށް ރަޝިއާގެ ޓެކްސީތަކަށް ރާއްޖޭގެ އިޝްތިހާރު!

އަންނަ މަހު ރަޝިއާގައި ފަށާ، ވޯލްޑް ކަޕްއާ ދިމާކޮށް ރަޝިއާގެ 100 ޓެކްސީގައި ރާއްޖޭގެ މަންޒަރުތައް ޖަހަން ނިންމައި، ރާއްޖެ އިޝްތިހާރު ކުރުން ވަރުގަދަ ކުރަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިއީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ޓޫރިޒަމަށް ކޮށްފައިވާ އަސަރު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށެވެ. މި މަސައްކަތުގެ ދަށުން ރަޝިއާގެ ވެރިރަށް މޮސްކޯގެ 100 ޓެކްސީގައި ރާއްޖޭގެ މަންޒަރުތައް ޖަހާނެ ކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

ރަޝިއާގެ 100 ޓެކްސީގައި ރާއްޖޭގެ އިޝްތިހާރު ޖަހާފައިވަނީ ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ކެޕްވަޓައިސިން ކުންފުންޏަށް 40،000 ޔޫރޯ (ގާތްގަނޑަކަށް 739,288ރ.) އަށް ހަވާލުކޮށްގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތަށް ފަހު މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް ރާއްޖެ ފެނިގެންދާނެ ކަމަށެވެ.

"ވޯލްޑް ކަޕް ކުޅޭ ގައުމަށް ދުނިޔޭގެ ގިނަ ބަޔަކު ދާނެ. މީގެ އިތުރުން ރަޝިއާއަކީ މުހިންމު މާކެޓެއް. ފްލައިޓް ކަނެކްޓިވިޓީ ރަނގަޅު ކުރަން ވެސް މަސައްކަތް ކުރަމުން މިދަނީ. މި މަސައްކަތް މި ކުރަނީ މަޓީ [މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް] އާއި ޓޫރިޒަމް އިންޑަސްޓްރީ ގުޅިގެން،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މަސައްކަތުގެ އިތުރުން ވެސް އެހެން ގައުމުތަކުގައި ރާއްޖެ އިޝްތިހާރު ކުރަން އިތުރު މަސައްކަތް ތަކެއް ކުރެވިގެންދާނެ ކަމަށެވެ.

"އިޓަލީ ފަދަ ގައުމުތަކުގައި ވެސް ދާނެ. ކުރިއަށް އޮތް ދޮޅު މަހެއްގެ ތެރޭގައި މި ހުރިހާ ކަމެއް ރޫލްއައުޓް ވެގެންދާނެ،" ޒަމީރު ވިދާޅުވި އެވެ.

ރަޝިޔާގައި ރާއްޖެ އިޝްތިހާރު ކުރަން އަންނަ މަހުގެ 15 އިން ފެށިގެން ދެ މަސް ދުވަހަށެވެ. މި މުއްދަތުގައި ވޯލްޑްކަޕްގެ 12 މެޗެއް ކުޅޭ ދުވަސްވަރާ ދިމާވާނެ އެވެ. މިގޮތުން ފުރަތަމަ ބުރުގެ އަށް މެޗާއި ދެވަނަ ބުރުގެ ދެ މެޗް އަދި ސެމީފައިނަލް އާއި ފައިނަލް މެޗް ވެސް ހިމެނެ އެވެ.

މި ރަސްމިއްޔާތުގައި ކެޕްވަޓައިޒިން ކުންފުނީގެ އޮފިޝަލް ވިދާޅުވީ ވޯލްޑް ކަޕާ ދިމާކޮށް ބައި މިލިއަން މީހުން މޮސްކޯ އަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މޮސްކޯގެ އާބާދީއަކީ 17.7 މިލިއަން މީހުން. އެހެންވެ މި މުއްދަތުގައި ވަރަށް ގިނަ ބަޔަކަށް ފެނިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ރަޝިއާއަކީ ރާއްޖޭގެ ޓޫރިޒަމްގެ އެންމެ މުހިންމު އެއް މާކެޓެވެ. މިދިޔަ އަހަރު އެ ގައުމުން ރާއްޖެއަށް 61,931 މީހުން ޒިޔާރަތްކުރި އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު އައި 46,522 މީހުންނާ އަޅާ ބަލާއިރު 33.1 ޕަސެންޓް އިތުރު އަދަދެކެވެ.