އިންޑިއާގެ އައިޒޯލް އެފްސީ އަތުން 2-1 ން ބަލިވެ، ނިއު ރޭޑިއަންޓަށް އޭއެފްސީ ކަޕުގެ ފައިނަލު ސްޓޭޖަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެ އެވެ. އަދި މި ގޫރުޕްގައި ހިމެނޭ އިންޑިއާގެ ގަދަ ބާރު ބެންގަލޫރު އެފްސީ ވަނީ ބަންގުލަދޭޝްގެ ޑާކާ އަބަހާނީގެ މައްޗަށް 4-0 ގެ ނަތީޖާއަކުން މޮޅުވެ ފައިނަލު ސްޓޭޖަށް ދަތުރު ކޮށްފަ އެވެ.
އޭއެފްސީ ކަޕުގެ ގަވާއިދަށް މިދިޔަ އަހަރުން ފެށިގެން ގެނެވުނު ބަދަލާ ގުޅިގެން، މި ސަރަހައްދުން ފައިނަލް ސްޓޭޖަށް ދަނީ ގުރޫޕްގެ އެއް ވަނަ ޓީމެވެ.
މިއަދު ކުޅުނު ގުރޫޕްގެ ފަހު ދެ މެޗަށް ނިކުތް އިރު އެއް ވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ނިއު އާ ބެންގަލޫރަށްވެސް އެއް އަދަދަކުން ޕޮއިންޓް ލިބިފައިވާއިރު ނިއު އެއް ވަނައިގައި އޮތީ ފައިދާ ގޯލުންނެވެ. ނަމަވެސް ފަހު މެޗުން ނިއު ބަލިވެ ބެންގަލޫރު މޮޅުވުމުން، ބެންގަލޫރު ވަނީ 15 ޕޮއިންޓް ހޯދައި ގުރޫޕްގެ އެއް ވަނަ މަގާމު ހޯދާފަ އެވެ. ނިއު އަށް ހޯދުނީ 12 ޕޮއިންޓެވެ.
މެޗުގެ ތިން ލަނޑުވެސް ފެނިގެން ދިޔައީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފުގައި ނިއު އަށް ހަމަލާއެއްވެސް އުފެއްދިފައެއް ނުވެ އެވެ. އައިޒޯލް ކުޅުނީ ވަރަށް ބޮޑަށް ޑިފެންސިވް ގޭމެކެވެ.
އައިޒޯލްގެ ފުރަތަމަ ލަނޑު މެޗުގެ 61 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ކާމިޔާބު ކުރީ އައިވަރީ ކޯސްޓްގެ ލިއޯންސެ ޑޮޑޯޒް ޒިކާހީ އެވެ. އެ ޕެނަލްޓީ އަކީ ނިއުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އައިޒޯލްގެ އަންޑްރޭ ޔޮނެސްކޫއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ. އައިޒޯލްގެ ދެ ވަނަ ލަނޑު 82 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޔޮނެސްކޫ އެވެ.
މެޗުގެ ފަހު ކޮޅު ނިއު ރޭޑިއަންޓްގެ މުޅި ޓީމު ވަނީ މުޅިން ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކޮށްފަ އެވެ. ޓީމުގެ މައި ދެ ޑިފެންޑަރުން ކަމަށްވާ، އަފްގާނިސްތާންގެ ޑިފެންޑަރު އަމީރީ އާއި ގޮޓާވެސް ކުރިއަށް ޖެހުނެވެ. ނިއުގެ ލަނޑު 85 ވަނަ މިނެޓްގައި ގޮޓާ ތަނަވަސް ކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރީ ޒުވާން ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަން އެވެ.
ބަންގުލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގުބަންދު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، ބެންގަލޫރުގެ ޓީމުގެ މުހިންމު ކުޅުންތެރިޔަކަށްވީ ކެޕްޓަން ސްނިލް ޗެތުރީ އެވެ. ބެންގަލޫރުން ފުރުތަމަ ޖެހި ތިން ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދީ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޗެތުރީ އެވެ.
ބެންގަލުރުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޑެނިއަލް ލޫކަސް ސެގޯވިއާ އެވެ. ދެ ވަނަ ލަނޑު 16 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނިޝޫ ކުމާރު އެވެ. ތިން ވަނަ ލަނޑުވެސް ކާމިޔާބު ކުރީ އޭނާ އެވެ. އެ ލަނޑު ކާމިޔާބު ކުރީ 58 ވަނަ މިނެޓްގަ އެވެ. ބެންގަލޫރުގެ ހަތަރު ވަނަ ލަނޑު ޗެތުރީ ކާމިޔާބު ކުރީ 60 ވަނަ މިނެޓްގަ އެވެ.