ކުޅިވަރު

ނިއު ގައުމީ ވިސްނުމުގައި، ދެކޮޅަށް އިންޑިއާގެ ދެ ބާރު

ރާއްޖެ އާއި އިންޑިއާއަކީ ފުޓްބޯޅައިގައި އަބަދުވެސް ވާދަވެރި ދެ ގައުމެވެ. އެ ވާދަވެރިކަން ދެ ގައުމުގެ ކުލަބުތަކުގެ މެދުގައިވެސް އޮވެއެވެ. މި ސަރަހައްދުން އޭއެފްސީ ކަޕުގެ ފައިނަލު ބުރަށް ދިއުމުގެ ފުރުސަތު އޮތީ ބެންގަލޫރު އެފްސީ އާއި ރާއްޖޭގެ ނިއު ރޭޑިއަންޓަށެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، މިއަދު ނިއު ނިކުންނާނީ މިދިޔަ އަހަރު އިންޑިއާގެ އައި ލީގްގެ ޗެމްޕިއަން އައިޒޯލް އެފްސީއާ ދެކޮޅަށެވެ. ނިއުގެ ކޯޗް އޮސްކާ ބުރުޒޮން ބަރޭރަސް ގަބޫލު ކުރާ ގޮތުގައި އެއް ގައުމެއްގެ ދެ ކުލަބެއް އެއް ގުރޫޕެއްގައި ހިމެނޭއިރު އެއް ޓީމަކަށް ފުރުސަތު އޮންނަ އިރު އެ ގައުމުގެ އަނެއް ޓީމަށް އެހީތެރިވާން އަނެއް ކުލަބު އޮންނާނެ އެވެ.

އެގޮތުން ބެންގަލޫރު އެފްސީ ދެ ވަނަ ބުރަށް ގެންދިއުމުގެ ފުރުސަތު، އޮތީ އައިޒޯލް އަތް މަތީގަ އެވެ. އެހެންވެ ނިއު އަށް ހުރަސް އަޅަން އިންޑިއާގެ ދެ ބަރު ކުރިމަތީގައި އޮތުމުން ޓީމުން ކުރަން ޖެހޭ މަސައްކަތް ބޮޑު ވާނެ ކަމަށް ބުރުޒޮން ބުންޏެވެ.

އޭނާ ބުނީ، އައިޒޯލް އަށް ސިޒަން ނިމިފައި ވުމުން، އެ ޓީމަށް މިއަދު ފަސޭހަ ވެގެން ދާނެ ކަމަށެވެ.

"މި މެޗަކީ އައިޒޯލް އަށް ސީޒަންގެ ފަހު މެޗު އެހެންވީމަ އެ ޓީމުން ބޭނުން ވާނެ ފަހު މެޗުން ތިން ޕޮއިންޓް ހިފައިގެން ފައިބަން،" އިންޑިއާގެ ގުވަހަޓީގެ އިންދިރާގާންދީ އެތުލެޓިކް ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ކުރިން ބުރުޒޮން ބުންޏެވެ. "އަހަރެމެން ޖެހޭނީ އެކަމަށް ސަމާލުވެގެން ތިބެން.

"ކުލަބު ފުޓްބޯޅަ އެއްކިބާގައި ބާއްވާފައި މިއަދު އަހަރެމެން ނިކުންނަނީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރަުފަތަކަށް ގެންދަން، ނިއު އަށް ފައިނަލު ރައުންޑަށް ދެވިއްޖެނަމަ އެއީ ރާއްޖޭގެ ފުޓްބޯޅަ އަށް ލިބޭނެ ބޮޑު ކުރި އެރުމަކަށް ވާނެ."

ނިއު އާއި އައިޒޯލް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން އިރުއޮއްސި 6:15 ގަ އެވެ. ހަމަ އެ ގަޑީގައި ބެންގަލޫރު އެފްސީ އާއި ބަންގުލަދޭޝްގެ އަބަހާނީ ކުޅޭ މެޗުވެސް ބަންގުލަދޭޝްގެ ޑާކާގައި އޮންނާނެ އެވެ.