ރިޕޯޓް

ކޮންމެ ރޯދަ ޕްރޮމޯޝަނެއްގެ ނިޝާނަކަށް ކަރާފަޅި

ރޯދައިގެ ބަރަކާތާއެކު ދިވެހިންނަށް މިއޮތީ ރޯދަ ޕްރޮމޯޝަންގެ މޫސުން މަރުހަބާ ކިޔާފަ އެވެ. ބަދިގޭގައި ބޭނުންކުރާ ތަށި ސަމްސަލުން ފެށިގެން ކޮޓަރި ފިނިކުރާ އޭސީއާ ހަމަޔަށް ފިހާރަތަކުގައި ހުރީ ސޭލް އަޅުވާފަ އެވެ. ރޯދަ ސޭލް އާންމުކޮށް އަޅުވާފައި ހުންނަނީ ރޯދަ މަހަށް ހާއްސަކޮށް މީހުން ގަނެ އުޅޭ ގެއާ ބަދިގެ ސާމާނުގަ އެވެ. ނަމަވެސް މި ތަކެތި ސޭލްއަޅުވައި ފިހާރަތަކުގައި ވަރު ވަރުން ކުރަހައި ދަމާފައި ހުންނަ ރޯދަ ޕްރޮމޯޝަން ބެނާތަކުން ފެންނަ މަންޒަރު ތަފާތެވެ. ފާއިތުވި ޒަމާނާއެކުވެސް "އަޕްޑޭޓް" ނުވި ރޯދަ ޕްރޮމޯޝަން ބެނާގައި އަދިވެސް މުދާތައް ތަމްސީލުކުރަނީ ކަރާ ފަޅިއެކެވެ.

ރޯދަ ޕްރޮމޯޝަންތަކުގައި ކަރާ ބޭނުންކުރަން ފެށުނު ހިސާބެއް އަދި ސަބަބެއް ވެސް ސީދާ ބުނަން ނޭނގެ އެވެ. މީގެ ވިއްސަކަށް އަހަރު ފަހަތަށް ބަލާއިރުވެސް ރޯދަ މަހަށް ހާއްސަކޮށް އެއިރެއްގައި ހުންނަ ނަން މަޝްހޫރު ފިހާރަތަކުގައި ޕްރޮމޯޝަންތައް އަޅުވައެވެ. އޭރުވެސް ގިނަ ބެނާތައް ހަދައިއުޅުނީ ކަރާ ތީމްއަށެވެ. ރޯދަ ޕްރޮމޯ ޕޯސްޓަރުތަކުގައި ރޯދަ ކުލަ ޖައްސަން ކަރާ ބޭނުންކުރަނީ ފަހަރުގައި ރޯދަ މަހު ދިވެހިން އެހެން މަސްތަކާ ހިލާފަށް ކަރާ ބޭނުންކުރާތީ ކަމަށް ވެދާނެ އެވެ. ކޮންމެއަކަސް މި ޕްރޮމޯޝަންތަކުގެ މަގްސަދާއި ވިއްކާ ތަކެއްޗަށް ބަލާއިރު ކަރާ ތީމްގެ ޕޯސްޓަރު ބޭނުންކުރުމުން ނުގުޅޭ އޮޑު ގޮތެއް ހުރެ އެވެ.

"ވަރަށް ފާހަގަ ވޭ ރޯދަ ޕްރޮމޯޝަން ތަކުގަ އަބަދުވެސް ކަރާ ބޭނުންކުރާތީ. އަނެއްހެން މާބޮޑު އިޝޫއެއްވެސް ނޫން. އެކަމަކު ގޮތަކަށް މަޖާ ކަމަކަށް ވަނީ ފަރުނީޗަރާ ހޯމް އެޕްލަޔަންސް ވިއްކާ ފިހާރަތަކުގައި އެތަކެތީގެ އިޝްތިހާރުކޮށްފަ ތިރީގައި ކަރައެއްގެ ފޮޓޯ ޖަހާފަ ހުރުމަކީ. ފަހަރެއްގަ އެހެން އެ ހަދަނީ ރޯދަ ފީލިންގް ގެންނަން ކަމަށް ވެދާނެ،" މާލޭގެ ފިހާރައަކަށް ޓީވީއެއް ގަންނަން ގޮސް ހުރި ކަސްޓަމަރަކު ބުންޏެވެ.

ބައެއް މީހުންގެ ނަޒަރުގައި ރޯދަ ޕްރޮމޯޝަންތަކުގައި ކަރާ ބޭނުންކުރަން ހަމަ އެންމެ ރަނގަޅެވެ. ކަރާ ފޮޓޯ ޖެހި ޕޯސްޓަރު ދެމުމުން ރޯދަ ޕްރޮމޯޝަނެއްކަން ދެނެގަންނަން އެންމެ ކުޑަ ކުއްޖާއަށް ވެސް އެނގޭނެ އެވެ. އަދި މިފަދަ ކަރާ ޖެހި ޕޯސްޓަރުތަކުން ރޯދަ މަހުގެ ރޫހު ޕްރޮމޯޝަން ޕީރިއަޑްގައި ވަރަށް ބޮޑަށް ވައިގައި ހިފާފައި ހުރެ އެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މާކެޓްކުރާ ސްޓައިލްތަކަށް ޝައުގުވެރި އާ ބަދަލުތަކެއް ޒަމާނާއެކު ގެންނަންޖެހެއެވެ.

މިއިން އެއްވެސް ވިސްނުމަކީ ގޯސް ވިސްނުމެއް ނޫނެވެ. ރޯދަ ޕްރޮމޯޝަން ޕޯސްޓަރުތަކުގައި ކަރާ ފޮޓޯވެސް ހަމަ ބޭނުންކުރަންވީ އެވެ. މި ވެސް ސްޓައިލެކެވެ. ދިވެހިންގެ ސްޓައިލެކެވެ