ލައިފްސްޓައިލް

އިޓަލީގައި ވަގަށް ނެގި ޒުވާނާ ބަނޑޮހުގައި!

May 17, 2018
4

އިޓަލީގައި 1976 ވަނަ އަހަރު މާފިއާ ގޭންކަކުން އެ ގައުމުގެ މުއްސަނދި ޒުވާނަކު ވަގަށް ނެގި ވާހަކަ ވަރަށް މަޝްހޫރުވެ އެ ވާހަކަ މުޅި ދުނިޔޭގައި ހިނގައިގަތެވެ. އޭނާ ވަގަށް ނެގި މީހުން ފަހުން އޭނާ މިނިވަން ކުރި އެވެ. މުޅި ޔޫރަޕް އެކަމަށް ސަމާލުކަން ދިން ނަމަވެސް ކުއްލި ގޮތަކަށް އޭނާ އާއި ދިވެހި ރާއްޖެއަށެވެ. ރާއްޖެ އައިސް ދިވެހި ނޫސްވެރިޔަކާ ބައްދަލުކޮށް މާފިއާ ގޭންގުން އޭނާ ވަގަށް ނެގި ގޮތުގެ މައުލޫމާތުވެސް ހިއްސާ ކުރިއެވެ. އޭނާ ރާއްޖެ އައީ ޖަނަވަރީ 24، 1978 ގައެވެ. ފުރައިގެން ދިޔައީ ޖެހިގެން އައި ފެބުރުއަރީ 12 އިގަ އެވެ. އެއީ އޭނާ ބޭނުންވި ގޮތެވެ. އޭރުގެ މައުލޫމާތު ފެތުރުން އޮތް ގޮތުން އެކަން އެހިސާބަށް އޮބިގެން ދިޔައީ އެވެ. އޭގެ 42 އަހަރު ފަހުން މި ނިއުޅައިލަނީ އިޓަލީގެ އެ ޒުވާނާ ރާއްޖޭގެ "މޫންލައިޓް" ނޫހުގެ ނޫސްވެރިޔާއަށް ބަނޑޮސް އައިލެންޑް ރިސޯޓްގައި ދިން އިންޓަވިއުގެ ހުލާސާ އެވެ.

މާފިއާ ގޭންގް ކިބައިން މިނިވަން ވުމާއެކު އުމުރުން 24 އަހަރުގެ ޖިއުސިއްޕެ ޑިފްރެސްކޯ، ރާއްޖެ އަންނަ ބޭނުންވީ އެ ވާހަކަތަކުން ސުވާލު ކުރާ މީހުންނާއި އެ މާހައުލާ ވެސް ދުރަށް ޖެގި އެކަނިވެލައިގެން އޮތުމަށެވެ. އަދި އެކަހެރި ގޮތެއްގައި ނޫސްވެރިޔަކާ ބައްދަލުކޮށް ވާހަކަތައް ކިޔައިދޭށެވެ. ރާއްޖެ އައިސް އޭނާ އިންޓަވިއުއެއް ދީފައި މޫންލައިޓްގެ ރިޕޯޓަރު ހީނާ އިބްރާހިމް އިސްމާއީލަށެވެ.

އިޓަލީގައި ވަގަށް ނެގި ޒުވާނާއަކީ އިޓަލީގެ ނޭޕްލްސް އަށް އުފަން ޒުވާނެކެވެ. އޭނާގެ އާއިލާއަކީ ފުދޭވަރެއްގެ މުއްސަނދި ކަމެއް އޮތް ތަނަވަސް އާއިލާއެކެވެ. އޭރު ޔުނުވާސިޓީއެއްގައި ކިޔަވަމުން އައި ޑެފްރެސްކޯއަކީ އާއިލާގައި ހުންނަ ހަމައެކަނި ފިރިހެން ދަރިފުޅެވެ. ދެން ތިބެނީ އަންހެން ކޮއްކޮއަކާއި ދެ ދައްތައެކެވެ. އޭގެ ތެރެއިން އެއް ދައްތަ މަސައްކަތް ކުރަނީ އިންޝުއަރެންސް ކުންފުންފުންޏެއްގެ އިސް ވަޒީފާއެއްގަ އެވެ. އޭނާގެ ފިރިމީހާ އުޅެނީ އަލިޓާލިއާ އެއާލައިންސްގެ ރަނގަޅު ހިސާބެއްގަ އެވެ. އަނެއް ދައްތަގެ ފިރިމީހާއަކީ ކޮމާޝަލް ޝިޕިން ކުންފުންޏެއްގެ އިސް އޮފިޝަލެކެވެ. ޑިފްރެސްކޯގެ ބައްޕަ މެސިމޯ ޑިފްރެސްކޯއަކީ އިޓަލީގައި ވަރަށް ބޮޑު މަޝްހޫރު
ކަމެއް ހޯދާފައިވާ ގާނޫނީ ވަކީލެކެވެ. މަންމަ، މާރިއާ މިލްކުގައި އޯރެންޖާއި ލުނބޯ ދަނޑުތައް އޮވެ އެވެ. އެހެން ކަމުން އެއީ ފައިސާގެ ގޮތުން ތަނަވަސް އާއިލާއެކެވެ.

ދިވެހި ރިޕޯޓަރު ޑިފްރެސްކޯއާ ބައްދަލު ކުރީ ކޮންތާކު؟

މޫންލައިޓްގެ ރިޕޯޓަރު ހީނާ އިބްރާހިމް އިސްމާއިލް ލިޔެ އެވެ: އިޓަލީގައި ވަގަށް ނެގުމުގެ ސަބަބުން މުޅި ދުނިޔެއަށް މަޝްހޫރުވި ޑިފްްރެސްކޯއާ އަހަރެން ބައްދަލުވީ ރާއްޖޭގެ ބަނޑޮސް އައިލެންޑް ރިސޯޓްގެ ރިޝެޕްޝަން އޭރިއާއިންނެވެ. އޭރު އޭނާ އިނީ އަރާމު ކޮށްލުމަށްޓަކައި އެ ސަރަހައްދުގައި މަޑުކޮށްލައިގެންނެވެ.

އަހަންނާ ބައްދަލުވުމުން ޑިފްރެސްކޯ ވަރަށް އުފާވި އެވެ. އޭނާ ބުނި ގޮތުގައި އޭނާ ރާއްޖެއަށް އައީ މާފިއާ ގޭންގަކުން ކިޑްނެޕްކޮށް އޭނާ ވަގަށް ނަގައިގެން ގެންގުޅެ، ދިން އަނިޔާތަކާ ދުރުވެ އަރާމް ކޮށްލާށެވެ.

"އެ އަނިޔާވެރި 'ޖަލުން' މިންޖުވުމާއެކު އަރާމްކޮށްލަން އަހަނަށް ހިޔާލު ކޮށްލެވުނު ތަނަކީ ދިވެހި ރާއްޖެ،" އިންޓަވިއުގައި އޭނާ ބުނެފައި ވެއެވެ.

ހަތިޔާރު އެޅި މާފިއާ ގޭންގަކުން ޑިފްރެސްކޯ ވަގަށް ނެގީ ސެޕްޓެމްބަރު 22، 1976ގަ އެވެ.

ބަނޑޮހުގެ ލޮބީގައި އިނދެގެން މޫންލައިޓްގެ ރިޕޯޓަރަށް އޭނާ އެ ވާހަކަތައް ކިޔައިދިން އިރު އޭނާގެ ވާހަކަ ދުނިޔެއަށް މަޝްހޫރުވެފައި ވަނީ "މާފިޔާއިން މިނިވަން ކުރި އިރު ބިރުވެރި ޖަނަވާރެއްހެން ފެނުނު ޒުވާނާ"ގެ ގޮތުގަ އެވެ.

އޭނާ ބުނި ގޮތުގައ ނޭޕްލްސްގެ ދެކުނުގެ ރަށެއް ކަމަށްވާ ކަލަބްރިއާއަށް އޭނާ ދިޔައީ ޗުއްޓީއެއް ހޭދަކޮށް އަރާމުކޮށްލާށެވެ. ސެޕްޓެމްބަރު 22، 1976 ދުވަހުގެ ރޭ ހޭދަ ކުރީ ރައްޓެއްސަކާއެކު އެތާނގެ ބާއެއްގަ އެވެ. އެރޭ ގާތްގަނޑަކަށް މެންދަމު 3:00 ޖެހިރު އެ ބާއިން ނުކުމެގެން ދަނިކޮށް ކުއްލިއަކަށް ކުރި މައްޗަށް ކާރެއް ހުރަސްކޮށް މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއިން ފުންމާލި އެވެ. އެ މީހުން ތިބީ ފިސްތޯލަ އާއި ރައިފަލްތަކާވެސް އެކުގަ އެވެ.

"އެތަނުން އެ މީހުން ބޭނުންވީ އަހަރެން!"

ކާރު ފޭބި މީހުން ޑިފްރެސްކޯ ޖަހައިގަތީ އޭނާގެ ރަހުމަތްތެރިޔާ ބިންމައްޗަށް ގުޅައަކަށް ޖެހުމަށްފަހު އެވެ. ޑިފްރެސްކޯއާއެކު ކާރުގައި އެމީހުން ދެމިގަތީ ކަލަބްރިއާގެ ފަރުބަދަތަކުގެ ތެރެއަށެވެ. އޭގެ ފަހުން ކާރުން ބާލައި އޭނާ ގެންގޮސް ވެއްދީ ފަރުބަދައިގެ ހޮޅައެއްގެ އަނދިރިކަމުގެ ތެރެއަށެވެ. ހޮހޮޅައިގެ ތެރެއަށް ދަމައިގަތުމުގެ ކުރިން ކާރު ތެރޭގައި ޑިފްރެސްކޯ ބައިންދާފައި އިނީ ވެސް ކަނުބަނދެފައިވާ ގޮތަށް މޫނާއެކު ނިވާ ކޮށްފަ އެވެ. ހޮހޮޅައިގެ ތެރެއިން ބިންމަތީގައި ބޭންދުމަށް ފަހު އެނާއަށް ކުރި ފުރަތަމަ އަމުރަކީ ބޯމަތިން ވައްޓައިލުމުން އުޅަނބޮއްޓާ ހަމައަށް ފައިބާ ކަޅު ފޮތިގަނޑާއެކު ކިޔަމަންތެރި ކަމާއެކު އިނުމަށެވެ. އެ ފޮތިގަނޑު ހިއްލައިލަން ކުޑަވެސް ހަރަކާތެއް ކޮށްލައިފިނަމަ ބަޑި ޖަހައި މަރާލާނެ ކަމުގެ ވަރުގަދަ އިންޒާރު ވެސް ދިނެވެ.

ހީނާ އިބްރާހިމް އިސްމާއީލަށް ޑިފްރެސްކޯ ކިޔައިދިން ގޮތުގައި އެ ހޮހޮޅައިގެ ތެރޭގައި އޭނާ އިންނަ އިރު ވަރަށް ގާތުގައި އަބަދުވެސް ފާރައަށް މީހަކު ހުރެ އެވެ.

"އެތާނގައި ފާހާނާ ކުރަނީ ވެސް އެގޮތުގައެވެ. ފާހާނާކޮށް ނިމުމުން ވަރަށް ކުޑަ ކަރުދާސްކޮޅެއް ދިއްކޮށްލައިފާނެ އެވެ. އެ ކަރުދާސްކޮޅުން ސާފުވެވުނު ވަރަކަށް ވަނީ އެވެ. އިތުރަށް ފެން ފޮދެއް ވެސް ކާރުދާސްކޮޅެއް ވެސް ނުދެ އެވެ. ކާން ދެނީ ކުނިވެފައިވާ ޕާނާއި ނުބައިވެފައި ހުންނަ ގެރި މަސް ފާޑުގެ މަހެކެވެ. އެވެސް ވަރަށް ކުޑަ މިންވަރެކެވެ،"

އޭނާ ބުނި ގޮތުގައި ކާންވުމުން އަނގައާ ދިމާއިން ކުޑަ ފޮތިކޮޅެއް ހިއްލާލައި އެއް ފަރާތަކަށް އެނބުރިލައިގެން ކައިލަނީ އެވެ. އެހެން އިންނަ އިރު އެހެން ދިމާއަކަށް ބެލުން އޭނާއަށް މަނަލެވެ. އަދި އެތާނގައި ތިބޭ މީހުންވެސް ތިބެނީ ހަމަ އެކަނި ލޯ ފެންނަ ގޮތަށް ނިވާވެގެނެވެ. އެ މީހުންގެ ސިފަ އެނގޭވަރެއް ނުވެ އެވެ. ހަމައެކަނި އެނގެނީ އިސްކޮޅުގެ ދިގު ކުރު މިނެވެ.

ހޮހޮޅައިގައި ޑިފްރެސްކޯއަށް އަހުވަ ދައްކަމުން ދިޔައިރު މާފިއާ، އެ ގޭންގުން އޭނާގެ އާއިލާއަށް ގުޅައިގެން ފައިސާއަށް އެދެމުން ދިޔައެވެ. ދަރިފުޅު ސަލާމަތުން މިނިވަން ކުރުމަށް ރެންސަމް އެއްގެ ގޮތުގައި އެ މީހުން ޑިމާންޑް ކުރަމުން ދިޔައީ 2،000،000،000،000 އިޓަލިއަން ލީރާ އަށެވެ. އެ މުއާމަލާތްތައް ކުރަމުން ދިޔައީ ފޯނެއް މެދުވެރިކޮށެވެ.

އާއިލާއިން އަންގަނީ އެ އަދަދު ދެވެން ނެތް ކަމަށެވެ. ދެން އަންގަނީ ދެ މަސް ދުވަހުގެ ތެރޭގައި އެންމެ ކުޑަ އަދަދަކަށް ހަހާސް މިލިއަން ލީރާ ދެއްކުމަށެވެ.

"މި ގޮތަށް އެއްބަސްވުމަކަށް އާދެވުނު! ދެން ވާހަކަ ދެކެވުނީ އެ ފައިސާ ބަދަލު ކުރާނެ ގޮތަކާމެދު" އޭނާ ބުންޏެވެ.

ހުރިހާ އެންގުމެއްވެސް އާއިލާއަށް އަންގަނީ ޑިފްރެސްކޯގެ ހާޒިރުގަ އެވެ. ދެން ވާހަކަ ދެކެނީ ފައިސާ ބަދަލު ކުރާނެ ގޮތަކާ ބެހޭ ގޮތުންނެވެ. އެ ވާހަކައަށް ނިމުން އައީ ކަލަބްރިއާގެ ފަރުބަދަތަކުގެ ތެރެއިން މިހުން ދަތުރުކޮށް ނޫޅޭ މަގެއްގެ ވަކި ހިސާބެއްގައި ކުޑަ ރުމާލެއް އޮންނާނެ އެވެ. އެ ރުމާލުގެ މަތީގައި ފައިސާ ބަހައްޓާށެވެ. އަދި އެތާނގައި މަޑު ކުރުމަކާއި ނުލައި މަޑުމަޑުން ކާރުގައި ދާތާކަށް ދާށެވެ.

"ބައްޕައާ މަންމަމެން މި ގޮތަށް ކަންތައް ކުރުމުން އަނެއްކާވެސް އެންގީ އަދި އިތުރު ފައިސާ ބޭނުން ކަމަށް. ބައްޕަ އެންގީ އޭނާގެ އަތުގައި އިތުރަށް ފައިސާއެއް ނެތް ކަމަށް އަދި ދެން ކުރެވޭނެ ކަމެއްވެސް ނެތް ކަމަށް،"

ޑިފެގްރެސްކޯ ބުނި ގޮތުގައި އެހުރިހާ ކަމެއް ހިނގަމުންދިޔައިރު އޭނާ އެ ހޮހޮޅައިގެ ތެރޭގައި އޭނާ އިނީ ބަންދުކޮށްފައިވާ ޖަނަވާރެއް ފަދައިންނެވެ. ވަރަށް ބޮޑަށް ރޮއި ހިތާމަ ކުރެވެ އެވެ. އެކަމަކު އެ ރުއިމާއި ހިތާމައިން އެމީހުންގެ ހިތަކަށް އަސަރެއް ވެސް ނުކުރެއެވެ.

އިތުރު ފައިސާ ނެތް ވާހަކަ އެންގުމާއެކު ދެވެން އޮތް ފައިސާއެއް ވިއްޔާ އާއިލާއިން ދިނެވެ. އެ ދިނުމުންވެސް އަހަރެން ދުކޮށް ނުލުމުން އާއިލާއިންވެސް އަހަންނާ މެދު އުންމީދު ކަނޑާލީ އެވެ. އޭނާ ބުނި ގޮތުގައި އޭނާ ވެސް ހަޔާތާމެދު އުންމީދު ކަނޑައިލީ އެވެ.

ހޮހޮޅައިގެ ތެތޭގައި ތިން މަސްވީއިރު ބޮލާއި ތުނބުޅި ދިގުވެ ނިޔަފަތިތަކަށް ވެސް ޖަނަވާރެއްގެ ސިފަ އަތުވެއްޖެ އެވެ. ފެން ނުވެރޭތީ އާއި ގައިން ތާހިރު ނުވެވޭތީ ހަމުގެ ކުލަވެސް މުޅީން ގެއްލިއްޖެ އެވެ.

ތިން މަހަށް ވުރެ އިތުރު ވެއްޖެ އެވެ؛ އިންސާނަކު ލޮލަށް ނުފެންނަ އިރު މީހަކު ވާހަކަ ދައްކާލާ އަޑުވެސް ނީވެ އެވެ. ފާރައަށް ތިބޭ މީހުން ވެސް އެ މީހުން އެކަކު އަނެކަކަށް އެއްޗެއް ބުނެ އުޅެނީ ހާލުން ހާލުންނެވެ. ވާހަކައެއް ދެއްކި ނަމަވެސް އެއީ ކޮން ބައެއްކަން އެނގިދާނެ ކަމަށް ބަލައި އެމީހުން ވާހަކަ ދައްކަނީ ނޭފަތުގައި ހިފަހައްޓައި އަޑު ނޯށަށް އަރުވައިގެނެވެ.

ދުވަސްތައް ނިއުޅެމުން ޑިފްރެސްކޯގެ އިސްތަށިގަނޑު ކޮންޑަށްވުރެ ތިިރިއަށް ދިގުވެއްޖެ އެވެ. ތުނބުޅިވެސް އެހާލެވެ. މަތިމަސް އަނގައަށް ވަދެ އެވެ. މީހާ ތަތްތެޅިފައިވާ ޖަނަވާރެއް ފަދަ އެވެ. އޭރު އާއިލާއަށް އިތުރުރަށް ދެވޭނެ ފައިސާއެއް ނެތްކަން އަންގާފައި ވުމާއި އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވާން ފަށައިފި އެވެ. އެހެންވެ އެ މީހުން ވެސް ހާސްކަމުގެ ތެރެއަށް ގޮސް އިތުރަށް ކުރެވޭނެ ކަމެއް ނެތިއްޖެހެން ހީވެ އެވެ.

ޖަނަވަރީ 3، 1977: މެންދަމުން 3 ޖެހި ވަގުތު

މާފިއާ ގޭންގުން ކުއްލި ގޮތެއްގައި ހޮހޮޅައިން ބޭރަށް ޑިފްރެސްކޯ ނެފެރި އެވެ. ފަރުބަދަ ތަކުގެ ތެރެއިން އޭނާ ގެންދިޔައީ ގޮނޑުދޮށަށެވެ. އެތާނަގައި ބައިންދާފައި އަމުރެއް ކުރި އެވެ.

"15 މިނެޓް ފަހުން ބޮލާއި މޫނުގައިވާ ފޮތިގަނޑު ނަގާށެވެ."

ދެން އެންގީ އެ މީހުންނާ ބެހޭ އެއްވެސް ވާހަކައެއް ފުލުހަށް ދީ އެފަދަ އެއްވެސް ހަރަކާތެއް ހިންގައިފިނަމަ މަރާލާނެ ކަމަށެވެ. އެ ދަންވަރުގައި އޭނާ މިނިވަންކޮށް ދޫކޮށްލަނީ ވަގަށް ނެގުނު ފުރަަތަމަ ފަހަރަށް ވާތީ އާއި ފުދޭވަރަށް ފައިސާ ވެސް އައިލާއިން ދީފައިވާތީ ކަމަށް ވެސް އެންގި އެވެ.

ފަނަ މިނެޓް ފަހެވެ؛ ބޮލުގައިވާ އުރަ ދަމައިގަތުމުން ޑިފްރެސްކޯއަށް އަލުން ދުނިޔެ ފެނުނެވެ. އޭނާ އަށް އެގޮނޑުދޮށުން ހިނގައި ގަނެވުނީ އެ ދިމާގައިވާ ބޮޑު މަގަކަށެވެ. ދެން އުޅެވުނީ އެ މަގުމަތީން ކާރުތައް މަޑު ކުރުވޭތޭތޯ އެވެ. ފަތިސް އައްޔާ ކައިރިވި އިރު ހަތަރު ފަސް ކާރެއް ހުއްޓި އެވެ. ނަމަވެސް ޑިފްރެސްކޯގެ ސިފަ ފެނިފައި ދުވެލި ބާރުކޮށްލައި އަވަހާ ދަނީ އެވެ. އޭގެ ފަހުން ފުލުސް ކާރެއް ހުއްޓި އެވެ.

"އެ މީހުން ވެސް ފުރަތަމަ އެހީ ކަލެއަކީކާކުހޭ؟ އޭރު ބަޑި ވަނީ އަހަންނާ ދިމާއަށް ދިއްކޮށްފައި. ދެން އަންހަނީ ކަލޭ ބޭނުންވަނީ ކިހާ ފައިސާއެއްހޭ؟ އަހަރެން ބުނިން އަހަންނަކީ ކަލޭމެން ގެއްލިގެން އުޅޭ ޖިސެއްޕެ ޑިފްރެސްކޯއޭ"

އޭނާ ބުނި ގޮތުގައި އޭނާގެ ވާހަކަ އިވުމުން ފުލުހުން އޯގާތެރި އަތް ދިއްކޮށްލި އެވެ. އަދި އެހީތެރިވެދީ އާއިލާއަށް އޭނާގެ ވާހަކަ އެންގީ އެވެ. އޭގެ ފަހުން އާއިލާއިން މަތިންދާ ބޯޓެއްގައި އައިސް ނޭޕްސްއަށް އޭނާއާއެކު އުދުހުނީ އެވެ.

ޑިފްރެސްކޯ ވަގަށް ނެގީ ގިނަ ދުވަހުން އޭނާއާބެހޭ ވަރަށް ގިނަ މައުލޫމާތު ހޯދައި އެއްކޮށްގެނެވެ. އިޓަލީގައި ފައިސާވެރި ވަރަށް ގިނަ މީހުނަށް މިގޮތް މެދުވެރި ވެއެވެ.

"އެކަމަކު އަހަރެން ވަގަށް ނެގި މީހުނާ ބެހޭ ގޮތުން އެއްޗެއް ބުނާކަށް އަހަންނަކަށް ނޭނގޭ،" މުންލައިޓަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާ ރާއްޖެ އައީ އަރާމްކޮށްލުމުގެ އިތުރު އެ ވާހަކަތަށް ކޮންމެވެސް ނޫސްވެރިއަކަށް ކިޔައިދޭ ހިތްވެގެނެވެ. އެކަމަކު އެކަހެރިކޮށެވެ.

"ދިވެހި ރާއްޖެ އަހަންނަށް ސިފަ ވަނީ ދުނިޔެ މަތީގެ ސުވަރުގެއެއްގެ ގޮތުގައި، މި ވާހަކަ މި ކިޔައިދިނީ ވަރަށް ހިތްހަމަޖެހިގެން އުފަލުން. އަހަރެން ދެން ކަލަބްރިއާކަށް ނުދާނެ"