ދުނިޔެ

އައިއެސް އިން ސީރިއާގެ ދެބައިކުޅަ އެއްބައި ހިފައިފި

May 23, 2015

ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރުގެ ފުރިހަމަ ކޮންޓްރޯލް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހޯދައި ސީރިއާގެ ދެބައިކުޅަ އެއްބައި ސަރަހައްދު އެ ޖަމާއަތުގެ ބާރުގެ ދަަށަށް ގެނެސްފި އެވެ.

ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންނާ ގުޅުން އޮންނަ އެކްޓިވިސްޓުންގެ ގްރޫޕެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން އިއްޔެ ބުނި ގޮތުގައި އައިއެސް އިން ވަނީ ސީރިއާ އާއި އިރާގު ގުޅޭ ބޯޑަރު ހުރަސްކުރަން ހަދާފައިވާ މަގުތަކުގެ ތެރެއިން ސަރުކާރު ސިފައިންގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި މަގު ވެސް ހިފާފަ އެވެ. އަލްތަންފު (އިރާގު މީހުން ކިޔާ ގޮތުން އަލްވަލީދު) މަގު ހިފުމާ އެކު، ބޯޑަރު ހުރަސްކުރަން ހަދާފައިވާ ހުރިހާ މަގެއް މިހާރު ކޮންޓްރޯލް ކުރަނީ އައިއެސްގެ ހަނގުރާމަވެރިން ކަމަށް އެ ޖަމާއަތުން ބުންޏެވެ.

"އެއާ އެކު، ސީރިއާގެ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް އޮތީ އައިއެސްގެ ބާރުގެ ދަށުގައި. އެއީ މުޅި ސީރިއާގެ ދެބައިކުޅަ އެއްބައި،" އިނގިރޭސި ވިލާތުގައި މަސައްކަތް ކުރާ އޮބްޒަވޭޓަރީން ބުންޏެވެ.

ސީރިއާގެ ދައިރު އައް ޒޫރު އަދި ރައްގާ ޕްރޮވިންސުގެ ބޮޑު ބައެއް އައިއެސް އިން ހިފާފައި ވާއިރު، ހަސާކާ އާއި ހަލަޕް އާއި ހޯމްސް އަދި ހަމާ ޕްރޮވިންސުގައި ވެސް އެ ޖަމާއަތުގެ ބާރު ވަނީ ގަދަކޮށްފަ އެވެ. މީގެ އިތުރުން، އެ ޖަމާއަތުން ވަނީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އާސާރީ ތަރިކަތައް ހުރި ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ ވެސް މިދިޔަ ހަފުތާގައި ހިފާފަ އެވެ.

ތާރީހާއި ސަގާފަތާ ބެހޭ އދ.ގެ ޖަމިއްޔާ (ޔުނެސްކޯ) އިން ބަލަހައްޓާ ދުނިޔޭގެ މުހިއްމު އާސާރީ ތަންތަނުގެ ލިސްޓުގައި ވެސް ހިމެނޭ ޕަލްމައިރާ އަކީ ރޯމަން ހަޟާރަތުގެ އެންމެ މުހިއްމު އެއް އަވަށެވެ. ވިޔަފާރީގެ މައި މަރުކަޒެއްގެ ގޮތުގައި ރޯމަނުން ބޭނުންކުރި މި އަވަށަކީ ގަދީމީ ރޯމަނުންގެ ބިނާތައް މިހާރު އެންމެ ރީއްޗަށް ފެންނަން ހުރި އެއް ސިޓީ އެވެ. އެ ގޮތުން، ފުރަތަމަ ގަރުނަށް ނިސްބަތްވާ، ރޯމަނުންގެ ބިނާތަކާއި ބަގީޗާތައް މި ސިޓީން ފެންނަން އެބަހުއްޓެވެ.

ކުރިން ހިފި ބައެއް ތާރީހީ އަވަށްތަކުގައި ހުރި ބުދުތަކާއި ގަދީމީ ބިނާތައް ތަޅައި ސުންނާފަތިކޮށްފައިވާ އައިއެސް އިން ޕަލްމައިރާގެ ތަރިކަތަކަށް ގެއްލުން ދީފާނެތީ، އެކަމާ މެދު ސީރިއާ ސަރުކާރާއި ބައިނަލްއަގުވާމީ ދުނިޔެ އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި، ޔުނެސްކޯ ވެސް ހިމެނެ އެވެ.

މީގެ އިތުރުން، އަވަށްޓެރި އިރާގުގައި ވެސް އައިއެސް އިން ވަނީ މިދިޔަ ހަފުތާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

އިސްލާމީ ހިލާފަތެއް ކަމަށް ދައުވާކުރާ ޓެރަރިސްޓް ޖަމާއަތުން މިދިޔަ އާދިއްތަ ދުވަހު ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި ސަރުކާރު ސިފައިންނަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

މި ގޮވާލުމާ އެކު، އީރާނުން އެހީވާ ޝީއީ ހަނގުރާމަވެރިންގެ ފައުޖެއް މިހާރު ވަނީ ރަމާދީގެ އިރުމަތިން 20 ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށެއް ކަމަށްވާ ހައްބާނިއްޔާ އަށް ޖަމާވެފަ އެވެ. ޝީއީ ހަނގުރާމަވެރިންގެ މައި ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި 3،000 އަށް ވުރެ ގިނަ ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ އެ ފައުޖު މިހާރު ތިބީ ހައްބާނިއްޔާގެ މައި އަސްކަރީ މަރުކަޒުގައި ގާއިމްވެގެންނެވެ.

އެހެން ނަމަވެސް، ޝީއީ ހަނގުރާމަވެރިންނާ ކުރިމަތިލުމަށް އައިއެސްގެ ލަޝްކަރެއް މިހާރު ވަނީ އެ އަސްކަރީ މަރުކަޒާ ދިމާލަށް މިސްރާބު ޖަހާފަ އެވެ.

ރަމާދީ ހިފުމާ އެކު، އެ ސިޓީ ހިމެނޭ އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު ހައިދަރު އަލް-އަބާދީއާ، ކުރިމަތި ލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.

އިރާގާއި ސީރިއާގެ ބޮޑު ބައެއް ކޮންޓްރޯލް ކުރަމުންދާ އައިއެސް އިން ދައުވާކުރާ ގޮތުގައި އެ ޖަމާއަތުން ހިފާފައިވާ ސަރަހައްދުތަކަކީ އިސްލާމީ ހިލާފަތެކެވެ. އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް-ބަގުދާދީ ވަނީ އެ "ހިލާފަތަށް" ހިޖުރަކުރުމަށް ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އުޅޭ މުސްލިމުންނަށް ގޮވާލާފަ އެވެ.